ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު އީސާގެ ފަރާތުން ލިބިފައިވާ ގެވެށި އަނިޔާގެ މައްސަލަ ކުރިއަށް ނުގެންދަން އޭނާ ފަރާތުން އަނިޔާ ލިބުނު ކަމަށް ބުނާ ކުރީގެ އަނބިމީހާ އަސްރާ ނަސީމް އެދިފައިވީނަމަވެސް އެ މައްސަލަ ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުނެފި އެވެ.
މިދިިޔަ އަންގާރަ ދުވަހުގެ ރޭ ގެވެށި އަނިޔާގެ އަމަލެއް ހިންގި ކަމަށް ބުނެ އޭނާގެ ކުރީގެ އަންހެނުން އަދި ނާއިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޮ އަސްރާ ނަސީމް (އަސޫ) ވަނީ ފުލުހުންނަށް ބަޔާނެއް ދީފަ އެވެ. އަނިޔާތަކާ ގުޅިގެން އަސޫއަށް ވަނީ އައިޖީއެމްއެޗްގައި ފަރުވާ ވެސް ދީފައި ވެއެވެ.
ނަމަވެސް މިއަދުގެ ވަގުތެއްގައި އަސްރާ ވަނީ އެ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާ ކަަމަށް ބުނެ ފުލުހުންގެ އިދާރާއަށް ސިޓީއެއް ފޮނުއްވާފައެވެ. އެކަން ފުލުހުން ވަނީ ޔަގީންކޮށްދީފައެވެ. ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އަސްރާގެ ސިޓީއެއް މިއަދު ލިބިފައިވާ ކަމަށެވެ. ނަމަވެސް ފަށާފައިވާ ތަހުގީގު ކުރިއަށް ގެންދާނެ ކަމަށެވެ.
ޕްރޮސެކިއުޓަރު ޖެނެރަލް އޮފީހުން މިއަދު އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު މައްސަލައިގެ ތަހުގީގުގެ މައިގަނޑު މަސައްކަތްތައް ނިމި ޕީޖީ އޮފީހަށް ހުށަހެޅުމުގެ މަރުހަލާ ވަނީ ފެށިފައެވެ. އަދި މިއީ ދައުވާ ކުރުމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމޭނެ މައްސަލައެކެވެ.