ރައްޔިތުންގެ މަޖިލިސް

އިޖުތިމާއީ ކޮމިޓީގެ މުގައްރިރަކަށް ޝިފާއު

May 24, 2021
2

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އިންތިހާބު ކޮށްފި އެވެ.

އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ޝިފާއު އިޖުތިމާއީ ކޮމިޓީގެ މުގައްރިރަކަށް ހޮވާފައި މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ނެގުނު ވޯޓުގެ އަޣުލަބިޔަތުންނެވެ.

އިޖުތިމާއީ ކޮމިޓީގެ މުގައްރިރު އަލުން ހޮވީ އެ ކޮމިޓީގެ މުގައްރިރުގެ ގޮތުގައި ހުންނެވި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ މިމަހުގެ 20 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އިޖުތިމާއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އީސަ ބައިވެރިވެ ވަޑައިގެން ވޯޓު ވެސް ދެއްވާފައިވެ އެވެ.

އީސަ މަގާމުން އިސްތިއުފާ ދެއްވީ އޭނާގެ ކުރީގެ އަނބިކަނބަލުން އަދި ނައިބު ރައީސް ފައިސަލް ނަސީމުގެ ކޮއްކޮ އަސްރާ ނަސީމަށް ގެވެށި އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވުމާ ގުޅިގެން ކުރިމަތިވި ފިއްތުންތަކުގެ ސަބަބުންނެވެ. އަސްރާ ވަނީ މައްސަލައާއި ގުޅިގެން ފުލުހުންނަށް ބަޔާނެއް ވެސް ދެއްވާފަ އެވެ.

މަގާމުން ދުރުކުރަން ކޮމިޓީން މަސައްކަތް ފެށުމުން އިސްތިއުފާ ދެއްވާ އީސަ ނެރުއްވި ބަޔނުގައި ވިދާޅުވީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް މިވަގުތު ތަހުގީގު ކުރަމުންދާތީ ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް އެންމެ ފުރިހަމަ ގޮތުގައި އެއްބާރުލުން ދިނުމަށް ބޭނުންވާތީ މުގައްރިރު ކަމުން އިސްތިއުފާ ދެއްވީ ކަމަށެވެ. ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް ކުރައްވާފައި ނުވާނެ ކަމަށްވެސް ވިދޅުވެފައިވެ އެވެ.

"ދިވެހި ފުލުހުންނާމެދު އަޅުގަނޑުގެ އިތުބާރު އޮތް ވާހަކަ އާއި ދައުލަތުގެ މުއައްސަސާތަކަށް އަބަދުވެސް އެއްބާރުލުންދޭނެ ވާހަކަ މި ފުރުސަތުގައިވެސް ދަންނަވަން،" އީސަގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އީސަ އަށް ކުރާ ތުހުމަތާ ގުޅިގެން ފުލުހުންގެ އެދުމަކަށް އޭނާ ހައްޔަރުކުރަން ޕީޖީ ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައިގެން އަމުރެއް ހޯދުމަށް މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އަމުރު ނެރެން ދެކޮޅު ހަދާފަ އެވެ.