އައްޑޫ ސިޓީ

އައްޑޫގައި ހަށިވިއްކުމުގެ ތުހުމަތުގައި 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި ހަށިވިއްކުމުގެ ތުހުމަތުގައި 10 މީހަކު ހައްޔަރުކޮށްފި އެވެ.

މި 10 މީހުން ހައްޔަރުކުރީ މިމަހުގެ ހަތްވަނަ ދުވަހުގެ ރޭ އައްޑޫ ސިޓީގެ ހިތަދޫއާއި މަރަދޫގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

މި އޮޕަރޭޝަންގައި ހިތަދޫ ގެއެއް ބަލައި ފާސްކުރުމަށްފަހު ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ދެ ފިރިހެނުންނާއި ތައިލެންޑްގެ ތިން އަންހެނުންނެވެ.

މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މި އެންމެންގެ ބަންދަށް 14 ދުވަސް ވަނީ ދީފަ އެވެ.

މަރަދޫގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ސްޕާއެއްގެ ގޮތުގައި ހިންގަމުން ދިޔަ ތަނެއް ބަލައި ފާސްކޮށް ދިވެހި ފިރިހެނަކާއި އިންޑިއާ ފިރިހެނަކާއި މިޔަންމާ ފިރިހެނެއްގެ އިތުރުން ތައިލޭންޑްގެ ދެ އަންހެނަކުވެސް ހައްޔަރުކޮށްފައިވެ އެވެ.

މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ތައިލެންޑް ދެ އަންހެނުންނާއި ދިވެހި ފިރިހެން މީހާ އާއި މިޔަންމާ ފިރިހެން މީހާގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ދީފަ އެވެ. އަދި އިންޑިއާ މީހާގެ ބަންދަށް ކޯޓުން ވަނީ ހަތަރު ދުވަސް ދީފަ އެވެ.

ފުލުހުން ބުނީ މި މައްސަލަވެސް އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.