ކްރިމިނަލް ކޯޓް

ޑޮކްޓަރު ލަފާދިންގޮތަށް އަމަލު ނުކުރާތީ އެޗްއާރްސީއެމްއަށް

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުސް، މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ ކޮށްފައިވާ ހަލީމަތު ލަމްހާގެ ބަލިހާލަތަށް ރިއާޔަތްކޮށް ޑޮކްޓަރު ލަފާ ދީފައިވާ ކަންކަން ކަރެކްޝަނަލް ސާވިސް އިން ތަންފީޒު ނުކޮށްދޭތީ އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް ހުށަހަޅާފައިވާނެ ކަމަށް ބުނެފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައިވަނީ ލަމްހާގެ ބަންދާ މެދު ގޮތެއް ނިންމުމާ ދައުވާ އިއްވައި ޖަވާބުދާރީވުމަށް ބޭއްވި އަޑުއެހުމެކެވެ.

ލަމްހާގެ ޑިސްކް މައްސަލަ ހުންނާތީ ބެޑްރެސްޓް ކުރުމަށް މީގެ ކުރިން ޑޮކްޓަރު ލަފާ ދީފައިވާ ކަމަށް އޭނާ ބުނެފައިވެ އެވެ. އޭގެ ފަހުން ރޭގައި އޭޑީކޭއިން ކަށީގެ ޑޮކްޓަރަކަށް ދެއްކުމުން ބަރު އެއްޗެހި ނުއުފުލުމަށާއި، ފިޒިއޮތެރަޕީ ހެދުމަށާއި ހަ ހަފްތާ ވާންދެން ބެޑްރެސްޓް ކުރުމަށް ޑޮކްޓަރު ލަފާދީފައިވާ ކަމަށް އޭނާގެ ފަރާތުން ވަނީ ބުނެފަ އެވެ.

ދައުލަތުން ބުނީ ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް ކަރެކްޝަންސް އިން އަމަލުކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޑޮކްޓަރުގެ ލަފަޔާއި ގުޅިގެން އަމިއްލައަށް އެއްޗެތި ދޮވުމުގެ ބަދަލުގައި ކަރެކްޝަނަލް ސާވިސްގެ ލޯންޑަރީ ބައިން އެކަން ކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ބާލިދީގައި ފެން އުފުލަން އުނދަގޫވާތީ، އުފުލޭ ވަރަށް ބާލިދީއަށް ފެން އެޅުމަށް އަންގައި އަދި ފަސޭހަ ކުރުމަށް ހޮޅިއެއް ވެސް ގުޅައިދީފައިވާ ކަަމަށެވެ.

ރޭގައި ޑޮކްޓަރު ލަފާދީފައި ވަނީ ބެޑްރެސްޓް ކުރަން ނޫން ކަމަށާއި، އެއީ ހަމައެކަނި އަނިޔާ ލިބިފައިވާ ތަން ރެސްޓް ކުރުން ކަމަށް ދައުލަތުން ބުންޏެވެ. މީގެ އިތުރުން ފިޒިއޮތެރަޕީގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަރެކްޝަނަލް ސާވިސްއަށް އަންގާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެކަމަކު ލަމްހާގެ ފަރާތުން ދިފާއީ ވަކީލް އަހުމަދު ޔާމީން ވިދާޅުވީ ޖަލެއްގައި ހުރެގެން ބެޑްރެސްޓް ނުކުރެވޭނެ ކަމަށެވެ. އޭނާގެ ބަލި ހާލަތު ހުރި ގޮތުން އޭނާ އަކީ ޖަލެއްގައި ބަންދުކޮށްގެން ގެންގުޅެވޭނެ މީހެއް ނޫން ކަމުގައިވެސް ވިދާޅުވި އެވެ. އެހެންކަމުން އެ މައްސަލަ އެޗްއާރްސީއެމް އަށް ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މައްސަލަ ބަލަމުން އަންނަ ކަމަށް އެ ކޮމިޝަނުން އަންގާފައިވާ ކަމަށްވެސް ފާހަގަކުރެއްވި އެވެ. އަދި ލަމްހާގެ ހާލަތަށް ރިއާޔަތްކޮށް އޭނާ ބަންދުން ދޫކޮށްދިނުމަށްވެސް އެދިވަޑައިގެންނެވި އެވެ.

ދެފަރާތުގެ ވާހަކަތަކަށްފަހު ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ ބަންދާމެދު ގޮތެއް ނިންމާނީ ރޭ ޑޮކްޓަރު ދިން ލަފަޔާ އެއްގޮތަށް ކަރެކްޝަނަލް ސާވިސް އިން އަމަލު ކުރޭތޯ ބެލުމަށްފަހުގައި ކަމަށެވެ.

"މަނާ ބޭހެއް ނުގެންގުޅެން"

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ލަމްހާގެ މައްޗަށް އުފުލާފައިވާ ތިން ދައުވާގެ ތެރެއިން ދެ ދައުވާ އިއްވާފަ އެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އެވެ.

މި ދެ ދައުވާގައި ދައުލަތުން ބުނެފައިވަނީ މޭރީ މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ލަމްހާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު، ހަމައެކަނި ހޮސްޕިޓަލުގައި ބޭނުންކުރުމުގެ ހުއްދަ އޮތް ބޭސްތަކެއް އެ ގެއިން ފެނިފައިވާ ކަމަށެވެ. ދައުލަތުން ބުނެފައިވަނީ މި ބޭސްތަކަކީ ފާމަސީތަކުން ވެސް ލިބޭނެ ބޭސްތަކަކަށް ނުވާއިރު، މިއީ ވަކި ހާއްސަ ހުއްދަ އޮންނަ ފަރާތްތަކަށް ދޫކުރެވޭ ބޭސްތަކެއް ކަމަށެވެ.

ދައުވާތަކާއި ގުޅިގެން ދިފާއުން ވަނީ ދައުލަތާ ގިނަ ސުވާލުތަކެއް ކޮށްފަ އެވެ. އެގޮތުން އެ ބޭސްތަކަކީ އައިޖީއެމްއެޗްގެ ބޭސްތަކެއްކަން އެނގެނީ ކޮން ގޮތަކަށް ކަމަށާއި، ހަމައެކަނި ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސިޓީއެއްގެ މައްޗަށް ބިނާކޮށް ދައުވާ އުފުލީ ކޮން އަސާސަކުން ކަމާމެދު ސުވާލު އުފެއްދި އެވެ.

ރައްދުގައި ދައުލަތުން ބުނެފައިވަނީ އެ ބޭސްތަކަކީ "އެޗް-1" ދަރަޖައިގެ ބޭސްތަކެއް ކަމަށެވެ. އެފަދަ ބޭސްތަކަކީ ހަމައެކަނި ހޮސްޕިޓަލްތަކަށް އެކަނި ދޫކުރެވޭ ބޭސްތަކެއް ކަމަށެވެ. އަދި ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދައެއް ލަމްހާގެ އަތުގައި ނެތް ކަމަށާއި ލަމްހާ ދިރިއުޅޭ ގެއަކީ ހޮސްޕިޓަލެއް ނޫން ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނީ އެ ބޭސްތަކަކީ އައިޖީއެމްއެޗްގެ ބޭސްތަކެއްކަން އެނގެނީ އެސްޓީއޯގެ ލިޔުމަކުން ކަމަށެވެ. އެގޮތުން ލަމްހާގެ ގެއިން ފެނުނު ބޭސްތަކުގެ ބެޗް ނަންބަރުން އެއީ އެސްޓީއޯ އިން އައިޖީއެމްއެޗަށް ވިއްކާފައިވާ ބޭސްތަކެއްކަން އެނގޭ ކަމަށެވެ. އަދި އެ ބޭސްތައް ނަގާފައިވަނީ ސިއްރުންކަން އެނގެނީ ލަމްހާ އައިޖީއެމްއެޗުން އެއްވެސް ހުއްދައެއް ނަގާފައި ނުވާތީ ކަމަށެވެ. އެކަން ހޮސްޕިޓަލުގެ ޑިރެކްޓަރުގެ ސިޓީއަކުން ކަށަވަރުވާ ކަމަށްވެސް ދައުލަތުން ބުންޏެވެ. އަދި ހުއްދަ ނޫން ގޮތުގައި ބާރު ހިންގި ކަމަށް ދައުލަތުން ބުނީ، އެ ބޭސްތައް ހޮސްޕިޓަލުން ގެންދާ ހިސާބުން އެ ތަކެއްޗަށް ބާރު ހިންގިފައި ވާތީ ކަމަށެވެ.

ލަމްހާގެ ފަރާތުން ދިފާއީ ވަކީލް އަބްދުﷲ ޝާއިރު ވިދާޅުވެފައި ވަނީ އެއްވެސް މަނާ ބޭހެއް އަދި އައިޖީއެމްއެޗްގެ އެއްޗެއް ލަމްހާ ގެންގުޅެފައި ނުވާ ކަމަށެވެ. މި ދެ ދައުވާ އަށް އޭނާ ވަނީ އިންކާރުކޮށްފަ އެވެ.

ލަމްހާގެ މައްޗަށް އުފުލާފައިވާ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އަށް ވެސް އޭނާ ވަނީ މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި އިންކާރުކޮށްފަ އެވެ.

މި މައްސަލައިގައި ދެން އޮންނާނީ ދެ ފަރާތުން ހެކި ހާމަކުރުމާއި އަދި ލަމްހާގެ ބަންދާ މެދު ގޮތެއް ނިންމުމެވެ. އެކަމަށް މިމަހުގެ 19 ވަނަ ދުވަހު އަޑުއެހުމެއް ވަނީ ތާވަލުކޮށްފަ އެވެ.

އެދުވަހުގެ އަޑުއެހުމަށް ލަމްހާ އޮންނަ ގޮޅީގެ ހާލަތު ދެނެގަތުމަށް ކަރެކްޝަނަލް ސާވިސްގެ އޮފިސަރެއް ހާޒިރުކޮށްދިނުމަށް ދިފާއުން ވަނީ އެދިފަ އެވެ. އެކަމަކު އެކަމުގައި ގާޒީ ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

މޭރީގެ ފިރިމީހާ، މާވިން އެސްވައި ވާގަސްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. އޭނާ ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.