އެމްއާރުއެމް

އެމްއާރްއެމްގެ 500 ފޯމް އީސީގައި ވެއްޖެ

މޯލްޑިވްސް ރިފޯމް ވޫމަންޓް (އެމްއާރްއެމް) އަށް ސޮއިކުރި 500 ވުރެ ގިނަ މެންބަރުންގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

މެންބަރުންގެ އަދަދު ތިންހާހަށް ވުރެ މަދު ސިޔާސީ ޕާޓީތަކަށް ނޯޓިސް ދޭން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި އެމްއާރްއެމްވެސް ހިމެނެއެވެ. ނޯޓިސް ފޮނުވާތާ ތިން މަސްދުވަސް ތެރޭ މެންބަރުންގެ އަދަދު 3،000 ހަމަނުކުރެވިއްޖެނަމަ އެ ޕާޓީއެއް އުވޭނެ އެވެ.

އެމްއާރްއެމްގެ ރަޖިސްޓްރާ ފާތިމަތު ޝަހީދާ މިރޭ ވިދާޅުވީ މިއަދުވެސް އިލެކްޝަންސް ކޮމިޝަނަށް އެ ޕާޓީން ބައެއް ފޯމްތައް ފޮނުވާފައިވާ ކަމަށެވެ. އެ ފޯމްތަކާއެކު މިހާތަނަށް 500 ވުރެ ގިނަ މެންބާޝިޕް ފޯމް އިލެކްޝަންސް ކޮމިޝަންގައި ޕްރޮސެސް ނުކުރެވި ހުންނާނެ ކަމަށް ވިދާޅުވިއެވެ.

"އަދިވެސް ގިނަ އަދަދެއްގެ ފޯމް ފޮނުވުމުގެ މަސައްކަތް މި ދަނީ ކުރަމުން،" ޝަހީދާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ ‏ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމާ ގުޅިގެން، ސިޔާސީ ޕާޓީގެ މެންބަރުންގެ ޢަދަދު 3000 ހަމަނުވާ ހަތަރު ޕާޓީއަކަށް ގާނޫނުގައިވާ ގޮތުގެމަތިން ތިން މަސްދުވަހުގެ ނޯޓިސް ދޭން އިލެކްޝަން ކޮމިޝަން ⁦އިން ނިންމާފައިވާ ކަމަށެވެ.

ތިން ހާސް މެންބަރުން ނެތީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ލީޑަރުކަން ކުރައްވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އާއި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ އާއި ރައީސް މައުމޫން އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަދި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކްސް (އެމްޓީޑީ) ގައެވެ.

ޑީއާރުޕީގައި ތިބީ 2280 މެންބަރުންނެވެ. ލޭބާ ޕާޓީގައި ތިބީ 2725 މެންބަރުންނެވެ. އެމްއާރްއެމްގައި 2302 މެންބަރުން ތިބިއިރު އެމްޓީޑީގައި ތިބީ 2489 މެންބަރުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރު ބުނާ ގޮތުން އެންމެ ގިނަ މެންބަރުން ތިބީ އެމްޑީޕީގައެވެ. އެ ޕާޓީގައި 54،782 މެންބަރުން އެބަތިއްބެވެ. އިދިކޮޅު ޕީޕީއެމްގައި 34،368 މެންބަރުން އެބަ ތިއްބެވެ. ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީގައި 20،139 މެންބަރުން ތިބިއިރު އިމްރާން އަބްދުﷲ ރައީސްކަން ކުރައްވާ އަދާލަތު ޕާޓީގައި 10،589 މެންބަރުން އެބަތިއްބެވެ.

ދެން ހިމެނޭ ޕާޓީތަކުގައި 10،000 މެންބަރުން ހަމައެއް ނުވެއެވެ. ޕާޓީތަކުގެ ގަވާއިދު ބުނާ ގޮތުން ދައުލަތުން ފައިސާ ލިބެނީ ދިހަ ހާސް މެންބަރުން ހަމަވާ ޕާޓީތަަކަށެވެ.