އަހުމަދު އީސާ

އަޅުގަނޑާއި ދޮށީ ދަރިފުޅަށް އިންޒާރު ލިބެމުން އެބަދޭ: އީސަ

Jun 21, 2021

ތަފާތު އެކި ކަހަލަ އިންޒާރުތައް ލިބެމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ އަށް ނިސްބަތްވާ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ ވިދާޅުވެއްޖެ އެވެ.

އީސާ މިހެން ވިދާޅުވީ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވުމަށް ގެއެއް ހަމަޖެއްސުމަށާއި ސެކިއުރިޓީ ބައެއް އިންތިޒާމުތައް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލްގެ ކޮމިޓީ ރިޕޯޓަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އީސަ ވިދާޅުވީ އޭނާއާއި ދޮށީ ދަރިފުޅު މުހައްމަދު ޖިދާދު އަހްމަދަށް ތަފާތު އެކި ކަހަލަ އިންޒާރުތައް ލިބެމުންދާ ކަމަށެވެ. އެގޮތަށް ލިބޭ އިންޒާރުތައް މީގެކުރިން މާބޮޑު ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށްވެސް ވިދާޅުވި އެވެ.

"މިއަދަކު އެއީ އަޅުގަނޑުމެންނަށް އަޅާ ނުލާ ދޫކޮށްލައިގެން އެއީ ދެން ހަމަ މީހަކު ރުޅި އައިސްގެން އެ ވަގުތުގެ އަޖަލުގައި ބުނި އެއްޗެއް ކަމަށް ނިންމާލައިގެން ދޫކޮށްލެވޭކަށް ނެތް،" އީސަ ވިދާޅުވި އެވެ.

އީސައާއި ދޮށީ ދަރިފުޅަށް އިންޒާރު ލިބެމުންދާ ކަމަށް އީސަ ވިދާޅުވި ނަމަވެސް އިންޒާރު ދެނީ ކޮން ބައެއް ކަމެއް ވިދާޅުވެފައެއް ނުވެ އެވެ.

އީސަ އަށް އިންޒާރު ލިބެމުންދާ ކަމަށް ވިދާޅުވެފައި މިވަނީ އޭނާގެ ކުރީގެ އަންހެނުން އަސްރާ ނަސީމު (އަސޫ) އަށް ގެވެށި އަނިޔާކުރުމުގެ ތުހުމަތުގައި ދައުލަތުން އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނިކޮށެެވެ. ދައުވާގެ ފުރަތަމަ އަޑުއެހުން މިއަދު ފެށުމަށް ތާވަލްކުރި ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އާލާސްކަން ފުޅާ އުޅުއްވާތީ މިއަދުގެ އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ.

އީސަގެ ގެވެށި އަނިޔާގެ މައްސަލަ ފެންމަތިވުމާ ގުޅިގެން އޭނާގެ ދޮށީ ދަރިފުޅު ޖިދާދު މީގެ ކުރިން ވަނީ ބައްޕަގެ ދިފާއުގައި ސޯޝަލް މީޑިއާގައި ވާހަކަދައްކާފަ އެވެ. އެގޮތުން ޖިދާދު ބުނީ އޭނާގެ ބައްޕައަށް ތުހުމަތު ކުރާ ކަހަލަ ކަމެއް އޭނާގެ މަންމަގެ ފަރާތުން ވެސް ޝަކުވާއެއްގެ ގޮތުގައި ދުވަހަކު ވެސް އަޑުއަހާފައި ނެތް ކަމަށެވެ. އަސޫ އާއި އީސަގެ ދަރިފުޅު ލޫތަށް އީސަ އަނިޔާ ދޭން އުޅުއްވި ކަމަށް ބުނާ ވާހަކަތަކާ ގުޅިގެން ޖިދާދު ބުނީ ލޫތަށް ބައްޕަ އަނިޔާއެއް ދީފާނެ ކަމަށް އެއްވެސް ވަރަކަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ކަންހިނގާ ދިޔަ ކަމަށް ބުނާ ރޭ އޭނާއަށް މަންޒަރު ވަރަށް ގާތުން ފެނުނު ކަމަށް ވެސް ޖިދާދު ބުނެފައިވެ އެވެ. އީސައަކީ ދަރިން ދެކެ ލޯބިވާ ބައްޕައެއް ފާހަގަކޮށް ޖިދާދު ބުނީ ރުޅި އިސްކުރުމާއި ގައިގައި އަތްލުމަކީ ބައްޕަ ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.

އީސާގެ ޝަރީއަތް ފެށުމަށް ތައްޔާރުވަމުންދާއިރު އެ މައްސަލަ ކުރިއަށް ނުގެންދަން އަސްރާ ވަނީ ފުލުހުންގެ އިދާރާގައި އާއި ޕީޖީ އޮފީހުގައި އެދިވަޑައިގެންފަ އެވެ. އެކަމަކު މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ގެވެށި އަނިޔާގެ އަމަލެއް އީސަ ހިންގި ކަމަށް ބުނެ އަސްރާ ވަނީ ފުލުހުންނަށް ބަޔާނެއް ދީފަ އެވެ. އަނިޔާތަކާ ގުޅިގެން އަސްރާ އަށް ވަނީ އައިޖީއެމްއެޗްގައި ފަރުވާ ވެސް ދީފަ އެވެ.

އީސަ އަނިޔާކުރި ކަމަށް ބުނާ މަންޒަރު ފެނިގެން ފުލުހުންނަށް ރިޕޯޓް ކުރީ އަސްރާ އާއި އީސަ ދިރިއުޅުނު ގޭގެ އެހެން ފްލޯއެއްގައި އުޅުނު ބަޔެކެވެ.

ގެވެށި އަނިޔާގެ މިމައްސަލަ އާއި ގުޅިގެން އީސަ ހައްޔަރުކުރަން ޕީޖީ އޮފީހުން މީގެ ކުރިން ކޯޓު އަމުރަކަށް ވެސް އެދުނެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އެ އަމަރު ނެރެދީފައެއް ނުވެ އެވެ.

ގެވެށި އަނިޔާގެ މައްސަލަ ފެންމަތިވިއިރު އޭނާ އަކީ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުވެސް މެއެވެ. ނަމަވެސް އީސަ މުގައްރިރު ކަމުން ވަކިކުރަން ހުށަހެޅުމުން އޭނާ ވަނީ އެ މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފަ އެވެ. އަދި ބަޔާނެއް މެދުވެރިކޮށް ތުހުމަތުތަކަށް އިންކާރު ކުރެއްވި އެވެ.