މަޖިލިސް އިންތިހާބު 2019

މުގައްރިރުކަމުން އީސަ ވަކިކުރެވޭ ގޮތެއް ނުވި

ގެވެށި އަނިޔާގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ މުގައްރިރު އަހްމަދު އީސާ އެ ކޮމެޓީގެ މުގައްރިރުކަމުގެ މަގާމުން ވަކިކުރެވޭ ގޮތެއް ނުވި އެވެ.

އީސައަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބާއްވަން މަސައްކަތް ކުރި ނަމަވެސް ކޯރަމް ހަމަނުވެގެން ވޯޓަށް އެހޭ ގޮތެއް ނުވި އެވެ.

އިޖުތިމާއީ ކޮމެޓީގައި މިވަގުތު ނުވަ މެމްބަރުން ތިއްބަވާއިރު މިއަދުގެ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވީ ނައިބު މުގައްރިރު އަދި މަޑަވެލީ ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން އެވެ.

އޭނާއާއެކު ކޮމިޓީގައި ދެން ބައިވެރިވީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދާއި، މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އާއި، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފާއި، މައްޗަށް ގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު އެވެ. ނަމަވެސް ނާއިބު މުގައްރިރު ރިޔާސަތު ބަލަހައްޓަވާތީ ވޯޓު ލިބެން ޖެހޭ އަދަދަށް ކޯރަމް ހަމައެއް ނުވެ އެވެ.

މިއަދުގެ ބައްދަލުވުމުގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އަދި ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހްމަދު ބައިވެރިވެފައެއް ނުވެ އެވެ. އަދި ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އޮންލައިންކޮށް ބައްދަލުވުމުގައި ބައިވެެރިވެވަޑައިގަތުމަށްފަހު ދިމާވި ޓެކްނިކަލް މައްސަލައަަކާ ގުޅިގެން ފަހުން ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވޭ ގޮތެއް ނުވި އެވެ.

އެހެންކަމުން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އީސަ މުގައްރިރުކަމުން ވަކި ކުރެވޭގޮތެއް ނުވިއެވެ. އީސަ މަގާމުން ވަކި ނުކުރެވުނު ނަމަވެސް އޭނާ އިސްތިއުފާ ދެއްވަން ނިންމާފައިވާ ކަމަށް ފިރުޝާން އަވަސް އަށް ވިދާޅުވި އެވެ.

އީސަ މުގައްރިރުކަމުން ވަކިކުރަން ހުށަހެޅީ އިޖުތިމާއީ ކޮމިޓީގެ ނާއިބު މުގައްރިރު އަދި މަޑަވެލީ ދާއިރާގެ މެމްބަރު ހުސައިން ފިރުޝާންއާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު އަދި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އެވެ.

އެބޭފުޅުން ވިދާޅުވީ އީސައަށް ކުރެވުނު ތުހަމަތުތައް ފުލުހުންވެސް މިހާރު ބަލަމުންގެންދާއިރު އެ ތުހަމަތުތަކަކީ ބަލައިގެނެވޭނެ ކަންތައްތަކަށް ނުވާތީ އިތުބާރު ނެތް ކަމަށް ހުށަހެޅީ ކަމަށެވެ. އީސަ ވަކިކުރަން ބޭއްވި ކޮމިޓީގައި އެ މައްސަލައާ މެދު އެއްވެސް ވަރަަކަށް ބަހުސެއް ނުކުރެ އެވެ.

މިދިިޔަ އަންގާރަ ދުވަހުގެ ރޭ ގެވެށި އަނިޔާގެ އަމަލެއް ހިންގި ކަމަށް ބުނެ އޭނާގެ ކުރީގެ އަންހެނުން އަދި ނާއިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޮ އަސްރާ ނަސީމް (އަސޫ) ވަނީ ފުލުހުންނަށް ބަޔާނެއް ދީފަ އެވެ. އަނިޔާތަކާ ގުޅިގެން އަސޫއަށް ވަނީ އައިޖީއެމްއެޗްގައި ފަރުވާ ވެސް ދީފައި ވެއެވެ.

އެނގިފައިވާ ގޮތުގައި އީސަ އަނިޔާކުރި ކަމަށް ބުނާ މަންޒަރު ފެނިގެން ފުލުހުންނަށް ރިޕޯޓް ކުރީ އަސްރާ ދިރިއުޅޭ ގޭގެ އެހެން ފްލޯއެއްގައި އުޅުނު ބަޔެކެވެ. އަސޫއަށް ލިބުނު އަނިޔާތަކާ ގުޅޭ މައުލޫމާތު ހޯދަން "އަވަސް" އިން އޭނާއަށް ގުޅުމުން ބުނީ އެކަމާ ގުޅޭގޮތުން މީޑިއާގައި ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.

އީސަ ހައްޔަރުނުކުރާތީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު ފުލުހުން މިހާރު ވަނީ އޭނާ ހައްޔަރުކުރަން ކޯޓު އަމުރަކަށްވެސް އެދިފަ އެވެ.