ކެނދިކޮޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ އޭނާގެ ކުރީގެ އަންހެނުން އަސްރާ ނަސީމަށް ގެވެށި އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވަން ނިންމައިފި އެވެ.
އީސާގެ މައްޗަށް ދައުވާކުރަން ފޮނުވަން ނިންމިއިރު އެ މައްސަލަ ކުރިއަށް ނުގެންދަން އަސްރާ އޮތީ އެދިފަ އެވެ.
ފުލުހުންގެ މީޑއާ އޮފިޝަލް ވިދާޅުވީ އެ މައްސަަލައިގެ ތަހުގީގު މިހާރު ނިމިފައިވާ ކަމަށާއި އަދި ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވުމަށް ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ.
މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ގެވެށި އަނިޔާގެ އަމަލެއް ހިންގި ކަމަށް ބުނެ އަސްރާ ވަނީ ފުލުހުންނަށް ބަޔާނެއް ދީފަ އެވެ. އަނިޔާތަކާ ގުޅިގެން އަސްރާ އަށް ވަނީ އައިޖީއެމްއެޗްގައި ފަރުވާ ވެސް ދީފަ އެވެ.
އެނގިފައިވާ ގޮތުގައި އީސަ އަނިޔާކުރި ކަމަށް ބުނާ މަންޒަރު ފެނިގެން ފުލުހުންނަށް ރިޕޯޓް ކުރީ އަސްރާ އާއި އީސަ ދިރިއުޅުނު ގޭގެ އެހެން ފްލޯއެއްގައި އުޅުނު ބަޔެކެވެ.
އަސްރާ އަށް ލިބުނު އަނިޔާތަކާ ގުޅޭ މައުލޫމާތު ހޯދަން "އަވަސް" އިން އޭނާއަށް ގުޅުމުން ބުނީ އެކަމާ ގުޅޭގޮތުން މީޑިއާގައި މިވަގުތު ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.
އީސަ ހައްޔަރުކުރަން ޕީޖީ އޮފީހުން މީގެ ކުރިން ކޯޓު އަމުރަކަށް އެދުނު ނަމަވެސް އެ އަމަރު ނެރެދީފައެއް ނުވެ އެވެ.
ގެވެށި އަނިޔާގެ މައްސަލަ ފެންމަތިވިއިރު އޭނާއަކީ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުވެސް މެއެވެ. ނަމަވެސް އީސާ މުގައްރިރު ކަމުން ވަކިކުރަން ހުށަހެޅުމުން އޭނާ ވަނީ އެ މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފަ އެވެ.