އަހުމަދު ނިހާން ހުސައިން މަނިކު

އިގްތިސާދު ހަލާކުކުރާ މީހުންނަށް ހަރުކަށި އަދަބު ދޭނަން: ނިހާން

Dec 24, 2015
8

ރާއްޖެ ބޮއިކޮޓް ކޮށް ބަދުނާމްކޮށް އިގްތިސޯދު ފުނޑުފުނޑު ކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ ހަމަތައް އެކުލެވޭ ފުރިހަމަ ގާނޫނީ ނިންމުންތަކެއް ފާސް ކުރާނެ ކަމަށާއި ރާއްޖެ ބަދުނާމުކޮށް އިގްތިސޯދު ބޮއިކޮޓް ކުރާ ފަރާތްތައް އެކަމަށް ސަމާލުވެގެން ތިބުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު އިންޒާރު ދެއްވައިިފި އެވެ.

ޗެނަލް ތޭރައި "ފޯކަސް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވަނީ ބޭރު ދުނިޔޭގައި ރާއްޖޭގެ ޓޫރިޒަމާއި މުޅި އިގްތިސޯދު ބޮއިކޮޓްކޮށް ރާއްޖެއަކީ "ނަރަކަ" ފަދަ ތަނަކަށް ހެދުމަށް މަސައްތް ކުރާ ބަޔަކު ތިބި ކަމަށް ވިދާޅުވެ ފަދަ ފަރާތްތަކަށް އިންޒާރު ދެއްވާފަ އެވެ.

"މަޖިލިސް މިހާރު މިއޮތީ ޗުއްޓީގައި މަޖިިލިސް ހުޅުވުމާއެކު އަޅުގަނޑުމެން އެންމެ އަވަހަށް ކުރާނެ މަސައްކަކަތީ މިއީ. ރާއްޖެ ބާދުނާމުކޮށް ރާއްޖޭގެ އިގްތިސޯދު ފުނފުނޑޫ ކުރުމުގެ މަސައްކަތް ކުރާ މީހުންނަށް ހަރުކަށި އަދަބު ދިނުމުގެ ގާނޫނެއް ފާސް ކުރުން ، މިހާރު ވެސް އެފަދަ ގާނޫނެއް އަޅުގަނޑުމެން ފާސްކޮށްފައި އޮންނާނެ. އެއަށް އިތުރު ފުރިހަމަ ބަދަލުތައް ގެނެސް ރަނގަޅު ގާނޫނީ ހަމައެއް ގެންނާނަން. އަދި މިފަދަ ފަރާތްތަކަށް ހަރުކަށި އަދަބު ދޭނަން،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ އެކަން އެގޮތަށް ކުރުމަށް މަޖިލީހުގެ މެޖޯރިޓީ ވެސް އެބައޮތް ކަމަށާއި އެފަދަ އަމަލުތައް ތަކުރާރުކޮށް ހިންގަމުންދާ ފަރާތްތައް ވިސްނައި ސަމާލުވެ ތިބުމަށް ގޮވާލައްވާ ކަމަށެވެ.

ނިހާން ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ދުޅަހެޔޮ ކުރުމުގެ މަސައްކަތް ރައީސް ޔާމީން ހުރިހާ ދިމާއަކުން ކުރައްވަމުން ގެންދަވާ ކަމަށާއި އޭގެ ނަތީޖާ ފެންނަމުންދާއިރު އެމަނިކުފާނަކީ ރާއްޖޭގެ ތާރީހު ނުދެކޭ ފަދައ އިގްތިސޯދީ ވެރިއެއް ކަމަށެވެ. އެމަނިކުފާނު ކުރައްވާ މަސައްކަތަކީ ރާއްޖޭގެ އިގްތިސޯދު ހަރުދަނާކޮށް ކުރި އަރުވައި ރާއްޖޭގެ ބެލެންސް ޝިޓް ރީތި ކުރުމުގެ ބުރަ އަދި ކަވި މަސައްކަތް ކަމަށެވެ.

ނިހާން ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ހަލާލުކޮށްލައި ރާއްޖެެއަށް ގެއްލުންދޭން މަސައްކަތް ކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އޭނާއާ ގުޅިފައިވާ މީހުން ކަމަށާއި އެކަން އެގޮތަށް ކުރަމުން ދަނީ ރާއްޖޭގެ ރައީސް ކަމަށް ރައީސް ޔާމީން ކުރައްވާ މަސައްކަތުގައި އިގްތިސޯދީ ގޮތުންނާއި ތަރައްގީ ގޮތުން ކާމިޔާބު ހޯދައި އެމްޑީީޕީގެ ސަރުކާރުގެ ތިން އަހަރުން ނުވި އެތައް ކަމެއް ރައީސް ޔާމީން ހާސިލް ކުރައްވާ ކަންކަން ތަރުތީބު ކުރެއްވުމާއެކު ރިޔާސީ ދެވަނަ ދައުރެއް 2018 ވަނަ އަހަރު ފައްޓަވާ އިތުރު ކާމިޔާބީތައް ހާސިލް ކުރައްވާނެތީ އެކަމާ ކަންބޮޑުވެގެން ކަމަށެވެ.

ނިހާން ވިދާޅުވީ ރައީސް ޔާމީންގެ ދެ އަހަރުގެ ދުވަހުގެ ކާމިޔާބީ އާއި ތަރައްގީގައި ރާއްޖެ އަމާޒު ހިފާފައިވާ މިސްރާބަކީ އެމްޑީޕީ އާއި ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީއާ ގުޅިފައިވާ ބޭރުގެ އެޖެންޓުންނަށް ކެއްވާވަރުގެ ކަމެއް ނޫން ކަމަށާއި ރައީސް ޔާމީންގެ މަސައްކަތްޕުޅުގައި ރާއްޖޭ ހޯދާ ކާމިޔާބީއަށް ހުރަސް އެޅުމަށް ބޭރު ފަރާތްތަކާ ގުޅި ރާއްޖެ ބަދުނާމުކޮށް އިގްތިސޯދު ހަލާލުކޮށްލަން މަސައްކަތް ކުރާ މީހުންނަނީ ގައުމަށް ގައްދާރުވެފައިވާ ބައެއް ކަމަށެވެ. އެމީހުންނަށް ހަރުކަށި އަދަބު ދޭނެ ގާނޫނީ ހަމަ ގެންނާނެ ކަން ޔަގީން ކޮށްދެއްވާ ކަމަށެވެ. އަދި އެފަދަ ފަރާތްތައް ސަމާލުވެ ތިބިމުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.

ރާއްޖެއަކީ ނަރަކަ ކަމަށް ހަދައިގެން ރާއްޖޭގެ ފިލްމު ނަގަން އައީ ރައީސް ނަޝީދުގެ ފިލްމު ނެގި ކުރޫގައި ހިމެނޭ މީހުން ކަމަށާއި އެކަމަށް ރާއްޖެއިން އެހީވެދީ ވާގިދީފައި ވަނީ ނަޝީދާއި އޭނާގެ ޓީމް ކަމަށާއި އެމީހުންނަކީ ހަސަން ތާޖުއްދީނުގެ ދެބެން ފަދަ ގައްދާރު ކަމަށް ވެސް ނިހާން ސިފަ ކުރެއްވި އެވެ. އޭނާ އަދި ވިދާޅުވީ ރާއްޖޭގެ މައްޗަށް އީޔޫން ގަރާރެއް ފާސްކޮށްފައި ވަނީ ހަމައެކަނި ރައީސް ނަޝީދަށްޓަކައި ކަމަށާއި އޭގެ ބޭނުމަކީ އެމީހުން ބޭނުންވޭ ގޮތަށް ރާއްޖޭގައި އިސްލާމްދީނާ ހިލާފު ކަންކަން ފެތުރުން ކަމަށެވެ. ނަމަވެސް އެކަން ކަން ކާމިޔާބު ނުވާނެ ކަމަށާއި ރައީސް ޔާމީނަކީ ހުޅަނގުގެ ތަރުތީބު ނުދަންނަ ބޭފުޅެއް ނޫން ކަމަށެވެ. އަދި ބޭރުގެ ކަންކަމަށް ހެއްލި ހުޅަނގުން ބޭނުންވާ ގޮތަށް އެނބުރި ވަޑައިގަންނަވާނެ ބޭފުޅެއް ވެސް ނޫން ކަމަށެވެ.