ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ އިންޒާރެއް؛ ޕާޓީން ވަކިކޮށްބަލަ، ދެން ނިކުންނާނީ ފާޅުގައި

ސަރުކާރު ކުންފުނިތަކުގައި ވެރީންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވަކި ބޭފުޅަކު ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށާ ކުންފުނިތަކުގެ ވެރީން އެ ކުންފުނިތަކުގައި ތިބި އެމްޑީޕީގެ މުވައްޒިފުންނަށް ބިރު ދައްކަމުންދާ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފި އެވެ.

ނަޝީދުގެ މި ތުހުމަތުތައް ފެންމަތި ކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް އަމާޒު ކުރައްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ގުރޫޕަށް ފޮނުއްވެވި މެސެޖްތަކެއްގައެވެ. އެ މެސެޖްތަކުގައި ނަޝީދު ވަނީ ރަށްރަށުގައި ތިބި ފެނަކަގެ މުވައްޒިފުންގެ ތެރެއިން އެމްޑީޕީގެ މެންބަރުންނަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ސައީދު މަަސައްކަތް ކުރައްވަނީ އެމަނިކުފާނު އެމްޑީޕީން ބޭރުކޮށްލެއްވުމަށްވެސް ވިދާޅުވިއެވެ.

އަދި އިންޒާރު ދެއްވާ ވިދާޅުވީ ވަކި ކެންޑިޑޭޓަށް ތާއީދު ހޯދުމަށާއި ވަޒީފާގެ ބިރު ދެއްކުމަށް ދެން އެއްވެސް މުވައްޒިފަކަށް ސައީދު ގުޅުއްވައިފިނަމަ އެމަނިކުފާނުވެސް ފާޅުގައި ނިކުންނަވާނެ ކަމަށެވެ. ނަޝީދު އެ އިޝާރާތް ކުރައްވަނީ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި އެމަނިކުފާނު ތާއީދު ކުރައްވާ ކެންޑިޑޭޓަކު ރަސްމީކޮށް އިއުލާނު ކުރައްވާ އެ ކެންޑިޑޭޓަކު ހޮއްވެވުމަށް ނިކުންނަވާނެ ވާހަކަ ކަމަށް ބެލެވެއެވެ.

ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވަނީ އެމްޑީޕީގެ ކުރީގެ ސްޕޯކްސްޕާސަން އިމްތިޔާޒު ފަހުމީ އާއި ސަރުކާރުގެ ނުފޫޒު ގަދަ ވަޒީރު ފައްޔާޒު އިސްމާއިލް އެވެ. ގައުމީ މަޖިލީހުގެ ގިނަ މެންބަރުންނާއި ސަރުކާރުގެ އިސް ބޭފުޅުންގެ ތާއީދު އޮތީ ފައްޔާޒަށެވެ. ރައީސް ނަޝީދުގެ އާއިލީ ބޭފުޅުންނާއި އެމަނިކުފާނުގެ އެންމެ އަރިސް އަދި ވަފާތެރި މެންބަރުންގެ ތާއީދު އޮތީ އިންތިއަށެވެ. ރައީސް ނަޝީދުގެ އާއިލީ ބޭފުޅުން ގެންދަވަނީ އިންތި ހޮއްވެވުމަށް ރަށްރަށަށް ދަތުރުކުރައްވާ ކެމްޕެއިން ކުރައްވަމުންނެވެ.

ފެނަކަ އެމްޑީ ސައީދު؛ ފެނަކަ އަކީ މަނިކުފާނުގެ އަމިއްލަ ތަނެއް ނޫންކަން ހަނދާން ކުރާތި. ރަށްރަށުގެ ފެނަކަ މުވައްޒިފުންނަށް ބިރެއް ނުދެއްކޭނެ. ސައީދު އަޅުގަނޑު މި ޕާޓީ އިން ވަކިކުރާން އުޅުނަސް ފެނަކަ ހުރިހާ މުވައްޒިފުން އެކަމާ ނުރުހޭނެ. އެ މީހުންނަކީ ތަންދޮރު ދަންނަ މީހުން. ދެން ސައީދު މީހަކާ ގުޅައިފިނަމަ އަޅުގަނޑު ފާޅުގައި ނިކުންނާނަން
މުހައްމަދު ނަޝީދު | އެމްޑީޕީގެ ރައީސް

ނަޝީދުގެ އެ މެސެޖަށް ސައީދު ޖަވާބު ދެއްވިއެވެ. އަދި ވަނީ ވަޒީފާގެ ބިރު ދެއްކީ ކޮން މުވައްޒިފަކަށް ކޮން ވަގުތަކުތޯ ސުވާލު ކުރައްވާފައެވެ. އަދި ބިރު ދެއްކި އެއްވެސް މުވައްޒިފަކު ނުހުންނާނެ ކަމަށް ވިދާޅުވިއެވެ.

"ރައީސް، އަޅުގަނޑު ފެނަކައިގެ ކޮން މުވައްޒިފަކަށް ކޮން ވަގުތަކުތޯ ވަޒީފާގެ ބިރު ދެއްކީ. އެ މީހަކު ނުހުންނާނެ. އެފަދަ ކަމެއް ނުކުރަން އަދި ނުވެސް ކުރާނަން،" ފައްޔާޒަށް ތާއީދު ކުުރައްވާކަން އިއުލާނު ކުރައްވާފައިވާ ސައީދު ވިދާޅުވިއެވެ.

އޭގެ ފަހުން ސައީދު ވަނީ ފެނަކައިގެ މުވައްޒިފަކު ޔުނީފޯމްގައި އިންތިއާއެކު ނަންގަވާފައިވާ ފޮޓޯއެއް ހިއްސާކޮށްފައެވެ. އެ ފޮޓޯ އޭނާ ހިއްސާކުރެއްވީ ވަޒީފާގެ ބިރު މުވައްޒިފުންނަށް ނެތްކަން ސާބިތުކޮށް ދެއްވުމުގެ ގޮތުން ކަމަށް ބެލެވެއެވެ.

ސައީދުގެ އެ ވާހަކަތަކާއި ގުޅިގެން ރައީސް ނަޝީދު ވަނީ "ތިޔަހެން ޖަދަލު ކުރަނީ ކަމު ވަނީނަމަވެސް އިދިކޮޅަށް ނިކުންނާނަން" ކަމަށް ވިދާޅުވެ ރައްދު ދެއްވާފައެވެ.

"ސައީދަށް ތިޔަ ތަނަށް [ފެނަކައިގެ އެމްޑީގެ މަގާމަށް] އާދެވުނު ގޮސްވެސް ސައީދަށްވެސް އޮޅުނީ. އަޅެ ސައީދު އަޅުގަނޑު މި ޕާޓީ އިން ބޭރުކޮށްބަލަ،" ނަޝީދު ވިދާޅުވިއެވެ.

އޭގެ ފަހުން ސައީދު ވިދާޅުވީ ރައީސް ނަޝީދުއާ ޖަދަލު ކުރައްވަން ނޫޅުއްވާ ކަމަށެވެ. އަދި ރައީސް ނަޝީދު އެމްޑީޕީން ވަކިކުރެއްވުމަށް އޭނާއަކީ ކާކުތޯ އެއްސެވިއެވެ.

"ރައީސް، އަޅުގަނޑު ރައީސް އަކާ ޖަދަލެއް ނުކުރަން. އަޅުގަނޑު މީ ކާކުތޯ ރައީސް އެމްޑީޕީ އިން ވަކިކުރަން،"

ސައީދު އެހެން ވިދާޅުވުމުން ނަޝީދު ވަނީ "ސައީދު ތިޔަހާ މުނާފިގު ނުވެ ބަލަ، ދޮގު ނުހަދަ ބަލަ" މިހެން ވިދާޅުވެ ސައީދަށް ރައްދު ދެއްވާފައެވެ.