ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

އަންހެނުންގެ ގަޔަށް ވަޅި ހެރި މީހާގެ މައްޗަށް ދައުވާކޮށްފި

Mar 13, 2022

ރާއްޖޭގައި މަސައްކަތް ކުރަމުން ދިޔަ އިންޑިއާ ރައްޔިތެއް ކަމަށްވާ ސްރިނިވަސަން ސުބްރަމަނި، އޭނާގެ އަންހެނުންގެ ގަޔަށް ވަޅި ހެރި މައްސަލައިގައި ދައުވާކޮށްފި އެވެ.

މ. ރިހިވިދުވަރު ގޭގެ ދެވަނަ ފްލޯގައި އޭނާގެ އަންހެނުންނާ އެކު ދިރިއުޅެމުން ދިޔަ ސްރިނިވަސަން، އޭނާގެ އަންހެނުންގެ ގަޔަށް ވަޅި ހެރީ މިދިޔަ ފެބްރުއަރީ ދެވަނަ ދުވަހު އެވެ.

މިމައްސަލައިގައި ސްރިނިވަސަންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.

ދައުވާކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ބުނެފައިވެ އެވެ.

ދައުވާގައި ބުނެފައިވާ ގޮތުން ސްރިނިވަސަން އޭނާގެ އަނބިމީހާގެ ފައިގެ ފަލަމަސްގަނޑަށް ވަޅި ހަރާފައިވަނީ ސިޓިން ރޫމުގައި ނިދާފައި އޮއްވަ އެވެ. ވަޅި ހެރުމަށްފަހު އޭނާ އަމިއްލަ އަށް އޭނާގެ ހަށިގަނޑަށް ވެސް ގެއްލުންތަކެއް ދީފައިވެ އެވެ.

ވަޅި ހެރި މައްސަލައިގައި ދައުލަތުން އެދުނީ ސްރިނިވަސަން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައިދިނުމަށެވެ. ނަމަވެސް ކޯޓުން އޭނާގެ ބަންދަށް ދީފައިވަނީ 10 ދުވަހެވެ.