މުހައްމަދު އަސްލަމް

އައްޑޫގެ ބިން ހިއްކުން ނުހުއްޓުވާނެ

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ ސަބަބުން އިއާދަ ނުކުރެވިދާނެ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އެކަމާ ގުޅޭ ގޮތުން
ހެދި އެންވަޔަރަމަންޓަލް އިމްޕެކްޓް އެެސެސްމަންޓް (އީއައިއޭ) ގައި ބުނެފައި އޮތް ނަމަވެސް އެ ޕްރޮޖެކްޓް ހުއްޓުވުމުގެ ވިސްނުމެއް ނެތް ކަމަސް ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

އައްޑޫގެ ބިން ހިއްކުމުގެ މައްސަލަ ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން އަދިވެސް ގޮތެއް ނުނިމޭތީ އެކަން ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ޝަރީފް ސުވާލުކުރެއްވި އެވެ.

އަސްލަމް ވިދާޅުވި އައްޑޫގެ ބިން ހިއްކުމުގެ ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހޯދުމަށް އިންޑިއާގެ އެގްޒިމް ބޭންކާއެކު ސޮއި ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބިން ހިއްކުން ފެށުމަށް އެންމެ ބޮޑަށް ދިމާވެގެން އުޅޭ މައްސަލައަކީ އީއައިއޭގެ މައްސަލަކަމަށް މިނިސްޓަރު ވެސް އެއްބަސްވެލެއްވި އެވެ. ނަމަވެސް އެގްޒިމް ބޭންކާއެކު ސޮއިކުރުމަށް އެޕްރޫވަލް ލިބޭ ހިސާބަށް އީއައިއޭގަ ކަންތައް ކޮންމެވެސް ކޮޅެއްގައި ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަސްލަމް ދެކެވަޑައިގަންނަވާ ގޮތުގައި ބިން ހިއްކުމުގެ ހުރިހާ ޕްރޮޖެކްޓަކީ ތިމާވެއްޓަށް ބޮޑެތި ގެއްލުން ލިބޭ މަސައްކަތެކެވެ. އަދި އައްޑޫގެ ބިން ހިއްކުމުގެ ޕްރޮޖެކްޓް މިހާރު އައިސްފައިވާ ހިސާބަށް އައުމުން އެ މަސައްކައް ކުރިއަށް ގެންދަން ޖެހޭނެ އެވެ. އަދި އައްޑޫގެ ގިނަ ރައްޔިތުންގެ ވިސްނުން ވެސް ހުރީ ޕްރޮޖެކްޓް ކުރިއަށް ގެންދަން ކަމަށެވެ.

"އެހެންވީމާ ރެކްލެމޭޝަން ބޮޑު މަސައްކަތެއް ކުރިއަށް ގެންދިއުމުގައި އަޅުގަނޑުމެން އެންމެން އެކީގައި ވާހަކަ ދެކެވިގެން އައްޑޫ ރައްޔިތުންނާވެސް މަޝްވަރާކުރެވިގެން އައްޑޫ ކައުންސިލާއެކުވެސް މަޝްވަރާކުރެވިގެން ނިމިފައި އޮތް ކަމެއްގައި އެންވަޔަރަމަންޓަލް އެސެސްމަންޓްގެ ތެރެއިން ލާފައި ގެނެވޭނީ ހަމައެކަނި އެ މަސައްކަތް ހުއްޓުވާލުމަށް ދެވެނޭކަމަކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން." އަސްލަމް ވިދާޅުވި އެވެ.

ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔަސް ތިމާވެއްޓަށް އެންމެ ކުޑަކޮށް ގެއްލުންވާ ގޮތަށް އެ މަސައްކަތް ކުރިއަށް ގެންދަންޖެހޭނެ ކަމަށް އަސްލަމް ދެކެވަޑައިގަންނަވަ އެވެ.

އެންވަޔަަރަަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވެސް މިދިޔަ ހަފްތާގައި މަޖިލީހުގައި ވިދާޅުވި އައްޑޫގެ ބިން ހިއްކުމުގެ މަސައްކަތް ނުހުއްޓުވާނެ ކަމަށެވެ. އެހެން ނަމަވެސް އެ މަސައްކަން ކުރިއަށް ގެންދާއިރު ތިމާވެއްޓަށް އެންމެ ކުޑަކޮށް ގެއްލުން ލިބޭނެ ގޮތަށް އެ މަސައްކަތް ކުރަން އިސްކަންދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އައްޑޫގެ ތިން ރަށަކުން ބިން ހިއްކައި އަދި ރިސޯޓް ހަދަން ފަސް ރަށެއް އަލަން ހަދަން މަސައްކަތް ކުރަމުންދާ އިރު އެ މަސައްކަތްތަކުގެ ސަބަބުން ތިމާވެއްޓަށް އިއާދަ ނުކުރެވޭނެ ގެއްލުން ލިބިދާނެ ކަމަށް އީއައިއޭ ރިޕޯޓްގައި ބުނެފައި ވެއެވެ. އަދި އެ ޕްރޮޖެކްޓް ހުއްޓާލަން ޖަމިއްޔާތަކުން ގޮވާލައިފައިވާ އިރު އެ ޕްރޮޖެކްޓް ހުއްޓުވަން އައްޑޫ މީދޫ ކޯޓަށް ވެސް މިހާރު ވަނީ ހުށަހަޅައިފަ އެވެ.