ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
އަލްހާން ފަހުމީގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުންގެ ތަހުގީގަކަށް އަލްހާންގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު އޭނާގެ ހިއްސާ އޮންނަ ކިންގްސް ކެޕިޓަލް ޕްރައިވެޓް ލިމިޑެޓް އިން އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާ އުސޫލުތަކާއި ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކާ މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އޭނާ މީގެ ކުރިން ފުލުހަށްވެސް ހާޒިރުކުރި އެވެ.
އަލްހާން ވަނީ މަކަރާ ހީލަތް ހަދައިގެން މީހުން އަތުން ފައިސާ ނަގާ މަނީލޯންޑާ ކުރި ކަމަށް ބުނެ ފުލުހުން ކުރި ތުހުމަތަށް ދޮގުކޮށްފަ އެވެ.