ލައިފްސްޓައިލް

ޔުކްރޭނުން ނުކުތް ކުއްޖާ މަންމައާ ބައްދަލުވެއްޖެ

ރަޝިޔާއިން ޔުކްރޭނަށް އަރައި އެ ގައުމު ހިސޯރު ކުރުމުގެ ހަނގުރާމަ ފެށުމުން ޔުކްރޭނުގެ އެތައް މިލިއަން ބަޔަކު ފުރާނަ ސަލާމަތް ކުރަން އަމިއްލަ ގައުމު ދޫކޮށް ދިޔަ އެވެ. މި މީހުންގެ ތެރޭގައި 11 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ހިމެނުނެވެ. މި ކުއްޖާ ޔުކްރޭނުން ފޭބީ އެކަނި މާއެކަންޏެވެ.

ހަސަން ޕިސޭކާ ނަމަކަށް ކިޔާ މި ކުއްޖާގެ ވާހަކަ ދުނިޔޭގެ ނޫސްތަކުގެ ސުރުޚީގައި ލިޔެވުނެވެ. ސްލޮވޭކިއާ އަށް އެކަނި މާއެކަނި މި ކުއްޖާ ދަތުރުކުރީ އޭނާ ދިރިއުޅުނު ރަށުގައި ހުރި ނިއުކްލިއާ ޕަވާ ފެސިލިޓީއެއް އަތުލަން ރަޝިޔާ ސިފައިން އެ ރަށަށް ހަމަލަ ދޭން ފެށުމުންނެވެ.

ހަސަން އަކީ ސީރިޔާ އިން ޔުކްރޭނަށް ހިޖުރަކުރި އާއިލާއެއްގެ ކުއްޖެކެވެ. ނަމަވެސް ޔުކްރޭނުގައި ހަނގުރާމަ ފެށުމުން އެ ރަށުން ވެސް ފައިބަން އޭނާއާއި އާއިލާއަށް މަޖްބޫރުވީ އެވެ.

ރޭލުގައި އެކަނި މާއެކަނި ހަސަން ވަނީ 1000 މޭލުގެ ދިގު ރާސްތާއެއް ކަޑައްތު ކޮށްފަ އެވެ. ނުވެސް ދަންނަ މީހުންތަކުން ފުރި ބާރުވެފައިވާ އެ ރޭލުގެ ތެރޭގައި މި ކުއްޖާފުޅު އިނީ ބިރުން ގޮސް ހަލާކުވާވަރު ވެފަ އެވެ. ނަމަވެސް ސްލޮވާކިއާ އަށް ފޭބުމާއެކު އޭނާ ދެއްކި ހިތްވަރުން ގިނަ ބަޔެއްގެ ސަމާލުކަން މި ކުއްޖާއަށް ހުއްޓުނީ އެވެ.

ބެކްޕެކެއް އަޅާފައި ހުރި މި ކުއްޖާގެ އަތުގައި އޭނާގެ މަންމަ އަތުން ލިޔެފައިވާ ނޯޓެއް އޮތެވެ. އަދި އަތުގައި ފޯނު ނަންބަރެއް ލިޔެފައި ވެއެވެ. އެއީ ސްލޮވާކިޔާގައި ތިބި އޭނާގެ މަންމަގެ އާއިލާގެ މީހެއްގެ ފޯނު ނަންބަރެވެ.

ވަރަށް ބަލި ހާލުގައި އޮތް ތިމާގެ މީހަކު ބަލަން ޖެހިފައިވާތީ އޭނާގެ މަންމައަށް އޭނާއާއެކު ޔުކްރޭނުން ފޭބޭނެ ގޮތެއް ނެތުމުން އެކަނިމާއެކަނި ފޮނުވީ އެވެ. ނަމަވެސް މިހާރު މި ކުއްޖާ އާއި އޭނާގެ މަންމަ ޖޫލިއާ ޕިސޭކާ އަދި ކުއްޖާގެ އެއްބަނޑު އެއްބަފާ ހަތަރު ކުދިންނާ ބައްދަލު ވެވިއްޖެ އެވެ.

ޖޫލިއާ އަކީ ހުވަފަތް އަންހެނެކެވެ. ޖޫލިއާގެ އާއިލާގެ މީހުން ސްލޮވާކިޔާގައި ދިރިއުޅެ އެވެ. އަދި އޭނާގެ އަނެއް ހަތަރު ކުދިން އޭރު ވެސް ތިބީ އާއިލާގެ މީހުންނާއެކު ސްލޮވާކިއާގަ އެވެ. ކައިރީގައި ހުރީ ކުޑަ ކުޑަ ހަސަން އެކަންޏެވެ. ނަމަވެސް ހަސަންގެ ފުރާނައަށް ވެސް ނުރައްކާވެދާނެ ކަމަށް އޭނާގެ މަންމައަށް ފެނުމުން އެކަނިމާއެކަނި ސްލޮވާކިއާ އަށް ދާން ފޮނުވާލީ އެވެ.