އިދިކޮޅު ފަރާތްތައް

ރައީސް ޔާމީންގެ ކެމްޕޭނަށް އިދިކޮޅުން ނ. އަތޮޅަށް

މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޮލީޝަންގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދަކުރެއްވުމަށް، ކެމްޕޭން ކުރުމަށް ޕީޕީއެމް- ޕީއެންސީ ކޯލިޝަނުން އަތޮޅުތެރެއަށް ދަތުރުކުރުމަށް ނިންމައިފި އެވެ.

ޕީޕީއެމްގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު އަވަސްއަށް ވިދާޅުވި ގޮތުގައި ރައީސް ޔާމީނުގެ ކެމްޕެއިނަށް، ނޫނު އަތޮޅަށް ދާގޮތަށް އިދިކޮޅު ކޯލިޝަނުން މިހާރު ވަނީ ހަމަޖައްސާފަ އެވެ.

" ނޫނަށް ދާގޮތަށް ހަމަޖެހި އޮތީ، އޭގެ ތަފްސީލެއް އަޅުގަނޑުމެން ފަހުން ދޭނަން" ހީނާ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނާ މިވަގުތު ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ
ރައީސް ޔާމީން ނޫން ކެންޑިޑޭޓެއް އިދިކޮޅު ކޯލިޝަނުގައި ނެތްކަމުގައެވެ.

"ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން، އިތުރު ޗޮއިސް އެއް އަދި ޕްލޭން ބީ އެއްވެސް ނެތް " ރައީސް ޔާމީނަށް ހުކުމް ކުރި ދުވަހު މީޑިއާއާ ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވި އެވެ.

ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމުގައި ކަނޑައަޅާ، ރައީސް ޔާމީނަށް ކެމްޕެއިން ކުރަން އިދިކޮޅުން ފަށާފައިވާއިރު ރައީސް ޔާމީނު މިވަގުތު ހުންނެވީ އެމަނިކުފާނުގެ މައްޗަށް މިދިޔަ މަހުގެ 25ގައި އިއްވި 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަން މާފުށީ ޖަލުގައި ބަންދުގަ އެވެ.

ރައީސް ޔާމީންގެ މަައްޗަށް ކޮށްފައިވަނީ "ހަރާމް" ހުކުމެއްކަމުގައި ބުނެ ޕީޕީއެމް- ޕީއެންސީގެ މެމްބަރުން ދަނީ މާލޭގެ މަގުތަކުގައާއި އެކ ިސަރަހައްދު ތަކުގައި އެއްވެ މުޒާހަރާކުރަމުންނެވެ.