އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ ކޮށްފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ ފޯނަށް މޭރީ މަރާލާނެ ކަމުގެ އިންޒާރުތައް، ދައުވާ ލިބޭ ހަލީމަތު ލަމްހާ ކޮށްފައިވާ ކަމަށް ދައުލަތުން ބުނެފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ ލަމްހާގެ ބައިގައި ދައުވާ އިއްވުމާއި ޖަވާބުދާރީވުމުގެ އަޑުއެހުމެކެވެ.
މި މައްސަލާގައި އުމުރުން 24 އަހަރުގެ ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އެވެ.
ދައުލަތުން މިއަދު އިއްވާފައި ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ ދައުވާ ސާފުނުވެ ހަސްމުންގެ މެދުގައި ބޮޑު ބަހުސެއް ކުރިއަށް ގެންގޮސްފައިވާއިރު ލަމްހާގެ ފަރާތުން ވަނީ އެ ދައުވާއަށް އިންކާރުކޮށްފަ އެވެ.
މި ދައުވާގައި ދައުލަތުން ބުނެފައި ވަނީ ލަމްހާއާއި މާވިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މޭރީއަށް އެނގުމުން، ލަމްހާ އާއި މޭރީގެ މެދުގައި ދެބަސްވުނަތަކެއް އުފެދި އަދި ލަމްހާ އޭނާއަށް އިންޒާރު ދީފައިވާ ކަމަށެވެ. އަދި މޭރީ މަރައިލި ވަގުތު އެކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ދެމަފިރިންގެ ދަރިފުޅު ލަމްހާގެ ގޭގައި ގެންގުޅުމަށްފަހު، ފަހުން ދެމަފިރިން ދިރިއުޅޭ ގެއަށް ދަރިފުޅު ގެންދިއުމަށްފަހު އެގޭގައި 20 މިނެޓު ހޭދަކުރުމަށްފަހު ލަމްހާ ނިކުމެގެން ދިޔަ ކަަމަށެވެ. ލަމްހާ ނިކުމެގެން ދިޔަތާ މިނެޓެއް ފަހުން މާވިން އައިޖީއެމްއެޗްގެ އެމްބިއުލައިންސްއަށް ގުޅައި، މޭރީ ދަންޖެހިފައިހުރިކަމަށް ރިޕޯޓުކުރި ކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ.
ދައުލަތުން ބުނެފައި ވަނީ މޭރީ މަރައިލުމަށްފަހު އޭނާ މަރުވީ ދަންޖެހިގެންކަން ދައްކަން ވެގެން މާވިންއާއެކު ލަމްހާ މަސައްކަތް ކޮށްފައިވާޗކަމަށެވެ. މި ދައުވާ ސާބިތު ވެއްޖެ ނަމަ ހަތް އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ދައުލަތުން ބުނެ އެވެ.
ދައުވާ އިއްވުމުން ދިފާއުން ވަނީ ދައުވާ ސާފުނުވާކަމަށް ބުނެ ގިނަ ސުވާލުތަކެއް ދައުލަތާއި ކުރިމަތިކުރުވާފަ އެވެ. އެގޮތުން މޭރީއަށް ލަމްހާ އިންޒާރު ދިނީ ކޮންގޮތަކުން ކަމާއި، މާވިން ދިރިއުޅޭ ގެއަށް ލަމްހާ ވަތްކަން އެނގެނީ ކިހިނެއްކަމާއި، އަދި 20 މިނެޓުވާންދެން ލަމްހާ އެގޭގައި އުޅުނުއިރު ލަމްހާ ކުރީ ކޮން ކަންތައްތަކެއްްކަން ދައުލަތަށް އެނގެނީ ކިހިނެއް ކަމާމެދު ދިފާއުން ވަނީ ސުވާލުކޮށްފަ އެވެ.
ދައުލަތުގެ ވަކީލް އަހުމަދު ނައުފަލް ވިދާޅުވި ގޮތުގައި، މާވިންގެ ފޯނަކީ މޭރީ ވެސް ބޭނުންކުރާ ފޯނެއްކަން ލަމްހާއަށް އެނގޭއިރު، ލަމްހާގެ ފަރާތުން މާވިންގެ ފޯނަށް މެސެޖުތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން "އައި ވިލް ހަންޓް ހާ ޑައުން" ފަދަ މެސެޖުތައް މާވިންގެ ފޯނަށް ފޮނުވާފައިވާ ކަމަށާއި، އެމެސެޖުތައް ކުރަމުންދިޔައިރު، އެ މެސެޖުތައް އެވަގުތު ބަލަނީ މޭރީތޯ ވެސް ސުވާލުކޮށްފައިވާ ކަމަށް ނައުފަލް ވަނީ ވިދާޅުވެފަ އެވެ.
ނައުފަލް ވިދާޅުވި ގޮތުގައި ދެމަފިރިން ދިރިއުޅޭ ގެއަށް ލަމްހާ ވަތްކަން ސީސީޓީވީ ފުޓޭޖުން ފެނެ އެވެ. އަދި އެގެއިން ނިކުމެގެން ދަމުން ފިންގާޕްރިންޓް ފޮރުވުމަށް ޓީޝާޓުން އަތް ފޮރުވުމަށްފަހު ތަޅުގައި ހިފާ މަންޒަރު ކެމެރާއަށް އަރާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ދިފާއީ ވަކީލް އަބްދުﷲ ޝާއިރު ވަނީ، ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ ބައެއް މެސެޖުތަކާ ގުޅޭ ގޮތުން ވެސް ސުވާލު އުފައްދައިފަ އެވެ. އެގޮތުން ލަމްހާގެ ފަރާތުން މާވިންއަށް އިންޖެކްޝަން ޖަހާނެ ގޮތް ކިޔައިދީފައިވާ ކަމަށް ދައުލަތުން ފާހަގަކޮށްފައިވާއިރު، މާވިން އަކީ އީއާރުގެ ސީނިއާ ނަރުހެއް ކަމަށާއި އޭނާއަށް އިންޖެކްޝަން ޖަހާނެ އިރުޝާދު ލަމްހާ ކިޔައިދިނުމަކީ ޖޯކެއް ކަމަށް ޝާއިރު ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ދައުލަތުން ދައްކާ ގިނަ ވާހަކަތަކަކީ ނޫސްތަކުގެ ހެޑްލައިންއަށް އަރުވަން ދައްކާ ވާހަކަތަކެއް ކަމަށް ތަކުރާރުކޮށް ދިފާއުން ވަނީ ބުނެފަ އެވެ.
ދިގު ބަހުސަކަށްފަހު ގާޒީ ހުސެއިން ފާއިޒް ރަޝާދު ވަނީ ދައުވާ ސާފުކޮށްދެވެއްޖެކަމަށް ކަނޑައަޅައިފަ އެވެ.
ދަރިފުޅުގެ ބަހެއް ނުލިބޭތީ ޖަވާބުދާރީވާން އިއުތިރާޒްކުރި
ދައުލަތުން ބުނާ ގޮތުގައި މޭރީ އާއި މާވިންގެ ދަރިފުޅަށް މި ހާދިސާގެ ކޮންމެވެސް މިންވަރެއް ފެނިފައިވުން އެކަށީގެންވެ އެވެ. ދަރިފުޅުގެ ފޮރެންސިކް ސައިކޮލޮޖިކަލް ރިޕޯޓު ހޯދުމަށް ދައުލަތުން މަސައްކަތް ކުރަމުން އަންނައިރު، އެ ރިޕޯޓު ލިބުމުން ނޫނީ ދިފާއުވާން އުނދަގޫ ކަމަށް ލަމްހާގެ ފަރާތުން މިއަދު ވެސް ވަނީ ބުނެފަ އެވެ. އެ ރިޕޯޓު ތައްޔާރުކުރަނީ ފިލިޕިންސްގެ ކަމާ ބެހޭ އިދާރާތަކުންނެވެ.
ދިފާއީ ވަކީލް ޝާއިރު ވިދާޅުވެފައި ވަނީ މާވިންއާއި ލަމްހާ ވަރަށް ދިގުކޮށް ބަޔާން ދީފައިވާއިރު އެގޭތެރެއަށް ލަމްހާ ވަދެ ކުރި އެއްވެސް ކަމެއް އެނގެން ނެތް ކަމަށެވެ. އެހެންކަމުން މުޅި މައްސަލަ ބޮޑަށް ބަރޯސާ ވެފައި އޮތީ ކުޑަކުއްޖާގެ ބަހަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި ކުއްޖާގެ ރިޕޯޓު ތައްޔާރުކުރުމުގެ ގާބިލްކަން ދިވެހި ފުލުހުންނަށާއި ފެމެލީ އެންޑް ޗިލްޑްރެން ސާވިސްއަށް ލިބިފައިވާއިރު، މިގައުމުން އެކުއްޖާ ފުރުމުގެ ކުރިން އެކަން ނުކުރީ ކީއްވެތޯ ވެސް ސުވާލުކުރެއްވި އެވެ.
ދައުލަތުގެ ވަކީލް ނައުފަލް ވިދާޅުވެފައި ވަނީ އެ ރިޕޯޓު ލިބުމުން، އެކުއްޖާގެ ބަހެއް ލިބުން ވެސް އަދި ނުލިބުން ވެސް އެކަށީގެންވާ ކަމަށެވެ. އެގޮތުން އެދުވަހު ކަން ހިނގާ ދިޔަ ގޮތް ކުއްޖާ ހަނދާން ނެތިފައި ނުވަތަ އެއްޗެއް ނުބުނެވެސް ހިނގައިދާނެ ކަމަށެވެ. އެހެންކަމުން އެޔަށް ބަރޯސާވެ، ދައުވާ އިއްވުން ލަސްކުރެވޭނެ ކަމަށް ނުދެކޭކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ރިޕޯޓު ނުލިބުނު ނަމަވެސް ދައުލަތުން ހުށަހަޅާފައިވާ ދައުވާތައް ސާބިތުކުރެވޭވަރުގެ އެހެނިހެން ހެކި ހުށަހަޅާފައިވާނެ ކަމަށް ވެސް ނައުފަލް ވަނީ ފާހަގަކުރައްވާފަ އެވެ.
ދެފަރާތުގެ ވާހަކަތަކަށްފަހު ގާޒީ ވިދާޅުވީ މި މައްސަލައިގެ އިބްތިދާއީ މަރުހަލާ ނިމުމުގެ ކުރިން އެ ރިޕޯޓު ހުށަހެޅުމުގެ ފުރުސަތު ދައުލަތަށް ލިބޭނެ ކަމަށެވެ. ޝަރީއަތް ފެށުމަށްފަހު އެ ރިޕޯޓު ހުށަނޭޅޭނެ ކަމަށް ވިދާޅުވި އެވެ.
ލަމްހާ އެމަޖެންސީގައި އެޑްމިޓްކުރި، ލަފަޔަކީ ބެޑްރެސްޓްކުރުން
މި މައްސަލައިގައި މިއަދު ވަނީ ލަމްހާގެ ބަންދު މުރާޖައާގެ ބައި ވެސް ކުރިއަށް ގެންގޮސްފަ އެވެ. ލަމްހާ ބުނެފައި ވަނީ އޭނާގެ ޑިސްކް މައްސަލަ ހުންނަ ކަމަށާއި، ހައްޔަރުކުރުމުގެ ކުރިން އޭނާ އަކީ ބަރާބަރަށް ކަސްރަތުކޮށް ޑައިޓަށް ފޮލޯކޮށްގެން އުޅޭ މީހެއް ކަމަށެވެ.
އެކަމަކު ޖަލަށް ދިޔަފަހުން އެކަންކަމަށް ފަރުވާތެރިކަން ނުބެހެއްޓޭ ކަމަށް އޭނާ ބުންޏެވެ. އޭނާގެ އެއް ޑިސްކުގައި ރެނދެއްވެސް ލައިފައިވާ ކަމަށާއި އޭނާ އުޅެމުން ދަނީ ވަރަށް ތަކުލީފުގައި ކަމަށެވެ. ފާހާނާގައި އުޅޭއިރު ފެން ބާލިދީ އެއްޗެއްހި އުފުލަން ޖެހޭ ކަމަށާއި އެހެންކަމުން އޭނާގެ ބަލިހާލަތު ގޯސްވަމުން އަންނަ ކަމަށެވެ.
މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ފާހާނާތެރެއަށް އޭނާ ކަހާލައިގެން ވެއްޓި، އެމަޖެންސީގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް އަދި ފަހުން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަކަމަށް ދިފާއީ ވަކީލް ވަނީ ވިދާޅުވެފަ އެވެ. ހުޅުމާލެ ހޮސްޕިޓަލުން ބެލި ޑޮކްޓަރު، ލަމްހާ ބެޑްރެސްޓް ކުރުމަށާއި ބަރު އެއްޗެހި ނުއުފުލުމަށް އިރުޝާދު ދީފައިވާ ކަމަށް ޝާއިރު ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް، ދައުލަތަށް އެ މައުލޫމާތުތައް ހިއްސާކުރެވިފައި ނުވާތީ ގާޒީ ވިދާޅުވީ އަންނަ އަންގާރަ ދުވަހު އިތުރު އަޑުއެހުމެއް ބަންދާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ތާވަލުކުރުމަށެވެ.
މި މައްސަލައިގައި މިއަދު ހުށަހެޅި ދައުވާ ސާބިތުކުރުމަށް ހެކި ހާމަކުރުމަށާއި ބާކީހުރި ދައުވާތައް އިއްވައި ޖަވާބުދާރީ ވުމަށް ގާޒީ ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހަށް އަޑުއެހުމެއް ތާވަލުކޮށްފަ އެވެ.