އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރައިލި ކަމަށް އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް މިއަދު ކްރިމިނަލް ކޯޓުން އިންކާރުކޮށްފި އެވެ.
ކޯޓުގައި މިއަދު އޮތީ މި މައްސަލައިގެ ދައުވާ އިއްވުމާއި ޖަވާބުދާރީވުމަށް ބޭއްވި އަޑުއެހުމެކެވެ. ދައުލަތުން މިއަދު ދައުވާ އިއްވަމުން ބުނެފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 19 ވަނަ ދުވަހުގެ މެންދުރު މާވިން އާއި މޭރީ ދިރިއުޅޭ ގޭގައި، މޭރީގެ ބޮލަށާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްލައިގެން މޭރީ މަރާލައިފައިވާ ކަމަށެވެ.
އެނގިހުރެ މީހަކު މެރުމުގެ ދައުވާ މާވިންގެ މައްޗަށް އުފުލައިފައިވާއިރު މި ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށް ލުމެވެ. އެކަމަކު ދައުލަތުން ބުނެފައި ވަނީ ހާދިސާ ހިނގިއިރު މި ދެ މީހުން ވެސް ތިބީ އިސްލާމީ ޝަރީއަތެއްގެ ހިމާޔަތުގައި ކަމުން، އިސްލާމީ ޝަރީއަތުގައި ކަނޑައަޅައިފައި ވާގޮތަށް ކުށް ސާބިތުވެއްޖެނަމަ މަރުގެ އަދަބު ކަނޑައެޅޭނެ ކަމަށެވެ.
ދައުލަތުން ދައުވާ އިއްވުމުން މާވިންގެ ދިފާއީ ވަކީލް އިސްމާއީލް މުހައްމަދު ވަނީ، މޭރީގެ ކަރަށާ ބޮލަށް މާވިން ހަމަލާ ދިނީ ކިހިނެއް އަދި ކޯންޗަކުންކަން ސުވާލުކޮށްފަ އެވެ.
ޖަވާބުގައި ދައުލަތުގެ ވަކީލް އަހުމަދު ނައުފަލް ވިދާޅުވެފައި ވަނީ މޭރީއަށް ހަމަލާދީފައިވާކަން އެނގެނީ އޮޓޮޕްސީ ރިޕޯޓުން ކަމަށާއި ހަމަލާދިނީ ކޯންޗަކުންކަން އެނގެން ނެތް ކަމަށެވެ. ނަމަވެސް އެކަމަށް ބާރު ލިބޭ އިތުރު ހެކިތައް ހުރި ކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން މާވިންގެ ފޯނުން "ހައު ޓު ނޮކް ސަމްވަން އައުޓް" ނުވަތަ މީހަކު މަރައިލާނެ ގޮތްތައް ގޫގުލްގައި ސާޗުކޮށްފައިވާ ކަމަށް މޯބައިލް ފޮރެންސިކް ރިޕޯޓުން ދައްކާ ކަމަށެވެ. އަދި އެވަގުތު އެތަނުގައި ހުރީ މާވިން އެކަނި ކަމަށް އޭނާގެ ދުލުން ބުނެފައިވާ ކަމަށް ވެސް ނައުފަލް ވިދާޅުވި އެވެ.
ދައުވާއަށް ޖަވާބުދެމުން މާވިންގެ ފަރާތުން ދިފާއީ ވަކީލް ވިދާޅުވެފައި ވަނީ މޭރީ މަރައިލީ މާވިން ނޫން ކަމަށާއި ދުވަހަކު ވެސް ޖިސްމާނީ ގޮތުން އެއްވެސް އަނިޔާއެއް އޭނާގެ ފަރާތުން މޭރީއަށް ލިބިފައި ނުވާނެ ކަމަށެވެ.
އަޑުއެހުން ދިގުލައިގެން ދިއުމުން ހެކި ހާމަކުރުމަށް އަޑުއެހުން ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހަށެވެ. އެދުވަހު ދިފާއީ ހެކި ހުށަހެޅުމަށް ވެސް ގާޒީ ހުސެއިން ފާއިޒް ރަޝާދު ވަނީ ވިދާޅުވެފަ އެވެ.
މި މައްސަލައިގައި ދެން ހިމެނޭ ހަލީމަތުގެ ލަމްހާގެ ބައި ކުރިއަށް ގެންދަނީ ވަކިންނެވެ. ގާޒީ ވިދާޅުވެފައި ވަނީ އިބްތިދާއީ މަރުހަލާ ނިމުމުން ދެ މީހުންގެ ބައި އެއްކޮށް ކުރިއަށް ގެންދާނެ ކަމަށެވެ. ލަމްހާ ވެސް ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.