ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް

މުއިއްޒުގެ ސަރުކާރުން ޗައިނާއާ ގުޅުން ބަދަހިކުރާނެ: ނައިބް ރައީސް

އިންޑިއާ ކަނޑުގެ ސަރަޙައްދަކީ ވިލުންތެރި އަދި ފުދުންތެރި ސަރަޙައްދަކަށް ހެދުމަށްޓަކައި ތަޖުރިބާ ހިއްސާކުރުމަށާއި އެކުގައި މަސައްކަތްކޮށް ހަރުދަނާ ގުޅުންތަކެއް ގާއިމުކުރުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތް ކަމުގައި ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ ޗައިނާ އާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތައް ގުޅިގެން އިގްތިސާދީ ތަރައްގީއަށް ކުރާ މަސައްކަތާ ގުޅޭގޮތުން މަތީ ފަންތީގެ އިސްވެރިންގެ މެދުގައި ބާއްވަވާ ރަސްމީ ފޯރަމްގެ ދެވަނަ ބުރެވެ.

މި ފޯރަމްގައި ނައިބް ރައީސް ވިދާޅުވީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން 2011 ވަނަ އަހަރު ދިވެހިރާއްޖެ ޕްރޮމޯޓްވުމަށްފަހު، އިންޑިއާ ކަނޑުގެ ސަރަޙައްދާއި އެނޫންވެސް ސަރަހައްދުތަކުގެ ގައުމުތަކާ ގުޅިގެން ސަރަހައްދީ ކުރިއެރުމަށާއި ސުލްހަމަސަލަސް ކަމަށް ރާއްޖެއިން މަސައްކަތްކުރަމުންދާ ކަމަށެވެ. ސަރަޙައްދީ އަދި ބައިނަލްއަގްވާމީ މުޖުތަމައާ ގާތްގުޅުމެއް އުފައްދައި މަޝްވަރާއަށް އިސްކަންދީ، ސުލްހަވެރިކަމާއި އެކުވެރިކަމާއެކު ދެމިތިބެ އެއް އަމާޒަކަށް މަސައްކަތްކުރުމަށް ރާއްޖެއިން އަބަދުވެސް ބާރުއަޅަމުން އަންނަ ކަމުގައިވެސް ވިދާޅުވި އެވެ.

ޗައިނާއަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިއްމު ގައުމެއްކަން ފާހަގަކުރައްވައި ނައިބް ރައީސް ދާޅުވީ ދެ ގައުމުންވެސް އިޖުތިމާއީ ތަރައްގީއާއި، ސުލްހަމަސަލަސްކަމާއި ތަނަވަސްކަން އިތުރު ކުރުމުގެ މަގުސަދުގައި ރައްޔިތުންނަށް އިސްކަންދިނުމުގެ ސިޔާސަތެއް ގެންގުޅޭ ކަމަށެވެ.

ނައިބް ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ޗައިނާއާއި ރާއްޖެއާ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރާނެ ސަރުކާރެއް ކަމަށެވެ. މިގޮތުން މި ދެ ގައުމުގެ ގުޅުމަކީ އެއްބަޔަކު އަނެއް ބަޔަކަށް އަދާކުރާ އިހްތިރާމާއި ދެ ގައުމުން ހިއްސާކުރާ ވަކި އަމާޒުތަކަށް މަސައްކަތްކުރުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމުގައިވެސް ވިދާޅުވި އެވެ. ނައިބް ރައީސް ވަނީ ދެ ގައުމަށްވެސް ފައިދާކުރަނިވި އެކިއެކި ދާއިރާތަކުން ދެ ގައުމުގެ ދެމެދު އިތުރަށް ގުޅުން ބަދަހި ކުރުމުގެ ޝައުގުވެރިކަން ވެސް ފާޅުކުރައްވާފަ އެވެ.

ރާއްޖޭގެ ސަރަހައްދުގެ 99 އިންސައްތަ އަކީ ކަނޑުގެ ސަރަހައްދުކަން ފާހަގަކުރައްވައި ނައިބް ރައީސް ވަނީ ކަނޑާ ގުޅިފައިވާ ކާރިސާތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ދުނިޔެ ހޫނުވުމާއި، ރަށްގިރުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ފަދަ ގެއްލުންތަކަކީ ރާއްޖެއިންވެސް ތަޖުރިބާކުރަންޖެހޭ ކަންތައްތައް ކަމުގައި ވިދާޅުވެފަ އެވެ. އަދި ދިވެހިން ދިރިއުޅުމަށް ކުރާ މަސައްކަތް ގުޅިފައިވަނީ ކަނޑުގެ ދިރުންތަކާއި އަދި ނޫ އިގްތިސާދާ ކަމަށާއި މީގެތެރޭގައި ފަތުރުވެރިކަމާއި، މަސްވެރިކަމުގެ ސިނާއަތަކީ ކަނޑުގެ ދުޅަހެޔޮކަމުގެ މައްޗަށް ބަރޯސާވެފައިވާ ސިނާއަތްތަކެއް ކަމުގައިވެސް ވިދާޅުވި އެވެ.


ނައިބް ރައީސް ވިދާޅުވީ ރާއްޖެއަކީ ނާޒުކު ތިމާވެށްޓެއް އޮތް ގައުމަކަށްވީ ނަމަވެސް ރާއްޖެއަކީ ވިލުންތެރި އަދި ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރަމުންދާ ގައުމެއް ކަމަށެވެ. އަދި އާންމު މުޖުތަމައުތަކަށާއި ތިމާވެއްޓަށްވެސް އޭގެ ފައިދާވާ ގޮތަށް ކަނޑުގެ ދިރުންތަކުގެ ރައްކާތެރިކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގައި އީޖާދީ ގޮތްތައް ހޯދުމަށް ރާއްޖެއިން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

މި ފޯރަމް ވެގެންދާނީ ހިޔާލު ބަދަލުކޮށް ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކުރެވި ހުރިހާ ފަރާތްތަކުގެ އެއްބާރުލުމާއެކު މި ސަރަހައްދުގެ މުސްތަގުބަލް ބައްޓަން ކުރުމަށް ލިބޭ މުހިއްމު ފުރުސަތަކަށް ކަމުގައި ޔަގީންކުރައްވާ ކަމުގައިވެސް ނައިބް ރައީސް ވިދާޅުވި އެވެ.