ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހްމީގެ މަސްލަހަތު އޮންނަ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އިން އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް ގިނަ ބައެއްގެ އަތުން ފައިސާ ނަގައި އަނބުރާ އެ ފައިސާ ދީފައި ނުވާތީ ދައުލަތުން ކިންގްސްގެ ހިއްސާދާރުންގެ މައްޗަށް ކުރާ ދައުވާތައް ރިވިއުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދެން ނިންމައިފި އެވެ.
ކިންގްސް ކުންފުނީގެ ހިއްސާދާރުންނަކީ މެނޭޖިން ޑިރެކްޓަރު އަލްހާން އާއި އޭނާގެ ދެ ކޮއްކޮ ކަމަށްވާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ކުރީގެ ރައީސް އަދި ނޫސްވެރިޔާ ޝަހްބާން ފަހްމީއާއި ޝަޒްބާން ފަހްމީ އެވެ.
ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ކިންގްސްގެ ހިއްސާދާރުންގެ މައްޗަށް ޓެކުމުގެ 13 ދައުވާއެއް އުުފުލާފައިވެ އެވެ.
ދައުވާތަކާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ކިންގްސްގެ ހިއްސާދާރުންގެ ދިފާއީ ވަކީލް ވިދާޅުވީ ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމާ އަލަށް ހަވާލުވި ޕީޖީ ވަނީ ޖިނާއ ދައުވާތައް ރިވިއުކުރުމަށް ފުރުސަތު ހުޅުވާލާފައި ކަމަށްވާތީ އެ ފުރުސަތުގެ ބޭނުން ހިފަން ކިންގްސް ހިއްސާދާރުން ބޭނުންވާ ކަމަށެވެ. އެހެންވެ ވަކީލް އެދިވަޑައިގަތީ އެ މައްސަލަ ރިވިއުކުރަން ހުށަހެޅުމުން ޕީޖީ ނިންމަވާ ގޮތެއް ނިންމަވަންދެން ޝަރީއަތް މަޑުޖައްސާލުމަށެވެ.
ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ވިދާޅުވީ ޕީޖީ އޮފީހުން ކިންގްސްގެ ހިއްސާދާރުންގެ މައްސަލަ ނުގެންދާހާ ހިނދަކު މައްސަލަަ ކުރިއަށް ގެންދާނެ ކަމަށެވެ.
ކިންގްސްގެ ހިއްސާދާރުންގެ ދިފާއީ ވަކީލެއްގެ ގޮތުގައި ކުރީގެ ބަންޑާރަނައިބް އައިޝަތު އާޒިމާ ޝަކޫރުވެސް ހިމެނެ އެވެ. ނަމަވެސް އޭނާގެ ސޮއި ފޯމުގައި ނެތުމުން ގާޒީ ވިދާޅުވީ އާޒިމާއަށް ދިފާއީ ވަކީލެއްގެ ގޮތުގައި ވަކާލާތު ކުރެވޭނީ ފޯމުގައި ސޮއި ކުރައްވައިގެން ކަމަށެވެ.
ކިންގްސް ހިއްސާދާރުން ބޭނުންވީ އާޒިމާއާ އެކު މައްސަލަ ކުރިއަށް ގެންދަން ކަމަށްވާތީ ގާޒީ ވަނީ މިއަދުގެ އަޑުއެހުން އާދިއްތަ ދުވަހަށް ފަސްކުރަން ނިންމަވާފަ އެވެ. އަދި އެ ދުވަހު މައްސަލައަށް ޖަވާބުދާރީން ވާންޖެހޭނެ ކަމަށްވެސް ދައުވާ ލިބޭ ފަރާތްތަކަށް އެންގެވި އެވެ.
ބަލިވެ އުޅޭތީ މިއަދުގެ އަޑުއެހުމުގައި އަލްހާން ފަހްމީ ބައިވެރިވެފައެއް ނުވެ އެވެ. ގާޒީ ވިދާޅުވީ އަލްހާން ބަލިވެ އުޅޭކަން އޭނާ އަންގާފައިވާ ކަމަށާއި އެކަމަކު އެކަމާ ގުޅޭ މެޑިކަލް ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ކިންގްސް މައްސަލަ ފެންމަތިވުމާ އެކު އެ ކުންފުނީގެ އެކައުންޓްތައް ކުރިން ފްރީޒް ކުރި ނަމަވެސް ސިވިލް ކޯޓުން ފަހުން ވަނީ ބީއެމްއެލް އިން ކިންގްސް ކުންފުނީގެ އެކައުންޓްތައް ފްރީޒް ކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އެ އެކައުންޓްތައް ދޫކޮށްލަން އަމުރުކޮށްފަ އެވެ.
ދައުލަތުން ކުރާ ދައުވާތަކަށް އަލްހާން ވަނީ އިންކާރު ކުރައްވާފަ އެވެ.