ކްރިމިނަލް ކޯޓް

މޭރީގެ މަރު: ރަނގަޅަށް ތަރުޖަމާ ނުކުރެވޭތީ ދައުވާ ނުއިއްވުނު

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ ކޮށްފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ތަރުޖަމާ ކޮށްދިނުމުގައި މައްސަލަތަކެއް އުޅޭތީ މިއަދު ދައުވާ އިއްވޭ ގޮތެއް ނުވި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެކެވެ. ރާއްޖެއިން ބޭރުގެ ރައްޔިތެއް ކަމުން ޝަރީއަތުގައި ދެކެވޭ ވާހަކަތައް މާވިންއަށް އިނގިރޭސި ބަހުން ތަރުޖަމާ ކޮށްދިނުމަށް ތަރުޖަމާނެއް ކޮންމެ އަޑުއެހުމަކަށް ވެސް ހާޒިރުވެ އެވެ. އޭނާގެ މަސްއޫލިއްޔަތަކީ ޝަރީއަތުގައި ދެކެވޭ ވާހަކަތައް މާވިންއަށް ސާފު ކޮށްދިނުން ނަމަވެސް، ތަރުޖަމާ ކޮށްދޭ ގޮތް ދިފާއުގެ އިތުރުން ދައުލަތާއި ގާޒީ އަކަށް ވެސް ކަމަކު ނުދިޔަ އެވެ.

ދައުލަތުން މިއަދު ވަނީ ދައުވާ އިއްވާފަ އެވެ. މާވިންއަށް ސާފުނުވާތީ ދެ ފަހަރަށް ތަރުޖަމާނު ތަރުޖަމާ ކޮށްދިނުމުން ވެސް މާވިންއަކަށް ސާފެއް ނުވި އެވެ. އެކަން އެންމެ ފުރަތަމަ ޝަރީއަތުގެ ސަމާލު ކަމަށް ގެންނެވީ ދިފާއީ ވަކީލް އިސްމާއީމް މުހައްމަދެވެ.

ދައުލަތުގެ ވަކީލް އަހުމަދު ނައުފަލް ވެސް ވިދާޅުވެފައި ވަނީ ތަރުޖަމާކޮށްދެމުން އަންނަނީ ދައުވާގައި ބުނާ ގޮތަށް ނޫން ކަމަށެވެ.

ދައުލަތުން މާވިންގެ މައްޗަށް އުފުލާފައި ވަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. ދައުލަތުގެ ދައުވާގައި ބުނެފައި ވަނީ އެދެމަފިރިން ދިރިއުޅޭ ގޭގައި މިދިޔަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުގެ މެންދުރު ކުރީގެ ވަގުތެއްގައި މޭރީގެ ބޮލަށާ ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން މާވިން އޭނާ މަރާލައިފައިވާ ކަމަށެވެ. މި ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށްލުން ކަމަށްވީ ނަމަވެސް އިސްލާމީ ޝަރީއަތުގައި އޮންނަނީ ގިސޯސް ހިފުން ކަމަށް ދައުލަތުން ބުންޏެވެ.

މީގެ އިތުރުން މޭރީއާއި، އޭނާ މަރައިލި ކަމުގެ ތުހުމަތު އޮތް މާވިން އަކީ ސައްހަ ގޮތުގައި ވިސާ ލިބިގެން ރާއްޖެ އައިސް ތިބި ބައެއް ކަމަށާއި އެމީހުންނަކީ ޣައިރު މުސްލިމުން ކަމަށް ނައުފަލް ފާހަގަކުރެއްވި އެވެ. މޭރީގެ އާއިލާއިން ގިސޯސް ހިފަން ބޭނުންނަމަ މަރުގެ އަދަބު ކަނޑައެޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް މި ކަންކަން އެންމެ ފުރިހަމައަށް ތަރުޖަމާ ކުރެވުނު ކަމަށް ދެ ފަރާތަށް ވެސް ގަބޫލެއް ނުކުރެވުނެވެ.

ލިޔެކިޔުންތައް ހަމަނުވާތީ ޖަވާބުދާރީވާން ދިފާއުން ދެކޮޅުހެދި

މައްސަލައިގައި ހިމެނޭ މުހިންމު ބައެއް ލިޔެކިޔުން ހަމަނުވާތީ ދައުވާއަށް ޖަވާބުދާރީ ނުވެވޭނެ ކަމަށް ދިފާއީ ވަކީލް އިސްމާއީލް ވިދާޅުވި އެވެ. އޭގެ ތެރޭގައި ދައުލަތުން ފާހަގަކޮށްފައިވާ މާވިން އަދި މޭރީގެ ދަރިފުޅުގެ ސައިކޮލޮޖިކަލް އެސެސްމެންޓް ހިމެނެ އެވެ.

ދައުލަތުން ބުނެފައި ވަނީ ދަރިފުޅު މިވަގުތު ހުރީ ފިލިޕީންސްގައި ކަމުން އެ ރިޕޯޓު ތައްޔާރުކުރާނީ އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން ކަމަށެވެ. އެކަމަކު އެ ރިޕޯޓު ލިބޭނެ ދުވަސް ނޭން ކަމަށް ބުނެ އެވެ.

މާވިން އާއި ހަވާލާދީ ދައުލަތުން ބުނީ މޭރީ މަރުވިއިރު ދަރިފުޅު ހުރީ އެމީހުން ދިރިއުޅޭ ގޭގެ ކޮޓަރިއެއް ތެރޭ ތަޅުލައިގެންނެވެ. ދައުލަތުން ކުރިން ބުނި ގޮތުގައި ހާދިސާ ހިނގި ވަގުތު އެމީހުންގެ ދަރިފުޅު ގެންގުޅުނީ މި މައްސަލައިގައި ދެން ދައުވާ އުފުލާފައިވާ ހަލީމަތު ލަމްހާ އެވެ. އެކަން ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ކަމަށް ދައުލަތުން ބުނެ އެވެ.

އެހެންކަމުން މި ރިޕޯޓަކީ މުހިއްމު ރިޕޯޓެއް ކަމަށާއި، ކުއްޖާގެ ބަހުން ކުއްޖާއަށް އެ ދުވަހު އެއްވެސް މަންޒަރެއް ފެނުނުކަން ހާމަވެގެން ދާނެ ކަމަށް ނައުފަލް އިއްޔެ ލަމްހާގެ ބައިގައި ވިދާޅުވެފައިވެ އެވެ.

މިކަމާ ގުޅިގެން ދިފާއީ ވަކީލް ވިދާޅުވެފައި ވަނީ ދިފާއު ބިނާކުރުމަށް އެއީ މުހިންމު ހެއްކެއް ކަމަށެވެ. އެ ރިޕޯޓު ލިބެންދެން ދައުވާއަށް ޖަވާބުދާރީވުން ލަސްކޮށްލުމަށް ވެސް އެދިވަޑައިގަތެވެ. އަދި އޭތި ހުށަހަޅަން ވަކި ތާރީހެއް ދިނުމަށް ވެސް އެދިވަޑައިގަތެވެ.

އެކަމަކު ގާޒީ ހުސެއިން ފާއިޒް ރަޝާދު ވިދާޅުވެފައި ވަނީ އެ ރިޕޯޓު ނެތުމަކީ ދައުވާ އިއްވުމާއި ސާފުކުރުމަށް އޮތް ހުރަހެއް ނޫން ކަމަށްވެ. އެހެންކަމުން ދައުލަތުން ދައުވާ އިއްވި އެވެ. އެކަމަކު މާވިން އަށް ރަގަޅަށް ތަރުޖަމާ ސާފުނުވާތީ ޝަރީއަތް ނިންމައިލީ އެވެ.

ގާޒީ ވިދާޅުވެފައި ވަނީ ދެން އޮންނަ ޝަރީއަތުގެ މަޖިލީސް ބާއްވާނީ މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތެއް ކޯޓަށް ހާޒިރުކޮށްގެން ކަމަށެވެ. އޭރުން ތަރުޖަމާ ކުރުމުގައި ވެސް އަދި އަޑު ލިބުމުގައި ވެސް ދަތިތަކާ ކުރިމަތިލާން ނުޖެހޭނެ ކަމަށެވެ.