ހުޅުމާލެ

ކަޅުވަކަރު މިސްކިތް ހުޅުމާލެ ހެރިޓޭޖް އައިލަންޑަށް ބަދަލުކުރަނީ

ސަލްޓަންޕާކް ސަރަހައްދުގައި މިހާރު ހުރި ކަޅުވަކަރު މިސްކިތް ހުޅުމާލެ ފޭސް ދެވަނަ ފޭހުގައި ހަދާ "ހެރިޓޭޖް އައިލަންޑް" އަށް ބަދަލުކުރަން ނިންމައިފި އެވެ.

ހުޅުމާލެ ހެރިޓޭޖް އައިލަންޑްގެ ގޮތުގައި ބިނާކުރާ ފަރުކޮޅުފުއްޓަށް ކަޅުވަކަރު މިސްކިތް ބަދަލުކުރަން ނިންމީ، ރާޢްޖޭގެ ތރީހާއި ސަގާފަތް ދިރުވައި އާލާކުރަން މަސައްކަތްކުރާ ތަނަކަށް އެރަށް ބަދަލުކުރަން އެޗްޑީސީން ނިންމުމާއި ގުޅިގެން ކަމަށް ހެރިޓޭޖް ޑިޕާޓްމަންޓުން ބުނެ އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ އެޑިއުކޭޝަން މިނިސްޓާ އަދި ހެރިޓޭޖް ޑިޕާޓްމަންޓްގެ ހެޑް، ޔުމްނާ މައުމޫން ވިދާޅުވީ، ކަޅުވަކަރު މިސްކިތަކީ ހިރިގަލުން ހަދާފައިހުރި މިސްކިތަކަށް ވުމުން، އެއްވެސް އެއްޗަކަށް ގެއްލުމެއް ނުދީ މިސްކިތް ހުޅުމާލެއަށް ބަދަލުކުރެވޭނެ ކަމަށެވެ. އަދި ހެރިޓޭޖް އޭރިއާގައި މިސްކިތް ބެހެއްޓުމަކީ ޒަމާންވީ އަގުހުރި ތަރިކައެއް ހިމާޔަތްކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެއް ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ވެސް ޔުމްނާ ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވީ މިސްކިތް ފަރުކޮޅުފުއްޓަށް ބަދަލުކުރި ނަމަވެސް، މިސްކިތުގައި މިހާރެކޭވެސް އެއްގޮތަށް ނަމާދުކުރެވޭނެ ކަމަށެވެ.

ކަޅުވަކަރު މިސްކިތް ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތަކީ ތިން މުއައްސަސާއަކުން ގުޅިގެން ފަށާފައިވާ މަސައްކަތެކެވެ. އެގޮތުން މަސައްކަތަށް ބޭނުންވާ ހަރަދާއި ދަތުރުފަތުރުގެ ކަންކަން ހައުސިން މިނިސްޓްރީން ހަމަޖައްސާއިރު އިސްލާމިކް މިނިސްޓްރީން ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ، މިސްކިތް ރާވައި ނިމެންދެން ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުމާ އެވެ. އަދި މިސްކިތް ރާވައި، އާބާތުރަ ފިލުވާނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިންނެވެ.

ޔުމްނާ ވިދާޅުވީ، މިސްކިތް ފަރުކޮޅުފުށީގައި ބެހެއްޓުމަށްފަހު އެ މިސްކިތާ ބެހޭ ވީޑިއޯ ޑޮކިއުމެންޓްރީއެއް ތައްޔާރުކުރާނެ ކަމަށެވެ. އެ ޑޮކިއުމެންޓްރީގައި މިސްކިތް އެތަނަށް ބަދަލުކުރުމަށް ކުރެވުނު މަސައްކަތް ވެސް ވަރަށް ރީއްޗަށް ދައްކުވައިދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ކަޅުވަކަރު މިސްކިތަކީ ތާރީހަށް ބަލާއިރު މީގެ ކުރިންވެސް އެކި ފަހަރުމަތިން ލޮކޭޝަން ބަދަލުކޮށްފައިވާ މިސްކިތެކެވެ. ވިއްސަކަށް މީހުންގެ ޖާގައިގެ މި ކުޑަކުޑަ ރީތި މިސްކިތަކީ މީލާދީން 1779 ވަނަ އަހަރާއި 1799 ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި ސުލްތާން ހަސަން ނޫރައްދީންގެ ރަސްކަމުގައި ބިނާކުރި މިސްކިތެކެވެ. އޭރު މިސްކިތް ބިނާކުރީ މިހާރު ހީނާމާގެ ޕާކިން ޒޯން ހުރި ސަރަހައްދުގައެވެ.

ކަޅުވަކަރު މިސްކިތް އެންމެ ފުރަތަމަ ހުރިތަނުން އެހެން ތަނަކަށް ބަދަލުކުރީ 1978ވަނަ އަހަރު އިބްރާހިމް ނާސިރްގެ ވެރިކަމުގައި ކ.ފުރާނަފުށި ރިސޯޓަކަށް ބަދަލުކުރުމާ ގުޅިގެން އެތަނަށެވެ. އެއަށްފަހު އަނެއްކާވެސް އެތަން މިހާރު އެހުރިތަނަށް ބަދަލުކުރެއްވީ 1979 ވަނަ އަހަރު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެވެ.

އެމްއެންޑީއެފުން ބުނީ ކުރިއަށް އޮތް ހަމަސްދުވަހުގެ ތެރޭގައި މިސްކިތް ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް އެއްކޮށް ނިންމައިލެވޭނެ ކަމަށެވެ.