ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރުން އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފަރާތުން މިކަން ހާމަކުރެއްވީ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް މުހައްމަދު ނަޝީދު އެވެ.
ރައީސް ނަޝީދު ވިދާޅުވީ މިދަތުރަކީ ތަޖުރިބާ ހޯއްދެވުމުގެ ގޮތުން މެންބަރުން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
"އޮޑިޓަ ޖެނެރަލްގެ ރިޕޯޓްތައް ބެލުމުގައި އިނގިރޭސިވިލާތުގެ މާލިއްޔަތު ކޮމިޓީ ގެންގުޅޭ މިންގަނޑުތައް އަޅުގަނޑުމެންގެ މާލިއްޔަތު ކޮމިޓީއަށް އެނގޭތޯ މަސައްކަތް ކުރުން،" ދަތުރުގެ ބޭނުން ހިއްސާކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ މެންބަރުންގެ ދަތުރުފުޅާ ގުޅޭ ކަންކަން ކުރިއަށް ގެންދަވަނީ ވޯލްޑް ބޭންކްގެ އެހީގައި ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މާލިއްޔަތު ކޮމިޓީ އަށް އިތުރު ތަޖުރިބާ ލިބިވަޑައިގެން މާލެ ވަޑައިގަންނަވަނީ،" ނަޝީދު ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީގެ މެންބަރުން
- ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް - މުގައްރިރު
- ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްﷲ - ނައިބް މުގައްރިރު
- ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް - މެންބަރު
- ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ - މެންބަރު
- ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް - މެންބަރު
- ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް - މެންބަރު
- ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް - މެންބަރު
- ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒު - މެންބަރު
- ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް - މެންބަރު
- ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު - މެންބަރު
- ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު - މެންބަރު
- ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު - މެންބަރު
- ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު - މެންބަރު
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރުން އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް މެންބަރުން ފުރާވަޑައިގަންނަވާނެ ދުވަހާއި އަދި އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް މަޖިލީހުން ބުނެފައެއް ނުވެ އެެވެ.
މާލިއްޔަތު ކޮމިޓީ އަކީ މަޖިލީހުގައި ހިމެނޭ 17 ދާއިމީ ކޮމިޓީތަކުގެ ތެރެއިން އެންމެ ހަރަކާތްތެރި އަދި އެންމެ ގިނަ މައްސަލަތައް ބަލައި އެއް ކޮމިޓީ އެވެ.
މާލިއްޔަތު ކޮމިޓީގެ މައިގަނޑު މަސައްކަތަކީ ދައުލަތުގެ އިދާރާތަކާ ގުޅޭ މާލީ މައްސަލަތަކަށް ފާރަވެރިވުމާއި މާލީ މައްސަލަތައް ބަލައި ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ދޭންޖެހޭ ލަފާތައް ދިނުމެވެ.