ކުރީގެ ރަައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފާދިއްޕޮޅުގެ ވެރިރަށް ނައިފަރަށް ވަޑައިގެންފި އެވެ.
ރައީސް ޔާމީން ނައިފަރަށް ވަޑައިގެންފައިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އެމަނިކުފާނު އިސްވެ ފައްޓަވާފައިވާ "އިންޑިއާ އައުޓް" ކެމްޕެއިން ނައިފަރުގައި ކުރިއަށް ގެންދެވުމަށެވެ. ރައީސް ޔާމީން ނައިފަރަށް ވަޑައިގެންނެވިއިރު އެ ރަށް ވަނީ އެ ހަރަކާތަށް ވަރަށް ބޮޑަށް ތައްޔާރުކޮށްފައެވެ.
ރައީސް ޔާމީން ނައިފަރަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ. އެ ރަށުގެ ރައްޔިތުން ތިބީ "އިންޑިއާ އައުޓް" ޖަހާފައިވާ ބެނާތަކާއި ދިދަތައް ހިފައިގެންނެވެ. އަދި "އިންޑިއާ އައުޓް" ޖަހާފައިވާ ރަތް ކުލައިގެ ޓީޝާޓް ލައިގެންނެވެ.
ރައީސް ޔާމީން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޖަލުން މިނިވަންވި ފަހުން އިންޑިއާ އައުޓް ހަރަކާތްތައް އަތޮޅު ތެރެއަށް ފުޅާކުރައްވައި، އެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ސީދާ އެމަނިކުފާނު ގެންދަވަނީ ރަށްތަކަށް ދަތުރުކުރައްވަމުންނެވެ.
މާލެ އަތޮޅުގެ ރަށްތަކުން ރައީސް ޔާމީން ފެއްޓެވި އިންޑިއާ އައުޓް ހަރަކާތް މިހާރު ވަނީ އެމަނިކުފާނާ އެކު ށ. އަތޮޅާއި، ރ. އަތޮޅާއި، އދ. އަތޮޅާއި، ފ. އަތޮޅުގެ އިތުރުން ގއ. އަތޮޅުގައި ވެސް ކުރިއަށް ގެންގޮސްފަ އެވެ. ރައީސް ޔާމީން ބައިވެރިވެވަޑައިގެން އެންމެ ފަހުން އިންޑިއާ އައުޓް ހަރަކާތް ކުރިއަށް ގެންދިޔައީ އދ. މަހިބަދޫގަ އެވެ.
ނައިފަރުގައި ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން ނައިފަރުގައި ހިނގާލުން ކުރިއަށް ގެންދާނެ އެވެ. އަދި ނައިފަރުގެ ރައްޔިތުންނާއި މުހާތަބު ކުރައްވާ އެމަނިކުފާނު ވާހަކަފުޅު ދައްކަވާނެ އެވެ. މިއީ "އިންޑިއާ އައުޓް" ހަރަކާތް އެންމެ ފުޅާކޮށް ކުރިއަށް ގެންދާ ރަށެވެ. އެންމެ ގިނަ ބަޔަކު މި ހަރަކާތުގައި ބަައިވެރިވީވެސް ނައިފަރުންނެވެ.