ބޭރު ކުޅިވަރު

ޗެމްޕިއަންސް ލީގުގައި ނުކުޅެވުނަސް މައްސަލައެއް ނެތް: ހަމެލްސް

ޗެމްޕިއަންސް ލީގުގައި ނުކުޅެވުނަސް މައްސަލައެއް ނެތް ކަމަށް ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުންދާ ޖަރުމަންގެ ގައުމީ ޓީމުގެ ޑިފެންޑަރު މެޓް ހަމެލްސް ބުނެފި އެވެ.

މިދިޔަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ޖަރުމަންގެ ޓީމުގައި ހަމެލްސް އަށް އާސެނަލް އާއި މެންޗެސްޓާ ޔުނައިޓެޑް އިން ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ. ޖަރުމަން ލީގު ތާވަލްގެ 17 ވަނައިގައި މި ވަގުތު އޮތް ޑޯޓްމަންޑަށް ވަނީ އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުން ޖާގަ ހޯޑުމުގެ އުންމީދު ގެއްލިފަ އެވެ.

ޔުނައިޓެޑަށް ބަދަލުވާން އުޅޭ ވާހަކަތަކާ ގުޅިގެން ޖަރުމަންގެ ނޫހަކުން ސުވާލުކުރުމުން ހަމެލްސް ބުނީ މީޑިއާ ރިޕޯޓްތަކާ ގުޅޭގޮތުން އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ. އަދި ޑޯޓްމަންޑަށް ޗެމްޕިއަންސް ލީގުން ޖާގަ ނުލިބޭނެ ކަމަށް ގަބޫލްކުރާ ކަމަށާއި ޗެމްޕިއަންސް ލީގު ނުކުޅެވުމަކީ މައްސަލައެއް ނޫން ކަމަށެވެ.

"ޗެމްޕިއަންސް ލީގުން ޖާގަ ހޯދާކަށް މިހާރު ނުވިސްނަން. ޗެމްޕިއަންސް ލީގު ނުކުޅެވުނަސް އަހަރެން ހިތްހަމަޖެހޭނެ. ދެން އެހެން ކުޅުންތެރިން ދެކޭ ގޮތެއް އަހަންނަކަށް ނޭނގެ،" ހަމެލްސް ބުންޏެވެ.

ހަމެލްސް ބުނީ ޗެމްޕިއަންސް ލީގުން ޖާގަ ނުލިބުމަކީ ޑޯޓްމަންޑްގެ މުހިންު ކުޅުންތެރިން އެ ޓީމު ދޫކޮށްލަފާނެ ސަބަބެއް ކަމަށެވެ.