ފައްޔާޒް އިސްމާއީލް

ފައްޔާޒުގެ އިންޒާރެއް ރައީސް ނަޝީދަށް

Apr 14, 2023

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން"ގެ ޓީމުން ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވަމުން ގެންދަވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒްއަށް ކާމިޔާބުވިޔަ ނުދިނުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމުގެ ތުހުމަތާ އެކު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އިންޒާރު ދެއްވައިފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަކަށް ފައްޔާޒު މިރޭ ފޮނުއްވި އިންޒާރުގެ މެސެޖެއްގައި އެއްވެސް ބޭފުޅެއްގެ ނަމެއް ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް މެސެޖު އިބާރާތް ކުރައްވާފައިވާ ގޮތުން އެއީ ރައީސް ނަޝީދާއި އެމަނިކުފާނުގެ ޓީމަށް ދެއްވި އިންޒާރެއް ކަމަށް ބެލެވެ އެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން އެމްޑީޕީއަށް ގުރައިދޫ ދާއިރާގެ ގޮނޑި ގެއްލުވާލުމަށް އެ ދާއިރާގެ އެމްޑީޕީގެ މެންބަރުންނަށް ގުޅާ ޕާޓީގެ ޓިކެޓަށް ވޯޓު ނުދޭން ބުނާ ކަމަށެވެ. އެހެންވެ އެންމެ "ހަރުކަށި ބަހުން" އެކަން ކުރައްވާ ކަމުގައި ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ރިޔާސީ ޓިކެޓާ ގުޅިގެން އުފެދިފައިވާ "ތުންފިއްތުން" މިހާރު މުޅިން "އެހެން ހިސާބަކަށް ގޮސް" ގަސްދުގައި އެމްޑީޕީ "ފުނޑުފުނޑުކޮށްލަން" ބަޔަކު މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް "އިރާދަކުރެއްވިއްޔާ [އެމަސައްކަތް] ކާމިޔާބުވިޔަ ނުދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އިހްތިރާމު ކުރުމުގެ ގޮތުން ބެލޭނީ ވަކި ހިސާބަކަށް،" ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބާ އެކު ރައީސް ނަޝީދު ގެންދަވަނީ ފާޅުގައި ރައީސް ސޯލިހާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.

ރައީސް ނަޝީދާއި އެމަނިކުފާނުގެ ޓީމުން ގެންދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ކާމިޔާބު ހޯދައިދިނުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާތަކެއް ކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕޭން މިއަދު އިރުއޮއްސި 6:00 އެކު ނިމިގެންދިޔައިރު މި ކެމްޕޭންގައި ރައީސް ނަޝީދާއި އެމަނިކުފާނުގެ ޓީމުގެ ބޭފުޅުން ބައިވެރިވެފައެއް ނުވެ އެވެ.