ކްރިމިނަލް ކޯޓް

މޭރީގެ މަރު: ލަމްހާ ދުލެއް ނުކުރި

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުސް، މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ ކޮށްފައިވާ ހަލީމަތު ލަމްހާ ބަންދުން ދޫނުކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އެވެ.

މި މައްސަލައާއި ގުޅިގެން ލަމްހާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އެކަމަކު އޭނާގެ ސިއްހީ ހާލަތާ ގުޅޭގޮތުން މީގެ ކުރިން ކޯޓުގައި އެތައް ޝަކުވާއެއް ހުށަހެޅުމަށްފަހު ބަންދުން ދޫކޮށްދިނުމަށް އެދިފައިވެ އެވެ.

އެކަމަކު ކުރިން ދައުލަތުން ބުނެފައި ވަނީ ޑޮކްޓަރުން ލަމްހާގެ ބަލިހާލަތާ ގުޅިގެން ލަފާދީފައިވާ ގޮތަށް ކަރެކްޝަނަލް ސާވިސް އިން އަމަލުކުރަމުން އަންނާތީ އޭނާ ބަންދުން ދޫކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އެހެންކަމުން މީގެ ކުރިން ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށް ގާޒީ ހުސެއިން ފާއިޒް ރަޝާދު ނިންމެވީ ލަމްހާ ބަންދުން ދޫކޮށްލަން ޖެހޭ ސަބަބަބެއް ނެތް ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުން ވެސް ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅައިފަ އެވެ.

ދިފާއީ ހެކިތަކެއް ބަލައި ނުގަންނަން ދައުލަތުން ހުށަހެޅި

ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ ގޮތުގައި ދައުލަތުން ވަނީ ލަމްހާގެ ދިފާއުގައި ހުށަހަޅާފައިވާ 12 ހެއްކެއް ބަލައި ނުގަތުމަށް ހުށަހަޅާފަ އެވެ. އޭގެތެރެއިން ދެ ހެކިވެރިޔެއް ފުލުހުންނަށް ދީފައިވާ ބަޔާނަށް ދީފައިވާ މައުލޫމާތުތަކުގެ ބަދަލުގައި އެހެން ކަންތައްތަކެއް ސާބިތުކުރަން ހުށަހަޅާފައި ވާތީ އެ ދެ ހެކިން ބަލައި ނުގަތުމަށް ވަނީ އެދިފަ އެވެ.

ލަމްހާގެ ފަރާތުން ހުށަހަޅާފައިވާ ގިނަ ހެކިތަކަކީ ދައުލަތުން ވެސް ހުށަހަޅާފައިވާ ހެކިތަކަކަށް ވާތީ އާއި އަދި ދައުލަތުން ހެކި ހުށަހަޅާފައިވާ ދާއިރާއިން ކަމަށްވާތީ ހެކިތަކެއް ބަލައި ނުގަތުމަށް ވެސް އެދިފައިވެ އެވެ.

ދައުލަތުން ބުނެފައި ވަނީ ލަމްހާގެ ދިފާއީ ހެކިތައް ހުށަހަޅާފައި ވަނީ އޭނާގެ ފަރާތުން ނަގާފައިވާ ކޮން ދިފާއުއެއް ސާބިތުކުރަންކަން ވެސް ނޭންގޭ ކަމަށެވެ. އެހެންކަމުން އެ ހެކިތައް ޝަރީއަތަށް ބަލައި ނުގަނެވޭނެ ކަމަށް ދައުލަތުން ބުނެ އެވެ.

ދައުލަތުގެ ވާހަކަތަކުގެ ރައްދުގައި ދިފާއީ ވަކީލް އަހުމަދު ޔާމީން ވިދާޅުވެފައި ވަނީ ދައުލަތުން ހުށަހަޅާ ހެކިތަކާ ދިފާއުން ދުވާލުކުރެވޭނީ ހެކިތައް ހުށަހަޅާފައިވާ ދާއިރާއިން އެކަނި ކަމަށެވެ. އެހެންކަމުން ދިފާއުން ސާފުކުރަން ބޭނުންވާ ކަންކަން ސާފުކުރުމަށް ދިފާއުން އެ ހެކިތައް އެހެން ދާއިރާއަކުން ހުށަހެޅުމުގެ ހައްގު ލިބިގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ލަމްހާގެ ފަރާތުން ހުށަހަޅާފައި ވަނީ ދައުލަތުން ހުށަހަޅާފައިވާ ބައެއް ކިތާބީ ހެކި ހާމަކުރުމަށް އަންގާ ހުށަހެޅުމެކެވެ. މޭރީ ހޮސްޕިޓަލަށް ގެންދިއުމާ ހަމައިން ދެވުނު ފަރުވާއާއި، ބޭހާއި، ފަރުވާދިން ޑޮކްޓަރުންނާއި ނަރުހުން މައުލޫމާތު ހާމަކޮށްދިނުމަށް އެދިފައިވެ އެވެ. އަދި ލަމްހާގެ ގެއިން ފެނުނު ބޭސްތަކާ ގުޅިގެން އިތުރު ހެކި ހާމަކޮށްދިނުމަށް ވެސް އެދިފައިވެ އެވެ.

ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން ގޮތް ނިންމުން އޮންނާނީ ދެން އޮންނަ އަޑުއެހުމެއްގަ އެވެ. ގާޒީ ވިދާޅުވެފައި ވަނީ އަންނަ އޮގަސްޓް މަސް ތެރޭގައި އެކަމަށް އަޑުއެހުމެއް ތާވަލުކުރައްވާނެ ކަމަށެވެ.