މީޑިއާ އިން ޝަރީއަތްތަކަށް ވަދެ ހަބަރު ފަތުރާ ގޮތުން ޖަލުތެރޭގައި މަޝްހޫރުވެފައި އޮންނަނީ މީހަކު މެރުމުގައި ބައިވެރިވި މީހެއްގެ ގޮތުގައި ކަމަށްވާތީ ޖަލު ތެރެއިން އެއްވެސް ކަމެއްގައި އެހީތެރިކަމެއް ނުލިބޭ ކަމަށް އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުސް، މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ ކޮށްފައިވާ ހަލީމަތު ލަމްހާ ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައިވަނީ ލަމްހާގެ ބަންދު މުރާޖާ ކުރުމުގެ އަޑުއެހުމެކެވެ.
މި އަޑުއެހުމުގައި ލަމްހާގެ ބަލި ހާލަތާ ގުޅޭ ގޮތުން އޭނާގެ ދިފާއީ ވަކީލް އަބްދުﷲ ޝާއިރު ވިދާޅުވީ ލަމްހާއަށް ބެޑްރެސްޓް ކުރުމަށާއި ބަރު އެއްޗެހި ނުއުފުލުމަށް ޑޮކްޓަރު އަންގާފައިވާ ކަމަށެވެ. އެކަންކަން ކަރެކްޝަނަލް ސާވިސްއިން ކުރިއަށް ގެންދޭތޯ ދައުލަތާ ސުވާލުކުރެއްވި އެވެ. އަދި ލަމްހާގެ ބަލި ހާލަތަކީ ފުރާނައަށް ނުރައްކާ ވެދާނެ ހާލަތެއް މެދުވެރިވެދާނެ ބައްޔެއް ކަމުން 30 ދުވަހަށް ބެޑްރެސްޓް ކުރެވޭ ގޮތަށް ބަންދަށް ލުޔެއް ދެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ވެސް ލަމްހާގެ ފަރާތުން ވަނީ އޭނާގެ ބަލިހާލަތާ ގުޅިގެން ކޯޓުގައި ވާހަކަ ދައްކާފަ އެވެ. އެގޮތުން އޭނާގެ ޑިސްކް މައްސަލަ ހުންނަ ކަމަށް ވަނީ ބުނެފަ އެވެ.
ދައުލަތުން ބުނެފައިވަނީ ޑޮކްޓަރުގެ ލަފަޔާއި ގުޅިގެން އަމިއްލައަށް އެއްޗެހި ދޮވުމުގެ ބަދަލުގައި ކަރެކްޝަނަލް ސާވިސްގެ ލޯންޑަރީ ބައިން އެކަން ކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ބާލިދީގައި ފެން އުފުލަން އުނދަގޫވާތީ، އުފުލޭ ވަރަށް ބާލިދީއަށް ފެން އެޅުމަށް އަންގައި އަދި ފަސޭހަ ކުރުމަށް ހޮޅިއެއް ވެސް ގުޅައިދީފައިވާ ކަަމަށެވެ.
މިކަމާ ގުޅިގެން ލަމްހާ ބުނީ އެ ހޮޅިން އޭނާއަށް އެއްވެސް ފައިދާއެއް ނުވާ ކަމަށެވެ. އެއީ ދެ ފޫޓެއްހާ ކުރު ހޮޅިއެއް ކަމަށާއި އޭގެ ބޭނުން ރަގަޅަށް ނުކުރެވޭ ކަމަށެވެ. އަދި އެ ހޮޅީގެ ސަބަބުން އެ ތަނުގައި އުޅޭ އެހެން މީހުންނަށް ވެސް އުނދަގޫވާ ކަމަށެވެ.
"އެތަނުގައި ތަށި އެއްޗެހި ދޮންނަން އިންނަނީ ކަކުލަށްވުރެ ތިރި ސިންކެއް. ގުދުވެގެން ކުރަން ޖެހެނީ. ސޯޝަލް މީޑިއާ މިތަނަށް އަންނައިރު އެމީހުންނާ ހެދި އަޅުގަނޑު މިތަނުގައި މަޝްހޫރުވެފައި އިންނަނީ ހަގީގަތުގައި ވެސް އެކަން [މޭރީ މަރައިލައިގެން] އައިސް ހުރި މީހެކޭ. އެހެންވެ ޖަލުތެރެއިން އަޅުގަނޑަކަށް މާބޮޑު އެހީތެރިކަމެއް ވެސް ނުލިބޭ،" ލަމްހާ ބުންޏެވެ.
ލަމްހާގެ ސިއްހީ ކަންކަމާއި ގުޅިގެން ހައިކޯޓުގެ ނިންމުމަކާ ހަވާލާދީ ދައުލަތުން އިތުރަށް ބުނެފައިވަނީ ސިއްހީ ކަންކަން ނުކުރެވޭނަމަ އެކަން މަދަނީ މައްސަލައެއްގެ ގޮތުގައި ކަރެކްޝަނަލް ސާވިސްއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅޭނެ ކަމަށެވެ. އެހެންކަމުން ސިއްހީ ހާލަތަށް ރިއާޔަތްކޮށް މި މަރުހަލާގައި ބަންދުން ދޫކޮށް ނުލެވޭނެ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.
ބަންދު މުރާޖައާ ކުރުމުގެ އަމުރާ ގުޅޭގޮތުން ދައުލަތުން ބުނެފައިވަނީ ލަމްހާގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރު ނެރެފައިވާ ހާލަތަށް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. އެހެންކަމުން ބަންދުގައި ހުރި ހުރުން ދަމަހައްޓައިދިނުމަށް ދައުލަތުން އެދިފައިވެ އެވެ.
ލަމްހާގެ ދިފާއީ ވަކީލް އަހުމަދު ޔާމީން ވިދާޅުވީ ލަމްހާ އަކީ މުޖުތަމައަށް ނުރައްކާހުރި މީހެއް ކަމަށް ދައުލަތުން ބުނި ނަމަވެސް، އޭނާގެ ފުށުން އޮތީ ކޮން ނުރައްކަލެއްކަން ދައުލަތަށް ބުނެ ނުދެވޭ ކަމަށެވެ. މުޖުތަމައަށް ނުރައްކާ އޮތް މީހެއް ކަމަށް ކަނޑައެޅޭނީ އޭނާ އަކީ ސީރިއަލް ކިލާއެއް ނުވަތަ ގޭންގަކާއި ގުޅިގެން މީހުން މެރުމުގައި އުޅޭ މީހެއް ކަމަށް ވާނަމަ ކަމަށް ވަކީލް ވިދާޅުވި އެވެ. ލަމްހާ އަކީ ގޭންގަކާ އެއްވެސް ގުޅުމެއް އޮތް މީހަކަށް ނުވާއިރު، މިފަދަ އެއްވެސް ތުހުމަތެއް މީގެ ކުރިން އުފުލާފައިވާ މީހެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ދެފަރާތުން ވަރަށް ދިގުކޮށް ދެއްކި ވާހަކަތައް އެއްސެވުމަށްފަހު ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވީ އަންނަ މަހުގެ 10 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ އަޑުއެހުމުގައި ދެ ފަރާތުން ދެއްކި ވާހަކަތަކުގައި ގޮތެއް ނިންމަވާނެ ކަމަށެވެ. މިވަގުތަށް ބަންދުގައި ހުރި ހުރުން ދަމަހައްޓަން ނިންމާ ކަމަށްވެސް ވިދާޅުވި އެވެ.
މޭރީގެ މަރުގެ މައްސަލައިގައި އުމުރުން 24 އަހަރުގެ ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އެވެ.
މޭރީގެ ފިރިމީހާ، މާވިން އެސްވައި ވާގަސްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. ދެ މީހުން ވެސް ވަނީ މި ދައުވާތަކަށް އިންކާރުކޮށްފަ އެވެ.