އަހުމަދު ނިހާން ހުސައިން މަނިކު

ފައިސާ ނުދައްކާތީ ނިހާންގެ އެޕާޓްމަންޓެއް ވިއްކާލަނީ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެޖޯރިޓީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު، އިސްލާމިކް ބޭންކް މެދުވެރިކޮށް ގަނެފައިވާ އެޕާޓްމަންޓަކަށް ފައިސާ ދައްކަން ވަކި މުއްދަތެއް ދިނުމަށްފަހު އެ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ އެތަން ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ދީފި އެވެ.

ހުޅުމާލޭގެ ޕްލެޓިނަމް ރެސިޑެންސްގައި ހަދާފައިވާ އެޕާޓްމަންޓެއް އިސްލާމިކް ބޭންކް މެދުވެރިކޮށް ނިހާން ގަނެފައިވަނީ 4.2 މިލިއަން ރުފިޔާ އަށެވެ.

އިސްލާމިކް ބޭންކުން ދޫކުރި ފައިނޭންސް ފެސިލިޓީއެއްގެ ތެރެއިން މި އެޕާޓްމަންޓް ގަނެފައިވަނީ ބޭންކްގައި އެތަން ރަހްނު ކުރުމަށްފަހު އެވެ.

ބޭންކާއި ނިހާނާ ދެމެދު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް އެޕާޓްމަންޓްގެ ފައިސާ ދައްކަމުން ނުދާތީ ބޭންކުން ކުރި ދައުވާއަކާ ގުޅިގެން ސިވިލް ކޯޓު ހުޅުމާލޭ ޑިވިޝަނުން މިދިޔަ ހަފްތާގައި ވަނީ ހަމަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ހަލާސް ކުރުމަށް ނިހާނަށް އަންގާފަ އެވެ. އަދި އެ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ އެޕާޓްމަންޓް ވިއްކާލުމުގެ ހުއްދަ ބޭންކަށް ދީފައިވެ އެވެ.

ނިހާންގެ ޣައިރު ހާޒިރުގައި މައްސަލަ ނިންމިއިރު އެޕާޓްމަންޓަށް ދައްކަންޖެހޭ ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ އެބައޮތެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެންވެސް ދައުލަތުން ގެންދަނީ ނިހާންގެ މައްޗަށް ދައުވާ ކުރަމުންނެވެ. ނިހާންގެ މައްޗަށް ދައުލަތުން ހަ ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި، ރިޝްވަތު ދިނުމުގެ ދެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ އެކެވެ. މި ހަ ދައުވާއަށް ވެސް އޭނާ ވަނީ އިންކާރުކުރައްވާފަ އެވެ.