ރައްޔިތުންގެ މަޖިލިސް

ތަހުގީގުކުރާ މީހުންނަކީ ޑިޕްލޮމާއެއް އޮތް މީހަކަށްވުން ފަސްކުރަނީ

ތަހުގީގުކުރުމުގެ ހުއްދަ ދެވޭ މީހުންނަކީ ޑިޕްލޮމާ ފެންވަރުގެ ސަނަދެއް އޮތް މީހަކަށްވުން ލާޒިމުކުރުން ފަސްކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާ މެންބަރު މުޙައްމަދު އަސްލަމް އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ މި ބިލުގެ ފުރަތަމަ ކިޔުމެވެ.

ތަހުގީގުކުރުމުގެ ހުއްދަ ދެވޭ ކޮންމެ މީހަކީ ތަހުގީގުކުރުމާ ގުޅުންހުރި ދާއިރާއެއްކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ގަބޫލުކުރާ އެންމެ ދަށްވެގެން ޑިޕްލޮމާ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތެއްކަމަށް ވާންވާނެ ކަމަށް ގާނޫނުގައިވެ އެވެ.

އިސްލާހު ހުށަހަޅާފައިވަނީ މާޗް 27، 2024ގެ ނިޔަލަށް މި އަކުރަށް އަމަލުކުރުން ފަސްކުރުމުގެ އިހުތިޔާރު ކޮމިޝަނާ އޮފް ޕޮލިސްއަށް ދިނުމަށެވެ.

ގާނޫނުގައި މިހާރު އޮތީ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ދެ އަހަރުގެ މުއްދަތަށް މި އަކުރަށް އަމަލުކުރުން ފަސްކުރުމުގެ އިހުތިޔާރު ކޮމިޝަނާ އޮފް ޕޮލިސްއަށް ދީފަ އެވެ.

ފުލުހުންގެ ހިދުމަަތުގެ ބިލް ފާސްކޮށްފައިވާ ޑިސެންބަރު ހައެއް، 2020 ވީ އާދީއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައެވެ. އެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވީ ޑިސެންބަރު 27، 2020 ގައެވެ. ގާނޫނަށް އަމަލުކުރަން ފެށީ ބިލް ތަސްދީގުކުރިތާ ތިން މަސް ފަހުން މާޗް 27، 2021ގަ އެވެ.