ހަބަރު

ސައިކޯސޯޝަލް ސަޕޯޓް ސެންޓަރެއް ގާއިމުކުރަނީ

ދިވެހި ރެޑް ކްރެސެންޓްގެ މާލޭ ގޮފިން އިސްނަގައިގެން ސައިކޯސޯޝަލް ސަޕޯޓް (ޕީއެސްއެސް) ނުވަތަ ނަފްސާނީ އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ ފަރާތްތަކުގެ ހާއްސަ ބައްދަލުވުމެއް ބާއްވައިފި އެވެ.

ޕީއެސްއެސް ދާއިރާގެ ތަޖުރިބާކާރުންނާއި، ދާއިރާގައި މަސައްކަތްކުރާ ވޮލަންޓިއަރުންގެ ހިމެނޭ ގޮތަށް ބައްދަލުވުމެއް ބާއްވާފައި ވަނީ 2004 ވަނަ އަހަރު ޑިސެމްބަރު މަހު 26 ވަނަ ދުވަހު ކުރިމަތިވި ހިތާމަވެރި ސުނާމީ ކާރިސާއަށް 11 އަހަރު ފުރުން ފާހަގަކުރުމަށެވެ. ޕީއެސްއެސްގެ މަސައްކަތް ރާއްޖޭގައި ފެށިފައި ވަނީ ސުނާމީ ކާރިސާއަށް ފަހު އެކަމުގެ އަސަރުކުރި ފަރާތްތަކަށް އެހީވުމަށް އޭރުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގައި ވޮލަންޓިއަރުން ގާއިމްކުރި ޔުނިޓުންނާއި އެހެން ފަރާތްތަކުން ހިންގި ހާއްސަ ޕްރޮގްރާމްތަކާ އެކުގަ އެވެ.

މިއަދު ބޭއްވުނު ފޯރަމްގައި ދިވެހި ރެޑް ކްރެސެންޓްގެ މާލޭ ގޮފިން ގާއިމްކުރަން މަސައްކަތްކުރަމުންދާ ސައިކޯސޯޝަލް ސަޕޯޓް ސެންޓަރު (ޕީއެސްއެސް ސެންޓަރު) ގެ އޮނިގަނޑު ރޭވުމުގައި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ބައިވެރިވެފަ އެވެ. އެގޮތުން ޕީއެސްއެސް ސެންޓަރުގެ މިޝަން އަދި ތަސައްވުރު އެކުލަވާލުމާއި، މުޖުތަމައުގެ ބޭނުންތަކާއި މަސައްކަތްކުރާނެ ދާއިރާތައް ދެނެގަތުމާއި، ރިސޯސް މޮބިލައިޒޭޝަންގެ މަސައްކަތްތައް ކުރާނެ ގޮތާ ބެހޭ ގޮތުން ބައިވެރިން ވަނީ މަޝްވަރާކޮށްފަ އެވެ.

ފޯރަމް ހުޅުއްވައިދެއްވަމުން ދިވެހި ރެޑް ކްރެސެންޓްގެ މާލޭ ގޮފީގެ ޗެއާޕާސަން މުހައްމަދު ޖުނައިދު ވިދާޅުވީ ޕީއެސްއެސް ސެންޓަރެއް ގާއިމްކުރުމުގެ ބޭނުމަކީ ޕީއެސްއެސް ދާއިރާގެ މަސައްކަތްތެރިންނަށް ހާއްސަ މައުލޫމާތު ހިއްސާކުރުމާއި، ޕްރޮގްރާމާއި ޓްރެއިނިންގް ހިންގުމާއި، ތަމްރީން ލިބިފައިވާ ވޮލަންޓިއަރުންގެ ޕޫލެއް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުން ކަމަށެވެ. އަދި ދިވެހި ރެޑް ކްރެސެންޓްގެ ސްޓްރެޓީޖިކް ޕްލޭންގައި ހިމެނޭ މުހިއްމު ދާއިރާއެއްގެ ގޮތުގައި ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރަން ހިމެނޭއިރު، ޕީއެސްއެސް ސެންޓަރަކީ މިމަސައްކަތަށް މަގުފަހިކޮށްދޭނެ ސެންޓަރެއް ކަމަށް ޖުނައިދު ވިދާޅުވި އެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ނަފްސާނީ ސިއްހަތުގެ ސިޔާސަތާއި ސްޓްރެޓެޖީގެ މަސައްކަތް ކުރިއަށްދާއިރު، އެސިޔާސަތާއި ސްޓްރެޓެޖީގައި ހިމެނޭ މުހިއްމު ކަންކަން ހާސިލްކުރުމަށްވެސް ސެންޓަރުގެ މަސައްކަތްތަކުން އެހީތެރިވާނެ ކަމަށް ޖުނައިދު ވިދާޅުވި އެވެ.

ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރަފުވެރި މެހެމާން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް އައިމިނަތު އީނާސް ވަނީ މިފަދަ މަސައްކަތެއް ދިވެހި ރެޑް ކްރެސެންޓުން އިސް ނަގައިގެން ކުރިއަށް ގެންދާތީވެ އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ.

އީނާސްގެ ދެއްކެވި ވާހަކައިގައި މިއަދު ރާއްޖޭގައި ދިމާވަމުންދާ އިޖުތިމާއީ މައްސަލަތަކަށް އަލިއަޅުވާލެއްވި އެވެ. އެގޮތުން ކުޑަކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާ ހީނުކުރާ މިންވަރަށް މައްޗަށް ގޮސްފައިވާއިރު، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ މެދު ތަފާތުކުރުންތައް ވަރަށް މައްޗަށް ގޮސްފައިވާ ކަމަށް އީނާސް ވިދާޅުވި އެވެ. އަދި މިފަދަ ސެންޓަރެއް މެދުވެރިކޮށް މިހާރުވެސް މިދާއިރާތަކުން ކުރެވެމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރެވިގެންދާނެ ކަމަށް އީނާސް ވިދާޅުވި އެވެ.

މި ފޯރަމްގައި ޕީއެސްއެސް ދާއިރާގައި މަސައްކަތްކުރާ 50 ފަރާތަކުން ބައިވެރިވެފައިވެއެވެ. ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަނީ ސުނާމީ ކާރިސާގެ ހަނދާން އާކުރުމުގެ ގޮތުން ސުކޫތުގެ ވަގުތުކޮޅެއް ގެނެސްފައެވެ.

މިފޯރަމް ބޭއްވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ވަނީ ފަންނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި ކުރިއަށް އޮތްތާގައި ޕީއެސްއެސް ސެންޓަރުގެ މަސައްކަތްތަކަށް އިތުރު އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެޗްޕީއޭ އަދި ޑަބްލިޔުއެޗްއޯ އިން ދީފައިވާ ކަމަށް ދިވެހި ރެޑް ކްރެސެންޓުގެ މާލޭ ގޮފިން ބުނެ އެވެ.