އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލުމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އަށް ދިފާއީ ހެކި ހުށަހެޅުމަށް ހަތް ދުވަހުގެ ފުރުސަތު މިއަދު ކްރިމިނަލް ކޯޓުން ދީފި އެވެ.
މޭރީ މަރާލި މައްސަލައިގައި މާވިންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެނގިހުރެ މީހަކު މެރިކަމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާއަށް މީގެ ކުރިން ބޭއްވި އަޑުއެހުމުގައި އޭނާ ވަނީ އިންކާރުކޮށްފަ އެވެ. އެހެންކަމުން ދައުވާއިން ދިފާއުވުމަށް ދިފާއީ ހެކި ހުށަހެޅުމަށް މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ގާޒީ ހުސައިން ފާއިޒް ރަޝާދު ފުރުސަތު ދެއްވި އެވެ.
އެކަމަކު މިއަދުގެ އަޑުއެހުމަށް އޭނާ އައިއިރު ދިފާއީ ހެކި ހުށަހަޅާފައެއް ނުވެ އެވެ. ދިފާއީ ވަކީލް އިސްމާއީލް މުހައްމަދު ވިދާޅުވެފައިވަނީ މާވިން އަކީ ބިދޭސީ މީހަކަށްވެފައި އޭނާއަށް އެހީތެރިކަން ފޯރުކޮށްދޭން ހުރީ އޭނާގެ މަންމަ އެކަނި ކަމަށެވެ. މަންމައަށް މާވިންއާ މުއާމަލާތްކުރަންވެސް ވަރަށް ދަތިވާތީ، ދިފާއީ ހެކި ހުށަހެޅުމަށް ދެވޭނެ އެންމެ ދިގު މުއްދަތެއް ދެއްވުމަށް އެދިވަޑައިގަތެވެ. އެކަމަކު ކުރިން ވެސް އެފުރުސަތު ދީފައި ވާތީ ގާޒީ ނިންމެވީ އިތުރަށް ހަތް ދުވަހުގެ ފުރުސަތެއް ދިނުމަށެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ މާވިންއާ ދެކޮޅަށް ހުރި ހެކިތައް ވެސް ހާމަކޮށްފަ އެވެ. އެގޮތުން 74 ޝަފަހީ ހެކިންނާއި 36 ކިތާބީ ހެކިންނާއެކު ޖުމްލަ 110 ހެކިން ހުށަހަޅާފައިވާ ކަމަށް ދައުލަތުން ވަނީ ހާމަކޮށްފަ އެވެ.
މައްސަލައިގައި ހުރި ހެކި ގަރީނާތަކަށް ބަލާއިރު މި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ގާޒީ ނިންމެވި އެވެ.
މީގެ އިތުރުން މާވިންގެ ބަންދު މުރާޖާ ކުރުންވެސް މިއަދު އޮތެވެ. ދައުލަތުން އެދުނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރިހުރުމަށް ބަދަލު ގެންނަން ޖެހޭފަދަ ސަބަބެއް ނެތުމުން ބަންދު އަމުރު ދެމެހެއްޓުމަށެވެ. އެކަމަށް ދިފާއުން ވެސް އިއުތިރާޒް ނުކުރާތީ ގާޒީ ނިންމެވީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޮށްފައިވާ އަމުރު ދެމެހެއްޓުމަށެވެ.
މި މައްސަލައިގައި ދެން އޮންނާނީ މާވިންގެ ފަރާތުން ހުށަހަޅާ ދިފާއީ ހެކިން ހާމަކުރުމަށްފަހު، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ. އެހެންކަމުން ހުށަހެޅުންތައް ހުށަހެޅުމަށް ދެ ފަރާތަށް ވެސް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.
މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ އޮގަސްޓް މަހުގެ ތެރޭގައި ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.
މި މައްސަލައިގައި ދެން ހިމެނޭ ހަލީމަތު ލަމްހާގެ ބައި ކުރިއަށް ގެންދަނީ ވަކިންނެވެ. ގާޒީ ވިދާޅުވެފައި ވަނީ އިބްތިދާއީ މަރުހަލާ ނިމުމުން ދެ މީހުންގެ ބައި އެއްކޮށް ކުރިއަށް ގެންދާނެ ކަމަށެވެ. ލަމްހާ ވެސް ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.