މޯލްޑިވްސް ޕޮލިސް ސާވިސް

އަލްހާން ކުންފުނިން ހިންގި ސްކީމްގެ ޖިނާއީ ތަހުގީގެއް ފަށައިފި

ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހްމީ ބައިވެރިވާ "ކިންގްސް ފޮރެކްސް ޓްރޭޑިން" ކުންފުނިން ހިންގާ ސްކީމްގެ ޖިނާއީ ތަހުގީގެއް ކުރަން ހިންގަމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

އެ ކުންފުނީގެ ނަން ހާމަނުކޮށް ފުލުހުން ދެންމެ އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި އަމިއްލަ ކުންފުންޏަކުން ގިނަ އަދަދެއްގެ ރައްޔިތުންގެ މާލީ މަސްލަހަތަށް ބުރޫއަރާ ގޮތަށް ޕޮންޒީ ސްކީމަކާ އެއްގޮތްވާގޮތަށް މުއާމަލާތުތަކެއް ހިންގަމުންދާ ކަމަށް ކަމާ ބެހޭ އިދާރާތަކުން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން ބެލިބެލުމުން ޖިނާއީ ތަހުގީގެއް ކުރިއަށްގެންދަން ޖެހޭފަދަ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށެވެ.

އާންމު ރައްޔިތުން ތަފާތު މިއުޗުއަލް ފަންޑްސް އާއި ސްކީމްތަކުގައި އިންވެސްޓުކުރުމުގައި މިބާވަތުގެ ކަންކަމާގުޅޭ ފަންނީ މައުލޫމާތާއި މާކެޓް ރިސްކުތަކަށް ފަރުވާތެރިވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ކަމާބެހޭ ގާނޫނީ އޮނިގަނޑުތަކާ އެއްގޮތަށް ރަޖިސްޓްރީކުރެވި ލައިސަންސް ނުވަތަ އެކަށީގެންވާ ހުއްދަ އޮންނަ އިތުބާރުކުރެވޭ ފަރާތްތަކުގައި ނޫނީ ފައިސާ އިންވެސްޓު ނުކުރުމަށްވެސް ވަނީ އެދިފައެވެ. އެހެންނޫންނަމަ މިފަދަ ކަންކަމުގެ ސަބަބުން މާލީ ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށް ފުލުހުން ބުންޏެވެ.

ތަހުގީގު ކުރިއަށްދާ ވަރަކުން މިކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށްވެސް ބުންޏެވެ.

ކިންގްސް ފޮރެކްސް ޓްރޭޑިންގުން ހިންގާ އިންވެސްޓްމަންޓް ފަންޑުގެ މައިގަނޑު މުއާމަލާތްތައް ކުރަމުން ދިޔަ އެކައުންޓް ބީއެމްއެލް އިން ވަނީ ފްރީޒްކޮށްފަ އެވެ.

އަލްހާން ކުރިން ވިދާޅުވި ގޮތުގައި ބީއެމްއެލް އިން އެކައުންޓް ފްރީޒް ކުރީ ފައިސާ ލިބޭ ގޮތް ނުވަތަ ސޯސް ބޭންކަށް ނޭނގޭތީ ކަމަށް ބުނުމަށްފަހު ކަމަށެވެ. ކިންގްސް އިން ހިންގަނީ ޕޮންޒީ ސްކީމެއް ނޫން ކަމަށްވެސް އަލްހާން ޔަގީންކޮށްދެއްވަ އެވެ.

އަލްހާން އިތުރަށް ވިދާޅުވީ ގާނޫނާއި ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ. އެހެންކަމުން އެކައުންޓް ފްރީޒްކުރުމުން ލިބޭ ގެއްލުމުގެ ބަދަލު ހޯއްދަވަން ދައުވާ ކުރައްވާނެ ކަމަށެވެ.

ކިންގްސް ފޮރެެކްސް ޓްރޭޑިންގެ އެކައުންޓް ފްރީޒް ކުރުމާ އެކު މަރުކަޒީ ބޭންކް -- އެމްއެމްއޭ އާއި ސީއެމްޑީއޭ އިން ނެރުނު ބަޔާނެއްގައި ވަނީ ސްކީމު ތަކެއްގެ ގޮތުގައި އެކި ނަންނަމުގައި ފައިސާގެ މުއާމަލާތް ހިންގާ މީހުންގެ ސައްހަކަން ކަށަވަރުކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.