އައްޑޫ ސިޓީ

އައްޑޫން ހައްޔަރުކުރި ހަ މީހެއްގެ ބަންދަށް ހަތް ދުވަސް

Mar 28, 2022
1

އައްޑޫ ސިޓީގައި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ބައެއް މީހުންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއްގައި އައްޑޫން އިއްޔެ ހައްޔަރުކުރީ ނުވަ މީހުންނެވެ. ބަންދުގެ މުއްދަތު ޖެހުމަށް އަދި ކޯޓަށް ހާޒިރުކުރީ ހަ މީހުން ކަމަށްވާތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އެ މީހުންގެ ބަންދަށް ހަތް ދުވަސް ޖަހާފަ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ބާކީ ތިބި ތިން މީހުން ބަންދުކުރިތާ އަދި 24 ގަޑިއިރު ނުވާތީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ މައްސަަލަ އަދި ކޯޓަށް ހުށަހަޅާފައެއް ނުވެ އެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ ކުއްޖަކު ނުހިމެނޭ ކަމުގައިވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި އައްޑޫން ބަޔަކު ހައްޔަރުކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ދެކަނބަލުންނާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސްބްރަމަންޔަމް ޖައިޝަންކަރާއި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަލާމަތީ ހިދުމަތްތަކުގެ އެންމެ އިސްވެރިން އައްޑޫގައި ތިއްބަވަނިކޮށެވެ.

މި ބޭފުޅުން އައްޑޫ އަށް ވަޑައިގެން ތިއްބެވީ އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި ހެދި ފުލުހުންގެ އެކަޑަމީ ހުޅުވުމުގެ ރަސްމިއްޔާތަށެވެ.

އައްޑޫން ނުވަ މީހަކު ހައްޔަރުކުރި ނަމަވެސް އެމީހުން ހައްޔަރުކުރި ވަކި ރަށެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއަށް ފަހު އައްޑޫގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވެސް ޓެރަރިޒަމްގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފައިވެ އެވެ.