ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރަން ޖެހޭ ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
އާލީ އާޒިމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންގެ އާއިލާއަށް އިންޝުއަރެންސް ހަމަޖެއްސުމާ ގުޅޭ ގޮތުން އާންމު ކޮމިޓީން ނިންމި ރިޕޯޓަށް މިއަދު މަޖިލީހުގައި ކުރި ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
އާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމަކީ މުއްސަނދިވުމަށް އޮންނަ ޕްލެޓްފޯމެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ބައެއް މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ހޯއްދަވަނީ ގާނޫނުތަކެއް ހަދައި މުއްސަނދިވުމުގެ ނިޔަތުގައި ކަމަށާއި އެ ނިޔަތުގައި މަޖިލިސް މެމްބަރަކަަށް ހޯއްދެވުމުން މަޖިލީހުން ރައްޔިތުންނަށް މަންފާއެއް ކުރާނެކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އާޒިމް ވިދާޅުވީ މީގެ ކުރިން ގާނޫނުއަސާސީ އިސްލާހު ކުރިއިރު މެމްބަރުންނަށް ބޮޑު މުސާރަ ދޭން ފާސްކުރީ ވެސް މެެމްބަރުންނަށް ލިބޭ މުސާރަ ކުޑަވެގެން މުއްސަނދިންގެ ނުވަތަ ވަޒީރުންގެ ފައިބުޑަށް ވެއްޓެން ޖެހިދާނެތީ އެކަން ހައްލުކުރަން މުސާރަ ބޮޑުކުރަން މެމްބަރުން އެދިވަޑައިގަތުމުން ކަމަށެވެ. ނަމަވެސް އަދިވެސް ބައެއް މެމްބަރުން އުޅުއްވަނީ އެލަވަންސްތައް އިތުރުކުރަން ބޭނުންވެގެން ކަމުގައި ވިދާޅުވި އެވެ.
"އަޅުގަނޑު ދޭކޭ ގޮތުގައި މަޖިލީހުގެ މުސާރަ ކުޑަކުރަން ޖެހޭ. އެހެންވީމާ އިރާދަ ކުރެއްވިއްޔާ އަދި ކުރިއަށް އޮތް ތަނުގައި އަޅުގަނޑު މި މަޖިލީހަށް މި ރައްޔިތުންގެ މަޖިލީހުގެ ދެން އަންނަ އޮތް ދައުރުގަައި ނޫނީ މި ދައުރުން ފެށިގެން މުސާރަ ކުޑަކުރުމުގެ ބިލެއް ނުވަތަ ގާނޫނަށް ގެންނަން ޖެހޭ ބަދަލެއް ވިޔަސް ގެނައުމުގެ ވިސްނުން އެބަހުރި" އާޒިމް ވިދާޅުވި އެވެ.
އާޒިމްގެ ވިސްނުމާ ދާދި އެއްގޮތަކަށް ވާހަކަފުޅު ދައްކަވަމުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވެސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކުރީގެ މެމްބަރުންގެ މުސާރަތައް ހަމަޖެއްސުމުގައި އަމަލުކުރާ އުސޫލުތަކާ މެދު ސުވާލު އުފެދޭ ކަަމަށެވެ. އެގޮތުން މެމްބަރުންނަށް ފައިދާވާ ގޮތަށް މެމްބަރުން އަމިއްލަ އަށް މުސަރާ އާއި އިނާޔަތްތައް ހަމަޖައްސާ ވާހަކަ މެމްބަރުން ނުދައްކާކަން ސަލީމް ފާހަަގަކުރެއްވި އެވެ.
"'އެހެން ނަމަވެސް މި މަޖިލީހުން މިހާތަނަށް އަމަލުކުރަމުން އައީ އަޅުގަނޑުމެންގެ މުސާރައާއި މެޑިކަލް އިނޝުއަރެންސް ވެސް އަމިއްލައަށް ކަނޑައަޅާފައި، ދޭންޖެހޭނެ ކަން އަމިއްލައަށް ކަނޑައަޅާފައި ޕާސްޕޯޓްވެސް ދޭން ޖެހޭނެ ކަމަށް ކަނޑައަޅާފައި އަނިބިދަރިންނަށް ވެސް އިނާޔަތް ދޭން ޖެހޭނެ ކަމަށް ކަނޑައަޅާފައި މި އުޅެނީ." ސަލީމް ވިދާޅުވި އެވެ.
އެހެން ނަމަވެސް މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލުކުރަމުންދާ އުސޫލު ނޫން ކަމަށާއި އިނގިރޭސިވިލަތުގައި ވެސް މެމްބަރުންގެ މުސާރަ ކަނޑައަޅަނީ ހާއްސަ ކޮމިޝަނަކުން ކަމަށް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ މި ކަންކަން ދިވެހި ރައްޔިތުން ވެސް މިހާރު ބަލައިނުގަންނަ ކަމަށާއި އެހެންކަމުން މެމްބަރުން އަމިއްލަފުޅަށް އިސްލާހުނުވެ އެހެން ކަންކަން ރަނގަޅުކުރަން މަޖިލީހުގައި ތިބެގެން ވާހަކަ ދެއްކެވުން ރަނގަޅު ނޫން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކަށް މުސާރައިގެ ގޮތުގައި 62،000 ރުފިޔާ އަދި ކޮމިޓީ އެލަވަންސްގެ ގޮތުގައި ލިބިވަޑައިގަންނަވާ 20،000 ރުފިޔާއާ އެކު ޖުމްލަ 82،000 ރުފިޔާ މަހަކު ލިބިވަޑައިގަންނަވަ އެވެ.