ދުނިޔެ

މޯދީ ކުއްލިގޮތަކަށް ޕާކިސްތާނަށް: ސިއްރު މަޝްވަރާތަކެއް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޕާކިސްތާނަށް "ސަޕްރައިސް" ދަތުރުފުޅެއް ކުރައްވައިފި އެވެ. މިއީ ކުރިން އިއުލާނުކުރުމެެއް ނެތި މޯދީ ކުއްލިގޮތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

އަފްގާނިސްތާނަށް ކުރެއްވި ދަތުރުފުޅު ނިންމާވެލުމަށްފަހު އިންޑިއާއަށް ވަޑައިގެން މަގުމަތީ އިއްޔެ ޕާކިސްތާނަށް މޯދީ މަޑުކުރައްވާފައިވާއިރު މޯދީ ޕާކިސްތާނަށް ވަޑައިގަތީ އެގައުމުގެ ބޮޑު ވަޒީރު ނަވާޒު ޝަރީފުގެ އުފަންދުވަހުއެވެ. މޯދީއަށް މަރުހަބާ ދެންނެވީ ނަވާޒު ޝަރީފެވެ.

ދެ ގަޑިއިރުގެ މަޝްވަރާތަކެއް:

އިންޑިއާއާއި ޕާކިސްތާންއާ ދެމެދު ނުތަނަވަސްކަން އަބަދުވެސް އުފެދިފައި އޮންނައިރު މި ނުތަނަވަސްކަން ފިލުވާލުމަށް މޯދީ ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މި ދަތުރުފުޅަކީ ވެސް، އެގޮތުން އެކަމުގެ މަޝްވަރާތައް ކުރެއްވުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށް ބެލެވެއެވެ. ނަމަވެސް ދެ ގަޑިއިރަށް ކުރިއަށް ގެންދިޔަ ދެ ގައުމުގެ ބޮޑު ވަޒީރުންގެ މަޝްވަރާތަކާބެހޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ދެ ގައުމުން ވެސް މަޝްވަރާތަކާ ގުޅޭ ގޮތުން ތިބީ ހިމޭނުންނެވެ. މަޝްވަރާތައް ނިންމާލެވުމަށްފަހު މޯދީ ވަނީ އިންޑިއާއަށް ވަޑައިގެންފައެވެ.

ކުއްލި ދަތުރުފުޅާ ގުޅިގެން މޯދީއަށް ފާޑުކިޔުން

މި ދަތުރުފުޅާ ގުޅިގެން މޯދީއަށް ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފައެވެ. ހިންދޫ ދީނަށް ނިސްބަތްވާ މޯދީގެ މި ދަތުރުފުޅާ ގުޅިގެން ޕާކިސްތާނުގެ ގިނަ ރައްޔިތުން ނުރުހުން ފާޅުކޮށްފައިވެއެވެ. "މޯދީއަށް ޕާކިސްތާނު މަރުހަބާ ނުކިޔާނެ" ކަމަށް ބުނެ ޕާކިސްތާނުގެ ގިނަ ބަޔަކު ވަނީ ޓްވީޓްކޮށް ނުރުހުން ފާޅުކޮށްފައެވެ.

އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީން ވެސް ވަނީ މޯދީ ކުއްލިގޮތަކަށް ޕާކިސްތާނަށް ދަތުރުފުޅު ކުރެއްވުމުން ފާޑުކިޔާފައެވެ. އެ ޕާޓީން ބުނަނީ އެއީ މޯދީ ކުރެއްވި ވަރަށް ހަޑި ކަމެއް ކަމަށެވެ.

ކަޝްމީރާ މައްސަލާގައި ޕާކިސްތާނާއި އިންޑިއާ ދެމެދު ނުތަނަވަސްކަން

އިންޑިއާ އާއި ޕާކިސްތާނު ގުޅޭ ބޯޑަރު ސަރަހައްދުގައިވާ ކަޝްމީރަކީ، ކޮން ގައުމެއްގެ ބައެއް ކަމާމެދު އަދިވެސް ގޮތެއް ނިންމިފައެއް ނުވެއެވެ. ދެ ގައުމުން ވެސް ދަނީ ކަޝްމީރަކީ އެގައުމުގެ ބައެއް ކަމަށް ބުނަމުންނެވެ. 1947 ވަނަ އަހަރު އިނގިރޭސިންގެ އަތުން އިންޑިއާ މިނިވަންވި ފަހުން، ޕާކިސްތާނާއި އިންޑިއާ އާދެމެދު ތިން ހަނގުރާމައެއް ކުރެވިފައިވެއެވެ. ކަޝްމީރު މައްސަލާގައެވެ. ހަނގުރާމަ ނުކޮށް، ކަޝްމީރަކީ ދެ ގައުމުގެ ބައެއް ކަމަށް ގަބޫލުކޮށް 2003 ވަނަ ސުލްހަވެފައިވީ ނަމަވެސް އަދިވެސް ކަޝްމީރުގައި ހަމަނުޖެހުންތައް ދަނީ ހިނގަމުންނެވެ.

ބޭރުގެ ގައުމުތަކާއި އިންޑިއާ ދެމެދު ގުޅުން ބަދަހިކުރުމަށް މޯދީ

ނަރެންދުރަ މޯދީއަކީ 2004 ވަނަ އަހަރަށްފަހު ޕާކިސްތާނަށް ވަޑައިގެންނެވި ފުރަތަމަ ބޮޑު ވަޒީރެވެ. މޯދީ ދަނީ އިންޑިއާ އާއި ބޭރުގެ ގައުމުތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއްް ކުރައްވަމުންނެވެ. އެގޮތުން 2014 ވަނަ އަހަރު މަގާމާ ހަވާލުވުމަށްފަހު ސަރަހައްދީ ގިނަ ގައުމުތަކަކަށް ވެސް ވަނީ ވަޑައިގެން، ސަރަހައްދީ ގުޅުންތައް ބަދަހިކުރުމަށް މަސައްކަތްކުރައްވާފައެވެ.

މީގެއިތުރުން އިންޑިއާ އާއި އެންމެ ވާދަވެރި ޗައިނާއަށް ވެސް އެމަނިކުފާނު ވަނީ ވަޑައިގެންފައެވެ. މިދިޔަ ހަފުތާ ތެރޭ ދުނިޔޭގެ ބޮޑު ބާރެއް ކަމަށްވާ ރަޝިއާއަށް ވެސް މޯދީ ވަޑައިގެންފައިވެއެވެ. މީގެއިތުރުން ވެސް ސައުދި އަރަބިއްޔާ، އެމެރިކާ، ފްރާންސް، އިނގިރޭސިވިލާތް ފަދަ ބޮޑެތި ގައުމުތަކަށް މޯދީ ވަޑައިގެންފައިވެއެވެ. މޯދީ ގައުމުތަކަށް ވަޑައިގެންނަވާ މިންވަރަށް މީގެކުރިން އިންޑިއާގެ ބޮޑު ވަޒީރަކު ބޭރު އެހެން ގައުމުތަކަށް ވަޑައިގެންފައެއް ނުވެއެވެ. މޯދީގެ ދަތުރުފުޅުތަކުގައި އެގައުމަށް ބޮޑެތި އިންވެސްޓްމެންޓްތައް ވަނީ ގެނެސްފައެވެ.