ގެވެށި އަނިޔާގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވާ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ މުގައްރިރު، އެ ކޮމެޓީގެ މުގައްރިރުކަމުގެ މަގާމުން ވަކިކުުރުމުގެ މަސައްކަތް ފަށައިފި އެވެ.
މިދިިޔަ އަންގާރަ ދުވަހުގެ ރޭ ގެވެށި އަނިޔާގެ އަމަލެއް ހިންގި ކަމަށް ބުނެ އޭނާގެ ކުރީގެ އަންހެނުން އަދި ނާއިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޮ އަސްރާ ނަސީމް (އަސޫ) ވަނީ ފުލުހުންނަށް ބަޔާނެއް ދީފަ އެވެ. އަނިޔާތަކާ ގުޅިގެން އަސޫއަށް ވަނީ އައިޖީއެމްއެޗްގައި ފަރުވާ ވެސް ދީފައި ވެއެވެ.
އެ ތުހުމަތުތަކާ ގުޅިގެން އީސަ އިޖުތިމާއީ ކޮމެޓީގެ މުގައްރިރުކަމުން ވަކިކުރަން މަސައްކަތް ފެށިކަން ކޮމެޓީގެ ނާއިބު މުގައްރިރު އަދި މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ.
އީސަ މުގައްރިިރުކަމުން ވަކިކުރަން މިއަދު ކޮމެޓީގެ ބައްދަލުވުމެއް ތާވަލް ކޮށްފައިވާ ކަމަށް ފިރުޝާން ވިދާޅުވި އެވެ.
"އީސަ ވަކިކުރެވޭ ވަރަށް ވޯޓު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް. ގެވެށި އަނިޔާ ކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން." ފިރުޝާން ވިދާޅުވި އެވެ.
އިޖުތިމާއީ ކޮމެޓީގައި މިހާރު ތިއްބަވަނީ ނުވަ މެމްބަރުން ނެވެ. އީސަ މުގައްރިރުކަމުން ވަކިކުރަން ކޮމެޓީގެ ދެބައި ކުޅަ އެއްބައި ވޯޓު ބޭނުންވާނެ އެވެ.
އެނގިފައިވާ ގޮތުގައި އީސަ އަނިޔާކުރި ކަމަށް ބުނާ މަންޒަރު ފެނިގެން ފުލުހުންނަށް ރިޕޯޓް ކުރީ އަސްރާ ދިރިއުޅޭ ގޭގެ އެހެން ފްލޯއެއްގައި އުޅުނު ބަޔެކެވެ. އަސޫއަށް ލިބުނު އަނިޔާތަކާ ގުޅޭ މައުލޫމާތު ހޯދަން "އަވަސް" އިން އޭނާއަށް ގުޅުމުން ބުނީ އެކަމާ ގުޅޭގޮތުން މީޑިއާގައި ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.
ގެވެށި އަނިޔާގެ ތުހުމަތާ ގުޅިގެން އީސަ ހައްޔަރު ނުކުރާތީ އާންމުންގެ ނުރުހުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ފަރާތުން އެފަދަ އަމަލެއް އައުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ވަގުތުން ފިޔަވަޅު އަޅަން ވެސް ދަނީ ގޮވާލަމުން ނެވެ.