ރައިީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އުންމީދު ކުރިވަރަށްވުރެ ބޮޑަށް ރާއްޖެ އާއި ޗައިނާ، އިގްތިސޯދާއި ވިޔަފާރީގައި ގުޅުން ބޮޑުވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ދިވެހި ސަރުކާރާއި ޗައިނާގެ ޔުނާން ޕްރޮވިންސް އާއި ދެމެދު ކޯޕަރޭޝަން ފްރޭމް ވޯކްގެ މީޓިން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޗައިނާ އާއި ރާއްޖެ އާއި ދެމެދު އޮންނަ ގުޅުން ދުވަހެއް ދުވަހަކަށް ވަރުގަދަ ވަމުން އަންނަ ކަމަށެވެ.
ސައީދު ވިދާޅުވީ ޗައިނާ އާއި އެކު މަސައްކަތް ކުރަމުން އަންނަ ސްޓޭޓް ފެންވަރުގައި ނޫން ކަމަށާއި މި ފަށަނީ ޕްރޮވިންސް ފެންވަރުގައި ކަމަށެވެ. ސައީދުގެ ވާހަކައިގައި ޗައިނާ އާއި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދެއްވާފައިވާތީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ވިދާޅުވީ މިއަދު މި ފަށާ މީޓިންގެ ސަބަބުން ޔުނާން ޕްރޮވިންސާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން ސައީދު ވަނީ ޗައިނާއިން އެންމެ ގިނައިން އަންނަ ފަތުރުވެރިން އަންނަނީ ޔުނާން ޕްރޮވިންސުން ކަން ފާހަގަކުރައްވާފަ އެވެ. އަދި ޗައިނާ ސައުތް އޭޝިޔާ އެކްސްޕޯގެ ސަބަބުން ވިޔަފާރީގެ ރޮނގުން އެތައް ކުރިއެރުމެއް ރާއްޖެއަށް ލިބުންކަން ފާހަގަ ކުރެއްވި އެވެ.
"މި އެކްސްޕޯގައި ލިބުނު ތަޖުރިބާއަށް ބަލާފައި 2016 ގައި ބާއްވާ އެކްސްޕޯގައި ބޮޑު އިމްޕެކްޓެއް ގެންނާނަން." ސައީދު ވިދާޅުވިއެވެ.
އެއް ދުވަހުގެ މުއްދަތަށް ހޮޓެލް ޖެންގައި ކުރިއަށް ގެންދާ މި މީޓިންގައި ޗައިނާގެ ޔުނާން ޕްރޮވިންސްގެ ވައިސް ގަވަރުނާ ލީ ހުޔާން އާއި އެޕްރޮވިންސްގެ އިސް ވެރިން ބަިއވެރިވެ ވަޑައިގަންނަވާނެ އެވެ.
މި މީޓިންގައި އިކޮނޮމިކް އަދި ކޮމާޝަލް ކޯޕަރޭޝަން އާއި އެހެނިހެން ވެސް ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.