އަލްހާން ފަހުމީ

އަލްހާން މަރާލުމަށް ދެ ލައްކަ ރުފިޔާ ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހްމީ މަރާލި މީހަކަށް ދެ ލައްކަ ރުފިޔާ ދިނުމަށް ހުށަހަޅައިފި އެވެ.

ޓެލެގްރާމު ގުރޫޕެއްގައި ކޮށްފައިވާ މެސެޖެއްގައި ބުނެފައިވަނީ އަލްހާން މަރާލުމަށް ބޭނުންވާ އެ ގުރޫޕްގެ އެޑްމިންއަށް މެސެޖުކުރުމަށް އެދޭ ކަމަށެވެ.

މިމައްސަލަ ބަލައިދިނުމަށް އަލްހާނާއި އޭނާގެ އާއިލާ އިން ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ހުށަހަޅުއްވާފަ އެވެ.

މިދުވަސްވަރު ބައެއް މީހުން އަލްހާން ދެކެ ހިތްހަމަނުޖެހިފައިވަނީ އޭނާ ހިއްސާދާރަކަށް ހުންނަވާ ކިންގްސް ކެޕިޓަލް [ފޮރެކްސް] އިން އާންމު ފަރާތްތައް ބައިވެރިކޮށްގެން ކުރި އޮންލައިން ފޮރެކްސްޓްރޭޑިންގެ މަދަނީ މުއާމަލާތްތަކަށް ފަހު ބައެއް މީހުންނަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ އަލްހާންގެ ކުންފުނިން ލިބިފައި ނުވާތީ އެވެ.

މިކަމާ ގުޅޭ މައްސަލަތަކެއް ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުން ގެންދަނީ ބަލަމުންނެވެ.

އަލްހާން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު ކަމުގައި ހުންނަވަނިކޮށް 2014 ވަނަ އަހަރު ބަޔަކު ވަޅިން ހަމަލާ ދިނުމުން އެފަހަރު އޭނާގެ ފުރާނަ ސަލާމަތްވި ނަމަވެސް ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެ އެވެ. އަދި އެ ހަމަލާއަށްފަހު އޭނާއަށް ހިނގާފައި އުޅުމަށް ދަތިތަކެއް ހުރެ އެވެ.