ގެވެށި އަނިޔާ

މެންބަރު ޒަރީރަށް ގެވެށި އަނިޔާގެ ތުހުމަތު

Mar 18, 2022
2

އެމްޑީޕީގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ގެވެށި އަނިޔާގެ ތުހުމަތުކޮށްފި އެވެ.

ޒަރީރަށް ތުހުމަތުކޮށްފައިވަނީ އޭނާގެ ކުރީގެ އަނބިކަނބަލުން ފާތިމަތު ޝަޒްރާ ސޯޝަލް މީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގަ އެވެ.

ޝަޒްރާގެ ޕޯސްޓްގައި ވިދާޅުވެފައިވަނީ ޒަރީރުއާ ކައިވެނިކޮށްގެން ހޭދަކުރެއްވި 17 އަހަރުގެ ތެރޭގައި ތަކުރާރުކޮށް ގެވެށި އަނިޔާކޮށްފައިވާ ކަމަށެވެ. އަދި ވަރިކުރި ފަހުން ޝަޒްރާގެ ދިރިއުޅުމަށް ނުފޫޒު ފޯރުވާ ހެއްދެވި ކަމަށެވެ.

ހުރިހާ ދުވަހު އެ ހިތްދަތިކަން ފޮރުވައިގެން ހުންނެވީ ކަމަށާއި އެއީ ދިރިއުޅުމުގައި ހެދުނު ވަރަށް ބޮޑު ގޯހެއް ކަމުގައިވެސް ވިދާޅުވި އެވެ. އެކަމަކު އެގޮތަށް ދިރިއުޅުނީ ކުދިންނަށްޓަކައި ކަމަށްވެސް ވިދާޅުވި އެވެ.

ޝަޒްރާ ވިދާޅުވީ ތިން ފަހަރަށް ވަރިކުރުމުންނާއި ޒަރީރުގެ ފަރާތުން ލިބުނު ގެވެށި އަނިޔާތަކަށް މައާފްކުރުމަށްފަހު އާ ދިރިއުޅުމެއް ފަށައިގެން މިވާހަކަތައް ހިއްސާކުރަންޖެހުނީ ޒަރީރުގެ ފަރާތުން ލިބޭ އުދަނގޫތައް ދުވަހުން ދުވަހަށް އިތުރުވުމުން ކަމަށެވެ.

"އެއްކޮށް އުޅުނު ދުވަސްތަކުގައި އާއިލާ މީހުންގެ ކުރިމަތީގައާއި ރައްޓެހިންގެ ކުރިމަތީގައި މަނިކުފާނު ކުރަމުންދިޔަ ވަރބަލް އަދި ފިޒިކަލް އެބިއުޒް (ރޭޕް، ޑޮމެސްޓިކް ވަޔަލެންސް) މިހުރިހާ ކަމަކަށް މާފްކުރުމަށްފަހު އަޅުގަނޑު ދިރިއުޅުމެއް ފެށީ މިދުނިޔެމީ ކުޑަކުޑަ ހިނދުކޮޅެއްގެ ތަނެއްކަން އެނގޭތީ." ޒަރީރު ރޭޕް ކުުރި ކަމަށް ތުހުމަތުކޮށް ވިދާޅުވެފައިވެ އެވެ.

ޝަޒްރާ އިތުރަށް ވިދާޅުވީ އޭނާ އާ ދިރިއުޅުމެއް ފެށީ ރީތި ދިރިއުޅުމެއް ހޯދުމުގެ މަގުސަދުގައި ކަމަށާއި އެނބުރި ޒަރީރުގެ ހަޔާތަށް ދެން ނުދާނެ ކަމަށެވެ. ޒަރީރުގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވީ ޒަރީރުގެ އުދަގުލާ ހެދި ކަމަށާއި ދުނިޔޭގެ އިނގިލިތަކަށް ލަދުން އަދި ޒަރީރުގެ "ސިޔާސަކަން" ދެން އެއްގޮތަކަށްވެސް "ޓޮލަރޭޓް" ނުކުރާނެ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

ޒަރީރަށް ކުރާ ގެވެށި އަނިޔާގެ ތުހުމަތާ ގުޅިގެން އޭނާ އަދި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.