ލައިފްސްޓައިލް

އެންމެ ބޮޑު އަލުވީގެ ރެކޯޑް ހޯދަން އުޅުނު ދެމަފިރިންނަށް ލަނޑެއް

ނިއުޒިލެންޑްގެ ވެލިންޓަންގައި ދިރިއުޅޭ ކޮލިން ކްރައިގް-ބްރައުން އާއި އޭނާގެ އަންހެނުން ޑޯނާ ދުނިޔޭގެ ރެކޯޑެއް ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވެ ދެމަފިރިން މިހާރު ތިބީ ވަރަށް މާޔޫސް ވެފަ އެވެ. ސަބަބަކީ އެމީހުންގެ ކުޑަ ދަނޑެއްގެ ތެރެއިން ފެނުނު އާދަޔާޚިލާފަށް ބޮޑު އަލުތްވަކީ އަލުތްވެއް ކަމަށް ގިނިސް ވޯލްޑް ރެކޯޑްސް އިން ގަބޫލު ނުކުރީމަ އެވެ.


އެ އަލުވި އެއްގޮތަކަށް ވެސް އަލުތްވަކަށް ނުވި ސަބަބެއް އެ ދެމަފިރިންނަކަށް ނުވިސްނެ އެވެ. ނަމަވެސް ގިނިސް ވޯލްޑް ރެކޯޑްސްގެ ފަރާތުން އެމީހުންނަށް ފޮނުވާފައިވާ ރަސްމީ ސިޓީއެއްގައި ބުނެފައިވަނީ އެއީ އެމީހުން ފޮނުވި ފޮޓޯތަކާއި ޑޮކިއުމަންޓްތަކުގައި ވަނީ އަލުތްވެއް ނޫން ކަމަށާއި އެއީ ގުއާޑް ކިޔާ ވައްތަރެއްގެ އަލައެއްގެ ޓިއުބާއެއް ކަމަށެވެ.

ހެމިލްޓަންގެ ކައިރީގައި އޮންނަ އެމީހުންގެ ކުޑަ ދަނޑެއްގައި ދެމަފިރިން މަސައްކަތްކުރުމުގެ ތެރޭގައި ބިންގަނޑު ކޮންނަމުން ދަނިކޮށް މި 'އަލުވި' ފެނުމުން އެމީހުން ހީކުރީ މިއީ ދުނިޔޭގެ ރެކޯޑް އަލުތްވެއް ކަމަށެވެ. އަދި އެމީހުންނަށް ދުނިޔޭގެ ރެކޯޑް ލިބިދާނެ ކަމުގެ ހުވަފެން ދެކެން ފެށި އެވެ. ނަމަވެސް އެމީހުން ފޮނުވި ސައިންޓިފިކް ހެކިތަކަށް ބަލައި ގިނިސް ވޯލްޑް ރެކޯޑުން ބުނެފައިވަނީ އެ މީހުން ކޮނެގެން ނަގާފައިވަނީ އަލުތްވެއް ކަމަށް ބެލެވެން ނެތް ކަމަށެވެ.

ކޮލިން އާއި އޭނާގެ އަންހެނުން ޑޯނާ ބުނަނީ ގަބޫލު ކުރިޔަސް ނުކުރިޔަސް އެއީ ހަމަ އަލުތްވެއް ކަމަށެވެ. އޭގައި ލަނީ އަލުވިގައި ލާ ރަހަ ކަމަށް ވެސް އެމީހުން ބުންޏެވެ. އަދި އޭނާ ދުވަހަކުވެސް ގުއާޑް ޓިއުބާއެއް ނުކާ ކަމަށެވެ.

"ދެން ކީކޭ ބުނާނީ ދޯ. އެ މީހުން އެ ބުނާ ވާހަކަ ދޮގުކުރެވޭކަށް ވެސް އަހަރެމެންނަކަށް ނެތް. ސަބަބަކީ އެ އަލުވީގެ ޑީއެންއޭ އާއި އެހެނިހެން ސައިންޓިފިކް ހެކިތައް ވެސް އެމީހުންނަށް ފޮނުވާފައިވާތީ،" ކޮލިން ބުންޏެވެ.

ކޮލިން ބުނި ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެމީހުން ކޮނެގެން ނެގި މި 'އަލުވި' އަދިވެސް އެ މީހުންގެ ގޭގެ ފްރީޒަރުގައި އެބައޮތެވެ. އޭނާގެ ކާފަ ކުދިން ގެޔަށް އަންނަ ކޮންމެ ދުވަހަކު އެ ބަލަން ބޭނުންވެގެން އުޅޭތީ ބާއްވާފައި އޮތީ އެވެ.

ކޮލިން މެން ހޯދި އަލުވީގެ ބަރުދަނުގައި 7.8 ކިލޯ ހުއްޓެވެ. މިއީ އާދައިގެ އަލުވި ބަސްތާއެއްގެ ބަރުދަނެވެ. މިހާރު ގިނިސް ވޯލްޑް ރެކޯޑްސް އޮތީ އިނގިރޭސިވިލާތުގެ މީހަކު 2011 ގައި ހެއްދި އަލުތްވަކަށެވެ. އެ އަލުވީގެ ބަރުދަނުގައި ފަސް ކިލޯ ހުއްޓެވެ.

މިފަހަރު ނާކާމިޔާބު ވިޔަސް ކޮލިން އަދި މި މަސައްކަތް ހުއްޓާލާކަށް ގަސްތެއް ނުކުރެ އެވެ. ކުރިން ފެނުނު އަލުތްވަކީ އެމީހުން ހެއްދި އެއްޗެއް ނޫނެވެ. އެމީހުންގެ ދަނޑުގައި ބިމުއަޑިއަށް ހެދިފައި އޮތް އެއްޗެކެވެ. ނަމަވެސް ދެން އޭނާ ގަސްތުކުރަނީ ބޮޑެތި އަލުވި ހައްދާނެ ގޮތް ކިޔައި ދަސްކޮށްދެން އެފަދަ އަލުވި ހެއްދުމުގެ މަސައްކަތްކުރާށެވެ. ކޮންމެވެސް ދުވަހަކުން ދުނިޔޭގެ ރެކޯޑެއް ހެދިދާނެކަމުގެ އުންމީދުގަ އެވެ.