ތަރައްގީގެ އިތުރު މަޝްރޫއުތައް ރާއްޖޭގައި ހިންގާނެ ކަމުގެ ޔަގީންކަން ޗައިނާ އިން ދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފާ އެކު މިވަގުތު ޗައިނާގައި ހުންނެވި މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެގައި ކުރާ ވިޔަފާރިއާއި ފަތުރުވެރިން އިތުރުކުރުމަށް ޗައިނާގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވާނެ ކަމަށެވެ. އަދި އިންވެސްޓްމަންޓާއި ތަރައްގީގެ އިތުރު މަޝްރޫއުތައް ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ޗައިނާ ސަރުކާރުން ދީފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"ނަތީޖާއަށް ހެޔޮ ބަދަލެއް އަންނާނެ އުއްމީދީ ދުވަސްތަކެއް އިންޝާ ٱللَّٰه،" ސައީދު ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއާ ވަރަށް ގާތް ގުޅުމެއް ބޭއްވިއިރުވެސް އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވީ ސައީދު އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 7،000 ފްލެޓް އެޅުމުގެ މަޝްރޫއާއި، ސިނަމާލެ ބްރިޖު ހެދުމާއި އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތަކީ ޗައިނާގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު ކުރިއަށް ގެންދިޔަ މަޝްރޫއުތަކެކެވެ.