ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި ހުންނަ ޔުނާން ޔުނިވަސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު ބައްދަލުކުރައްވައިފި އެވެ.
ނައިބް ރައީސްގެ މި ދަތުރުފުޅަކީ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހި ދަރިވަރުން ވަނީ އެ ދަރިވަރުންނަށް ކުރިމަތިވާ ދަތިތަކާ ގުޅޭ މައުލޫމާތު ނައިބް ރައީސްއާ ހިއްސާކުރައްވާފަ އެވެ.
ނައިބް ރައީސް ވެސް ވަނީ ޔުނާން ޕްރޮވިންޝަލް ގަވަރުމަންޓް ސްކޮލާޝިޕްގެ ދަށުން ޔުނާން ޔުނިވަސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ތައުލީމީ ކަންކަން ކުރިއަށްދާ ގޮތާއި، ދަރިވަރުންގެ ތަޖުރިބާއާ ގުޅޭގޮތުން މައުލޫމާތު އޮޅުން ފިލުއްވާފަ އެވެ. އަދި ރާއްޖެއިން ބޭރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެކައުންޓްތަކުން ފައިސާ ނެގޭ އަދަދު މިހާރު ކަނޑައަޅާފައިވާ މިންގަނޑުގެ ސަބަބުން ދަރިވަރުންނަށް ކުރިމަތިވާނެ ދަތިތައް ސަރުކާރަށް ފާހަގަކުރެވިފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.
ނައިބް ރައީސް ވަނީ ރާއްޖެއިން ބޭރުގައި ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްތަކުން ފައިސާ ނެގުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފަ އެވެ. އަދި އެ މައްސަލައަށް ކައިރި މުސްތަގުބަލެއްގައި އަވަސް ހައްލެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) އިން އިންތިޒާމު ކޮށްގެން ބާއްވާ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގައި ނައިބް ރައީސް ތަގުރީރު ކުރެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.
މާދަމާ އަދި ހުކުރު ދުވަހު ކުންމިންގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމުގައި ނައިބް ރައީސްގެ އަރިހުގައި މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދު ބައިވެރިވެވަޑައިގަންނަވާނެ އެވެ.