އަބްދުއްރަހީމް އަބްދުﷲ

ރިޔާސީ އިންތިހާބު ޔާމީން ކާމިޔާބު ކުރައްވާނީ އެއްބުރުން: އަބްދުއްރަހީމް

ކުރިއަށް އޮތް ރިޔާސީ އިންތިހާބު އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކާމިޔާބު ކުރައްވާނީ ފުރަތަމަ ބުރުން ކަަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ޕީއެމް އާއި ޕީއެންސީގެ ރިޔާސީ ޓިކެޓް، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ގަބޫލު ކުރެއްވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ ޒައާމަތުގައި ދިވެހިން ދެކޭނީ މިނިވަން މުސްތަގިއްލު ސައްތައިންސައްތަ އިސްލާމީ ދައުލަތެއް ކަމަށެވެ. އަދި ފުދުންތެރި އުފާ ފާގަތި އަމިއްލަ ވަންތަ ގައުމެއް ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ލީޑުކުރައްވާ ދެ ޕާޓީގެ ރިޔާސީ ޓިކެޓް ގަބޫލު ކުރައްވާކަން އެމަނިކުފާނު ހާމަ ކުރެއްވީ ރޭ ޕީޕީއެމް އާއި ޕީއެންސީ އިން ބޭއްވި ކައުންސިލް ބައްދަލްވުމުގައެވެ. ޕީޕީއެމް އާއި ޕީއެންސީގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ 2023 ގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އެރުވުމަށް ވަރަަށް އަވަހަށް ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އަރުވާފައިވާއިރު އެމަނިކުފާނުގެ މައްޗަށް ކުރީން އޮތް ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރުމުން އިންތިހާބުގައި ވާދަކުރުމަށް އޮތް ހުރަސް ވަނީ ނެތިގެން ގޮސްފައެެވެ. ނަމަވެސް އަދިވެސް ދަށު ކޯޓްގައި އެމަނިކުފާނުގެ މައްޗަށް ދެ މައްސަލައެއްގެ ޝަރީއަތް އެބަ ހިނގައެވެ. އެއިން ދައުވާއެއް ސާބިތުވެއްޖެނަމަ އިންތިހާބުގައި ވާދަ ކުރުމުގެ ފުުރުސަތު ގެއްލޭނެ އެވެ. ނަމަވެސް އިދިކޮޅު ދެ ޕާޓީގެ ވެރީން ވަނީ ރައީސް ޔާމީނަށް ރިޔާސީ ރޭހުން ދެން ފުރުސަތު ގެއްލުވާ ނުލެވޭނެ ކަމަށެވެ.

ދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ޓިކެޓް، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ގަބޫލު ކުރައްވައިފައި މި ވަނީ އިއްޔެ ހެނދުނު ކުއްލި ގޮތަކަށް ކުރީން އެމަނިކުފާނާއެކު މަސައްކަތް ކުރެއްވި ލީޑަރުންނަށް ވަރުގަދަ ރައްދެއް ދެއްވާފައި ވަނިކޮށެވެ.

ރައީސް ޔާމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމު މިއަދު ވައްޓާލާފައި އޮތް ހާލަތުން އެއްފަރާތްވެ ނާޒިމާއި ގާސިމު ދުރަށް ޖެހިވަޑައިގަންނަވަން އުޅުއްވި ނަމަވެސް އެ ދެ ބޭފުޅުންނަކީ ވެސް ޣައްދާރުން ކަމަށެވެ.

އަދާލަތު ޕާޓީއަށް ނިސްބަތްވާ ޝައިހުން ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ތެރެއިން ސަލާމަތާއި ރައްކާތެރިކަން ހޯއްދަވާފައިވާ ކަމަށްވެސް ޔާމީން ތުހުމަތުކުރައްވާފައިވެ އެވެ.

ގާސިމް އިބްރާހިމް އާއި ކާނަލް ނާޒިމް 2013 ގައި ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި ބޭފުޅުންނެވެ. އަދާލަތު ޕާޓީވެސް އޮތީ އެމަނިކުފާނާ އެކުގައެވެ. ނަމަވެސް 2018 ގައި އެ ބޭފުޅުން ތިއްބެވީ އެމަނިކުފާނާ ދެކޮޅަށެވެ.