ދުނިޔެ

ތަކެތީ އަގު ބޮޑުވަނީ ޕޫޓިންގެ ސަބަބުން: ބައިޑަން

އެމެރިކާގައި އިންފްލޭޝަން މިހާރު ހުރީ ގާތްގަނޑަކަށް 7.8 ޕަސެންޓްގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގައި މިއިން ޒަމާނަކު ވެސް އިންފްލޭޝަން މިހާ މަތި ނުވެ އެވެ.

ރައީސް ޖޯ ބައިޑަން ވިދާޅުވި ގޮތުން އެމެރިކާގައި ތަކެތީގެ އަގު ބޮޑުވުމަކުން އެމަނިކުފާނަށް މާބޮޑު ކަމެއް ކުރެއްވޭކަށް ނެތެވެ. ތަކެތީގެ އަގު އުފުލެނީ ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންގެ ސަބަބުން ކަމަށް އެމަނިކުފާން ވިދާޅުވި އެވެ.

ތަކެތީގެ އަގު އުފުލެމުން ދާތީ އާންމުން މޫނު ހަދަނީ ބައިޑަންގެ ސަރުކާރަށެވެ. ސަރުކާގެ ގާބިލުކަމާ މެދު ސުވާލު އުފައްދާ މީހުން ބުނާ ގޮތުން އެމެރިކާގައި އަގު ކޮންޓްރޯލް ކުރުމަކީ އެމެރިކާއަށް ކުރެވެން ވާނެ ކަމެކެވެ.

ބައިޑަން ވިދާޅުވި ގޮތުން އެމަނިކުފާންގެ ސަބަބުން ތަކެތީގެ އަގު ބޮޑުވާ ކަމަށް ބުނުމަކީ ހިތަށް ތަދުވާ ކަމެކެވެ. އެމަނިކުފާންގެ ސަރުކާރުގެ ސަބަބުން އާންމު ރައްޔިތަކަށް ދެރަ ގޮތެއް ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބައިޑަން ވިދާޅުވީ ތަކެތީގެ އަގު ބޮޑު ވަނީ ސަރުކާރުން ކުރާ ހޭދަ ބޮޑުވުމުގެ ސަބަބުން ނޫން ކަމަށެވެ. އާންމުންނަށް އެހެން ހީވިއެއް ކަމަކު ސަރުކާރު ހިންގަނީ ވަރަށް ބޮޑަށް ޚަރަދު ކުޑަކޮށް ކަމަށް ވެސް ވިދާޅުވި އެވެ.

އެމެރިކާ ރައްޔިތުންނަށް ބައިޑަން ވިދާޅުވީ ތަކެތީ އަގު ބޮޑުވުން ސީދާ ގުޅެނީ ރަޝިއާގެ ރައީސް ޕޫޓިންއާ ކަމަށެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަނެ ހިންގަމުން ގެންދާ ޖަރީމާތަކަށް އަދަބު ދިނުމަށް އެމެރިކާއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން ތަކެތީގެ އަގު ބޮޑުވަނީ ކަމަށް ބައިޑަން ވިދާޅެއް ނުވެ އެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތުން ރަޝިއާއިން ތެޔޮ ގަތުން ހުއްޓާލައި ރަޝިއާގެ މާލީ އިދާރާތައް ނިޒާމުން ބޭރުކޮށް އަދި ރަޝިއާއާ އެކު ވިޔަފާރި ކުރުން ހުއްޓާލުމަކީ ތަކެތީގެ އަގު ބޮޑުވާން މެދުވެރިވި ސަބަބު ކަމެއް އެބޭފުޅުންނަކަށް އަދި އެނގިވަޑައި ނުގަންނަވަ އެވެ.