ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހްމީގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާ ޗިޓް ފޮނުވައިފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން އަލްހާނަށް ފޮނުވާފައިވާ ޗިޓްގައި ބުނެފައިވަނީ އަންގާރަ ދުވަހުގެ ރޭ 8:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށެވެ. އޭނާ ހާޒިރު ކުރަނީ ކުށުގެ ތުހުމަތަށް ކަމަށް ބުނެފައިވެއެވެ. އެއީ ކިންގްސް ކެޕިޓަލް ޕްރައިވެޓް ލިމިޑެޓް އިން އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާ އުސޫލުތަކާއި ހިލާފަސް އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކާ މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކަމަށް ބުނެފައިވެއެވެ.
ތަހުގީގަށް ތިން ގަޑިއިރުގެ ވަގުތު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށްވެސް ފުލުހުންގެ ޗިޓްގައިވެއެވެ. އަދި ތަހުގީގައި ސުވާލުކޮށް ބަޔާން ނަގާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އަލްހާން ވިދާޅުވީ އޭނާގެ ހިއްސާ އޮތް ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އިން އާންމު ފަރާތްތައް ބައިވެރިކޮށްގެން ކުރި އޮންލައިން ފޮރެކްސްޓްރޭޑިންގެ މަދަނީ މުއާމަލާތާއި ގުޅިގެން އެމްއެމްއޭއިން އެކުންފުންނިން މަނީ ލޯންޑާ ކުރާ ކަމަށް ތުހުމަތުކޮށް ނުސީދާ ބަޔާން ނެރެ ދޮގު އިލްޒާމު އަޅުވާ ވިޔަފާރި ހުއްޓުވާލުމަށްފަހު މަކަރާ ހީލަތުން މީހުންގެ ފައިސާ ނަގައިގެން މަނީ ލޯންޑާ ކުރި ކަމަށް ނިންމާ ކުންފުނީގެ އެހެން ހިއްސާދަަރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުން މެދުވެރިކޮށް ކުރާ މަސައްކަތަކީ އެއްވެސް އަސާސެއް ނެތި ވިޔަފާރި ހުއްޓުވާލުމަށް ކުރާ ކަމެއް ކަމަށެވެ. އަދި އޭނާއަށް ގެއްލުންދީ ބަދުނާމުކުރުމުގެ ގޮތުން ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ދައުލަތުގެ މުއައްސަސާތައް ނުހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގާ ޖަރީމާއެއް ކަމަށް ވިދާޅުވިއެވެ.
"މިކަމުގައި އެއްވެސް ޖިނާއީ ގާނޫނާ ހިލާފު އަމަލެއް ހިންގާފައި ނުވާނެ ވާހަކަ ކަމާބެހޭ ފަރާތްތަކާއި ރައްޔިތުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ކިންގްސް ކެޕިޓަލް ހޯލްޑިންގްސްއާއެކު އޮންލައިން ޓްރޭޑް ކުރި މީހުންނަށް މިވަގުތު ފައިސާ ދިނުމަށް ދަތި ކަމަށާއި ނަމަވެސް މިއަހަރުގެ ޖުލައި މަހުގެ ކުރިން ފައިސާ ދިނުނުގެ އިންތިޒާމު ރަނގަޅަށް ހަމަޖެއްސޭނެ ކަމަށް ފެންނަ ކަމުގައި އެ ކުންފުނިން ވަނީ ބުނެފައެވެ. އެ ކުންފުންޏާ އެކު އެތައް ހާސް ވިޔަފާރިއެއް ކޮށްފައިވާ ގިނަ ބަޔަކަށް ރިފަންޑް ނުލިބި ލަސްވާތީ ކަމާ ގުޅޭ އިދާރާތަކަށް އެތައް މައްސަލައެއް ވަނީ ހުށައަޅާފައެވެ.
ކިންގްސް ކުންފުނިން ކުރަމުން ދިޔަ ވިޔަފާރިއަކީ އިންވެސްޓްމަންޓް ސްކީމެއްގެ ސިފަތައް ހުރި ވިޔަފާރިއަކަށްވެފައި އަޑިނޭނގޭ ޕޮންޒީ ސްކީމެއްގެ ގޮތުގައި އެ ސްކީމް ހިންގަމުން ދިއުމާ ގުޅިގެން ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން އެ ވިޔަފާރި އޮތީ ހުއްޓުވާފައެވެ.
ކިންގްސް ކުންފުނިން އޮންލައިން ޓްރޭޑް ކުރުން ޓެލެގްރާމް ޗެނަލެއްގައި ވަރަށް ބޮޑަށް އިޝްތިހާރުކޮށް އެ ކުންފުނީގެ ސްކީމު ކުއްލި އަކަށް ފުޅާކުރީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. ކިންގްސްގެ ވިޔަފާރި މުއާމަލާތްތައް ހިންގަމުން ދިޔަ ގޮތުން ދައުލަތުގެ އިދާރާތަކުން އެ ކުންފުނީގެ ސްކީމް ހުއްޓުވިއިރު މަދު ދުވަސްކޮޅެއްގެ ތެރޭގައި 80 މިލިއަނެއްހާ ރުފިޔާ ސްކީމުގެ ތެރެއިން ރޯލްކޮށްފައިވާ ކަމަށްވެ އެވެ. ސްކީމުގައި ގާތްގަނޑަކަށް 2،000 މީހުން -- މީހަކު އެންމެ މަދުވެގެން ވެސް 10،000 ރުފިޔާ އިންވެސްޓްކޮށްފައިވެ އެވެ. އަދި މި ސްކީމް ޕްރޮމޯޓް ކުރަން ގެންގުޅުނު ޓެލެގްރާމު ޗެނަލްގައި ވެސް 9،000 އަށް ވުރެ ގިނަ މީހުން ތިބެ އެވެ.
ކިންގްސް ކުންފުނިން ހިންގި ސްކީމުގެ ތެރެއިން ގެއްލުން ލިބުނު މީހުން ޝަކުވާ ހުށަހަޅަން ކަމާ ގުޅޭ އިދާރާތަކުން އެންގުމުން 1،500އާ ގާތްކުރާ މީހުން ޝަކުވާ ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވެ އެވެ.