އިމްރާން އަބްދުﷲ

ނިޒާމުން ބާގަނޑު ހޯދައިން ފުލުހުން ގޯސް ނަހަދާ: އިމްރާން

ފުލުހުންގެ ނިޒާމުގެ ތެރޭގައި ހުންނަ "ލޫޕްހޯލްސް" ނުވަތަ ބާގަނޑުތައް ހޯދައިގެން ފުލުހުން ގޯސް ހަދާކަމަށް ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ވިދާޅުވި ވާހަކަތައް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދޮގު ކުރައްވައިފި އެވެ.

ބަންޑާރަ ނައިބު އެފަދައިން ވިދާޅުވީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއެއްގަ އެވެ. އޭނާ ވިދާޅުވީ ފުލުހުންގެ ތެރޭގައި ނިޒާމު ރަނގަޅަށް އެނގި، ނިޒާމުގެ ތެރޭގައި ހުރި ލޫޕްހޯލްތައް ހޯދައިގެން ގޯސް ހަދާ ކަމަށާއި އަދި އެކަން ފުލުހުން ކުރަނީ ގަސްތުގައި "ނުނިޔަތެއް" ބާއްވައިގެން ކަމަށެވެ. އެހެންވެ އެ ތުހުމަތުތަކާ ގުޅޭ ގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ ލިޔުމުން އެކަމާ ގުޅޭ ޖަވާބު ހޯދުމަށް ހޯމް މިނިސްޓަރު އިމްރާންއަށް ހުށަހަޅުއްވައިފަ އެވެ.

އެ ސުވާލުގެ ޖަވާބު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަމީން އާންމު ވަނީ އިއްވަވައިފަ އެވެ.

ބަންޑާރަ ނައިބުގެ ތުހުމަތުތައް ދޮގުކުރައްވައި އިމްރާން ވިދާޅުވީ ފުލުހުންގެ ހިދުމަތުގައި ތިބީ ގާބިލު އަދި އިހްލާސްތެރި ފުލުހުން ކަމަށާއި އަދި ނުނިޔަތެއް ބާއްވައިގެން ގަސްދުގައި ގޯސް ހަދާ ފުލުހުން ތިބޭ ކަމަށް ބުނުމަކީ އެންމެ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ.

ނަމަވެސް މައްސަލަތައް ބަލައި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ހުށަހެޅުމަކި ވަރަށް ގިނަ ވަގުތުތަކެއް ހިނގާ ކަމަަކަށް ވެފައި މަސައްކަތުގެ ފެންވަރު ދަށްވެގެން އިސްލާހީ ފިޔަވަޅުތައް އަޅާ ކަަމަށެވެ.

އިމްރާން ވިދާޅުވީ މައްސަލައެއްގައި ނުނިޔަތެއް ބާއްވައިިގެން އެއްވެސް ކަަމަކަށް ތުހުމަތުކޮށް ފުލުހަކާމެދު އެއްވެސް މައްސަލައެއް މިހާތަނަށް ހުށަހަޅާފައިނުވާ ކަމަށެވެ. އެހެން ނަމަވެސް ފުލުހުން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި އަތުލައިގަތުމަށް އެތަކެތީގެ އިންވެންޓްރީ ލިޔުން ހަނދާން ނެތިގެން ހަވާލުުނުކޮށް އޮތް މައްސަލަ ބަލަމުންދާ ކަމަށާއި އެކަމާ ގުޅޭ ބަޔާން ވެސް ނަގައިފައިވާ ކަމަށެވެ.

ފާއިތުވި ތިން އަހަރު ކޭސްތައް ތަހުގީގުކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ހާއްސަ އޮޑިޓެއް މިހާރު ކުރިއަށްދާކަން ވެސް އިމްރާން ފާހަގަކުރެއްވި އެވެ.

"ފުލުހުންގެ ތެރޭގައި ނިޒާމް ރަނގަޅަށް އެނގި ނިޒާމްގެ ތެރޭގައި ހުރި ލޫޕް ހޯލްސްތައް ހޯދައިގެން ގަސްދުގައި ނުނިޔަތެއް ބާއްވައިގެން ގޯސް ހަދާ ބަޔަކު ދިވެހި ފުލުހުންގެ ހިދުމަތުގައި ތިބެ އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު ނާޅާ ދޫކޮށްލައިފައި ނުވާކަން ފާހަގަ ކުރަމެވެ. އަދި މިފަދަ ފަރާތެއް ފާހަގަކުރެވޭ ނަމަ އެ މައުލޫމާތެއް ހިއްސާކުރެއްވުމުން އެކަމެއް ބަލައި އެކަމާމެދު އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމުގައި ދެންނެވީ މެވެ." އިމްރާންގެ ޖަވާބުގައި ވެއެވެ.