ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ މަލާމާތުގެ މެސެޖެއް ރޮޒޭއާއި ފަޔާއަށް

Mar 10, 2022
5

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒައިނާ އާދަމް ކެންޑިޑޭޓުންގެ ގޮތުގައި ތިއްބަވައިގެން ހަޑިކޮށް ނޫޅުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

މަލާމާތުގެ ރައްދެއްގެ ގޮތުގައި ރައީސް ނަޝީދު މިކަމަށް އެދިވަޑައިގެންނެވީ އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕްގައި ކުރެއްވި މެސެޖެއްގަ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންގެ މަގާމަށް ފައްޔާޒު އިސްމާއީލް ވާދަކުރައްވާއިރު ރޮޒައިނާ ވާދަކުރައްވަނީ އަންހެނުންގެ ރޫހުގެ ރައީސްގެ މަގާމަށެވެ.

ރައީސް ނަޝީދު މެސެޖު ފެއްޓެވީ ރޮޒައިނާއާއި ފައްޔާޒުގެ ނަން ޖެއްސެވުމަށްފަހު އެ ދެ ބޭފުޅުންނަކީ ދެ ކެންޑިޑޭޓުން ކަން ހަނދާންކޮށްދެއްވުމަށްފަހު އެވެ.

އޭގެފަހުން އެ ދެ ބޭފުޅުންނަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ "އެހާ ބޮޑަށް އަތް އުކާފައި ކަނޑިކި ނަގާ، ކަރުބުޑުން ނެރޭ އަޑުފަށްގަނޑު ނެރި، ހަޅޭއްލެވުން އެއީ މިޕާޓީއަށް ލިބޭ ވަރަށް ބޮޑު ހުތުރެއް" ކަމަށެވެ.

މިނިސްޓަރު ފައްޔާޒަށް އަމާޒު ކުރައްވާ ނަޝީދު އިތުރަށް ވިދާޅުވީ އެމަނިކުފާނަށް އެންމެ ގިނައިން މިހާރު ލިބޭ މެސެޖަކީ ބައެއް މީހުން މަޖުބޫރުވެގެން ކެމްޕޭން ކުރާ ވާހަކައާއި އެކަމަކު އެ މީހުން ރައީސް ނަޝީދާ ދެކޮޅު ނޫން ކަމަށް ބުނާ މެސެޖު ކަމަށެވެ. ފައްޔާޒު ކެމްޕޭންގައި އުޅޭ ބައެއް މީހުން އޭނާ އަށް ތާއީދުކުރަނީ ފައްޔާޒު އެމީހުންނަށް ނުފޫޒު ފޯރުވައި ބިރުދައްކާތީ ކަމަށް އިމްތިޔާޒަށް ތާއީދުކުރާ ބައެއް މީހުން ގެންދަނީ ތުހުމަތުކުރަމުންނެވެ.

ރައީސް ނަޝީދު މަލާމާތުގެ މެސެޖެއް ކުރައްވާފައި މިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ފައްޔާޒާއި ރޮޒައިނާ ކޯފާ އިސްކުރައްވާ ވާހަކަދެއްކެވުމުން ކަމަށް ބެލެވެ އެވެ. އެކަމަކު އެ ދެ ބޭފުޅުން ތުހުމަތުކުރައްވާ ގޮތުގައި އެރޭގެ ބައްދަލުވުން ހޫނުކުރީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އާއި ޗެއާޕާސަން ކަމަށް ފައްޔާޒުއާ ވާދަކުރައްވަމުން ގެންދަވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ އަޑީގައި ތިއްބަވައިގެންނެވެ.

އަންގާރަ ދުވަހުގެ ރޭ އޮތް ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ކުރިން އަންނަ މަހުގެ 16 ވަނަ ދުވަހު އޮތް އިންތިހާބު ރޯދަ މަހާ ދިމާވާތީ މިއަހަރުގެ މެއި 14 ވަނަ ދުވަހަށް ފަސްކުރުމަށް ފާސްކޮށްފަ އެވެ. އިންތިހާބު ފަސްކުރަން ގައުމީ މަޖިލީހަށް ހުށަހެޅުއްވީ އިމްތިޔާޒުއާ ވާދަކުރައްވަމުން ގެންދަވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ކެމްޕޭން މެނޭޖަރު އިބްރާހީމް ވަހީދު (އިބްރޭ) އެވެ. ގައުމީ މަޖިލީހުގައި އެވަގުތު ތިއްބެވި 115 މެންބަރުންގެ ތެރެއިން 100 މެންބަރުން އެ ހުށަހެޅުމަށް ތާއީދުކޮށް ވޯޓު ދެއްވި އެވެ. އިމްތިޔާޒުގެ ޓީމުން ވޯޓު ދިނީ އިންތިހާބު ފަސްކުރަން ނުފެންނަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ފޯރި، ވަކިން ހާއްސަކޮށް ޗެއާޕާސަން ހޮވުމުގެ އިންތިހާބުގެ ފޯރި ވަރަށް ބޮޑަށް ގަދަވެ އެމްޑީޕީ ވަނީ ދެބައި ވެފަ އެެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރާ އެމްޑީޕީގެ މެންބަރުން ފައްޔާޒާ އެކު ތިބިއިރު ރައީސް ނަޝީދަށް ތާއީދުކުރާ މީހުން ތިބީ އިމްތިޔާޒާ އެކު އެވެ. ރައީސް ނަޝީދާއި ރައީސް ސޯލިހް ވެސް އެ ދެ ބޭފުޅުން ތާއީދުުކުރައްވާ ކެންޑިޑޭޓުންގެ ނަންތަކެއް އަދި ހާމައެއް ނުކުރައްވަ އެވެ.