ހަބަރު

އަލްހާނަށް ހަމަލާދިން މީހާ ހަތް އަހަރަށް ޖަލަށް

Oct 13, 2019

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީއަށް ހަމަލާދިން މީހާ ހަތް އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ހަތް އަހަރުގެ ޖަލު ހުކުމް އިއްވާފައިވަނީ އައްޑޫ ސިޓީ ހިތަދޫ، އުލްފާމަންޒިލް މުހައްމަދު ނަސީމްގެ މައްޗަށެވެ. އެ މައްސަލާގެ ޝަރީއަތް ފަށާފައިވަނީ 2015 ވަނަ އަހަރު އެވެ. ހުކުމް އިއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ކުރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ނެރުއްވާފައިވާ ހުކުމްގައި ބުނެފައިވަނީ އަލްހާނަށް ހަމަލާދިން ކަމަށް ނަސީމް އިންކާރުކޮށްފައިވީ ނަމަވެސް ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާއިން އެ ހަމަލާ ދީފައިވަނީ ނަސީމްކަން ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

ކުށް ކަނޑައަޅާފައިވަނީ ހަށިގަނޑަށް ގެއްލުން ދިނުމުގެ ކުށަށް ފަސް އަހަރު އަދި އެކަމުގައި ތޫނު އެއްޗެއް ބޭނުން ކޮށްފައިވާތީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެވެ.

އަލްހާނަށް ހަމަލާދީފައިވަނީ 2014 ވަނަ އަހަރުގެ ފެބުރުއަރީ މަހު އާޓިފިޝަލް ބީޗުގައި އޭރު ހުރި ބްރޭކްވޯޓާ ރެސްޓޯރެންޓް ތެރޭގައި އިންނަވަނިކޮށެވެ. އެ ހަމަލާގައި ސީރިއަސް އަނިޔާތަކެއް އަލްހާނަށް ލިބުނުއިރު ރާއްޖެއިން ބޭރަށް ގެންގޮސް އޭނާއަށް ފަރުވާ ދިނެވެ.