ޕާޓީގެ ކިތަންމެ އިސް މަގާމެއްގައި ހުންނެވި ބޭފުޅެއް ނަމަވެސް ފިޔަވަޅު އަޅަންޖެހޭ ހާލަތު އައުމާއެކު އެ ބޭފުޅަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ 13 މެންބަރަކު ޕާޓީން އިއްޔެ ވަކިވެވަޑއިގެންފައި ވަނިކޮށް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ފައްޔާޒު ވިދާޅުވީ ޕާޓީން ވަކިވެވަޑައިގެންނެވި ބޭފުޅުން ޕާޓީއާ ހިޔާލުތަފާތުވެ އަސާސީ ގަވައިދާ ހިލާފަށް އުޅުއްވާތާ ކިތަންމެ ދުވަހެއް ކަމަށެވެ.
މަޖިލިސް މެންބަރުންނަށް މިދިޔަ ދުވަސް ތަކުގައި ފިޔަވަޅު ނާޅުއްވާ މަޑުކުރެއްވީ މަސްލަހަތު އިސްކުރައްވާތީކަން ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ އެބޭފުޅުންނާ ދެކޮޅަށް އެންމެ ފަހުން ފިޔަވަޅު އެޅުއްވީ ވަޒީރުންގެ މަޖިލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ބައިވެރިވި ހިސާބުން ކަމަށެވެ.
"އަޅުގަނޑުމެން ފިޔަވަޅު އަޅާނީ ބަގާވާތަކަށް ގޮވާލުމުން. އަޅުގަނޑުމެންގެ ކެބިނެޓުގައި ތިބި މީހުން [މަގާމުން ދުރުކޮށް] ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ހިސާބުން ދެން އިތުރު ގޮތެއް ނެތް،" ފައްޔާޒު ވިދާޅުވި އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ފައްޔާޒު ވަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަމަލުކުރައްވާ ގޮތުން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ ރައީސް ނަޝީދުގެ މިހާރުގެ މަސައްކަތަކީ އެމްޑީޕީގައި ހުންނަވައިގެން ޕާޓީން މެންބަރުންތަކެއް ވަކިކުރުން ކަމަށެވެ. އެއީ ރައީސް ނަޝީދު ކުރާ ވަރަށް ދެރަ ކަމެއް ކަމަށާއި ނަމަވެސް އެމްޑީޕީގެ ފިކުރު ހިފަހައްޓަވަން މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ނަމަވެސް ޕާޓީގެ ކިތަންމެ އިސް މަގާމެއްގައި ހުންނެވި ބޭފުޅެއް ނަމަވެސް ފިޔަވަޅު އަޅަންޖެހުމުން އަޅުގަނޑުމެން އެކަން ކުރާނަން،" ފައްޔާޒު ވިދާޅުވި އެވެ.
ފިކުރެއްގެ ދިރުން އުފައްދަވާ ވަކި ސިޔާސީ ހަރަކާތެއް ރައީސް ނަޝީދު ފެއްޓެވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު އެވެ.
ރައީސް ނަޝީދާ އެކު ފިކުރެއްގެ ދިރުމުގައި މަސައްކަތް ކުރައްވާ 13 މަޖިލިސް މެންބަރަކު ވަނީ އިއްޔެ އެމްޑީޕީން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމާ އެކަން އިއުލާންކޮށްފަ އެވެ. އަދި އެ ޕާޓީގެ ކެންޑިޑޭޓެއް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށްވެސް އިއްޔެ އިއުލާންކޮށްފައިވެ އެވެ.