އިންވެސްޓްމެންޓް ފޯރަމް

އިންޑިއާގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމަށް ތައްޔާރީތައް ފަށައިފި

Dec 27, 2015
1
  • ފޯރަމް ބާއްވަނީ އިންޑިއާގެ ޗެމްބަ އޮފް ކޮމާސްއާ ގުޅިގެން
  • އެޕްރީލް މަހު ފޯރަމް ބޭއްވޭތޯ ބަލަނީ
  • ކާމިޔާބު ފޯރަމަކަށް ވާނެ ކަމަށް އުންމީދު ކުރެވޭ

އަންނަ އަހަރު އިންޑިއާގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމަށް ތައްޔާރުވުމުގެ މަޝްވަރާތައް އެ ގައުމުގެ ދިއްލީގައި ހުންނަ ދިވެހި ހައި ކޮމިޝަނާއި ފެޑަރޭޝަން އޮފް އިންޑިއަން ޗެމްބަރު އޮފް ކޮމާޒް އެންޑް އިންޑަސްޓްރީޒް (އެފްއައިސީސީއައި) އެކު ފަށައިފި އެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި އެ މަޝްވަރާތަކުގެ ތަފްސީލް ދެއްވަމުން އިންޑިއާގައި ހުންނަ ދިވެހި ހައި ކޮމިޝަނަރު، އަހުމަދު މުހައްމަދު، "އަވަސް" އަށް ވިދާޅުވީ އިންވެސްޓްމަންޓް ފޯރަމް ބާއްވާަން ވާން ޖެހޭ ތައްޔާރީތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ އެފްއައިސީސީއައި އާ ގުޅިގެން އެބޭފުޅުންގެ މަޝްވަރާގެ މަތިން ކަމަށެވެ. އަހުމަދު ވިދާޅުވީ އެފްއައިސީސީއައި އާ އެކު ކުރެވުނު މަޝްވަރާތަކުގައި ފޯރަމް ބާއްވާނެ ތާރީހަކާއި ބާއްވާނެ ތަނަކާއި އަދި އެ ފޯރަމަށް ދައުވަތު ދޭނެ ވިޔަފާރިތަކުގެ ކަންތައްތައް ފައިނަލް ކުރުމާ މެދު މަޝްވަރާ ކުރެވުނެވެ. އަދި އެކަމުގައި އެފްއައިސީސީއައިގެ ލަފައެއް ވަރަށް އަވަހަށް ހައިކޮމިޝަނަށް ލިބޭނެ ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު ވިދާޅުވެފައިވާ ގޮތަށް، ފޯރަމް ބޭއްވުމަށް ތައްޔާރިތައް ވަމުން އަންނަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ފޯރަމް ބޭއްވުމަށް ކަމަށެވެ. އަދި ފޯރަމް ހާއްސަ ކުރާނެ ދާއިރާތަކެއް ނިންމާނީ އިކޮނޮމިކް މިނިސްޓްރީ އިން ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެކަންކަން ހައި ކޮމިޝަނަށް އެނގޭނީ ފޯރަމް ބައްވާނެ ތާރީހަކާއި ތަނެއް ފައިނަލްވުމުންނެވެ.

"އެބޭފުޅުންގެ ލަފާ އަޅުގަނޑުމެންނަށް ލިބޭ އިރު ތަނަކާއި ތާރީހެއް އެބޭފުޅުން ވިދާޅުވާނެ. ދެން އަޅުގަނޑުމެން އިކޮނޮމިކް މިނިސްޓްރީއަށް ދަންނަވައިގެން އެ ކަންކަން ފައިނަލް ކުރާނީ. މިކޮޅުން ކުރިއަށް މި ގެންދަނީ މިނިސްޓްރީ އިން އަންގަވާ ގޮތަށް ފޯރަމް ގެންދިޔުމަށް ހައިކޮމިޝަންގެ ފަރާތުން ވާން ޖެހޭ ތައްޔާރިތައް ވުން. އަޅުގަނޑުމެން މިހާރު މި ރާވާ ގޮތަށް ވަރަށް ފުރިހަމަ ކަމާ އެކު ފޯރަމް ގެންދެވޭނެ ކަމަށް އަޅުގަނޑުމެންނަށް އުންމީދު ކުރެވޭ،" އަހުމަދު ވިދާޅުވި އެވެ.

ތިން ވަނަ އިންވެސްޓްމަންޓް ފޯރަމް އިންޑިއާގައި ބާއްވަން ރައީސް އިއުލާން ކުރެއްވީ، މިފަހުން ރާއްޖެ ޒިޔާރަތް ކުރެއްވި އިންޑިއާގެ ފޮރިން މިނިސްޓަރާ އެކު ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް ވިދާޅުވީ އެ ފޯރަމްގެ ބޭނުމަކީ ރާއްޖޭގެ ސިނާއަތްތައް އިންޑިއާގެ އިންވެސްޓަރުންނަށް ހުޅުވާލަދިނުން ކަމަށެވެ. މީގެ ކުރިން އިންވެސްޓްމަންޓް ފޯރަމް ބޭއްވީ ސިންގަޕޫރު އަދި ޗައިނާގަ އެވެ.

އަހުމަދު ވިދާޅުވީ އެފްއައިސީސީ އަކީ އިންޑިއާގެ ވިޔަފާރި ވެރިން ތަމްސީލް ކުރައްވާ މައި ޖަމްއިއްޔާ ކަމަށް ވާއިރު، އެފަދަ ފަރާތްތަކާ ގުޅިގެން ފޯރަމް ބޭއްވުމުން އޭގެން ރަނގަޅު ނަތީޖާތަކެއް ނިކުންނާނެ ކަމަށެވެ. އެ ޖަމްއިއްޔާ އަކީ އިންޑިއާގެ އެންމެ ދުވަސްވީ ޓްރޭޑް ޖަމްއިއްޔާގެ އިތުރުން، އިންޑިއާގެ އެކި ސަރަހައްދުތަކުން އެ ޖަމްއިއްޔާގެ މެންބަރުންގެ ގޮތުގައި 250،000 ވިޔަފާރި އެބަ ހުއްޓެވެ.